ކ. މާލެ
|
15 އޭޕްރިލް 2017 | ހޮނިހިރު 20:37
ރައްޔިތުންގެ މަޖިލިސް ޖަލްސާއެއް ކުރިއަށްދަނީ
ރައްޔިތުންގެ މަޖިލިސް ޖަލްސާއެއް ކުރިއަށްދަނީ
ޓްވިޓަރ
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް: އިސްލާހުވާން އެދޭނަމަ ފުރުސަތު ނަގާނުލާ!
ކުރިތިވެފައިވާ ބިރުވެރިކަމާއި އަޅުވެތިކަމުން ނަޖާވެވޭނެ ފުރުސަތު މިއޮތީ
މާލު ބޮޑުކުރުމަށް ހިންގި ފާސިދު އަމަލުތަކުން މަޖިލީހުގެ ކަރާމާތް ކަނޑުވާލައިފި
ގާނޫނު އަސާސީއާއި ގާނޫނުތަކުގެ ބާރުކަނޑުވައި، ފެހި ފޮތުގެ ވާގި ނައްތާލައިފި

ދިވެހިރާއްޖެ ދައުރުކުރަމުން މިދަނީ މިގައުމުގެ ތާރީޚުގައި އަނދިރި ސަފްހާތަކަކެވެ. ރައްޔިތުންގެ ހައްގުތަކާއި މިނިވަންކަން ނިގުޅައިގަނެފި އެވެ. އެންމެ އަސާސީ ހައްގުކަމުގައިވާ ހައްގު ހޯދުމުގެ ހައްގު ވެސް ނިގުޅައިގަނެފި އެވެ. ގާނޫނު އަސާސީއާއި ގާނޫނުތަކުގެ ބާރުކަނޑުވައި، ފެހި ފޮތުގެ ވާގި ނައްތާލައިފި އެވެ. ގާނޫނީ ވެރިކަމުގެ ސިފަތައް ކެނޑި، ޖަންގަލީގެ ގާނޫނު ހިނގަން ފަށައިފި އެވެ. ރުށްގިނަ މީހާގެ އަޑުގަދަވެ، ބާރުގަދަ މީހާއަށް ހުރިހާ މޮޅެއް ލިބެން ފަށައިފި އެވެ. ނިކަމެތިން މާޔޫސްވެ، ނިޒާމާ މެދު އުންމީދު ކަނޑާލައިފި އެވެ.

 

ގައުމުގެ ހާލަތު މިހާ ދަށު ދަރަޖައަކަށް ވެއްޓިގެން ދިއުމުގެ ޒިންމާ އުފުލަންޖެހެނީ ރައްޔިތުންގެ ޚާދިމުންނެވެ. ދުވާލެއްގެ މައްޗަށް އެތައް ލައްކަ ރުފިޔާއެއް ޚަރަދުކޮށްގެން ހިންގާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޒިންމާ އުފުލަންޖެހެނީ ވަގުތީ މަންފާއެއްގެ ދަހިވެތިކަމުގައި ރައްޔިތުންގެ ހައްގުތައް ނިގުޅައިގަނަންނަން ގާނޫނުތައް ފާސްކުރީތީ އެވެ. އަދާލަތު ގާއިމްކޮށް، ހަމައާއި އިންސާފު ކަށަވަރުކޮށްދޭން ގާއިމްކޮށްފައިވާ މުއައްސަސާތައް ޒިންމާދާރުކުރުވުމުގައި އިހުމާލުވެފައިވާތީ އެވެ. އަމިއްލަ މާލު ބޮޑުކުރުމަށް ހިންގި ފާސިދު އަމަލުތަކުން މަޖިލީހުގެ ކަރާމާތް ކެނޑި، ހައިބަތު ގެއްލުނީތީ އެވެ.

 

ވަގަށް ނެގިހާ ރަށްތަކާއި ފަޅުތަކާއި ގިރިތަކުން ރައްޔިތުން ފޫހިކުރުވައިފި އެވެ. ރައްޔިތުންގެ މާލިއްޔަތަށް އިހުމާލުވެ، އެތައް ބިލިއަނެއް ގެއްލުވާލަން ފުރުސަތު ދިނީތީ ރައްޔިތުން އުންމީދު ކަނޑާލައިފި އެވެ. ނެގިހާ ފައިސާއާއި ރަށްތަކުގެ ދިފާއުގައި ރައްޔިތުންނަށް ޚިޔާނާތްތެރިވެ، އަނިޔާވެރިވަނީ ރައްޔިތުން ރޮއްވާފަ އެވެ. އަބުރުގެ ނަމުގައި ކިބުރުވެރިކަން އިސްކޮށް، ވައްކަން ހަލާލުކުރީ ރައްޔިތުން ބަކިކޮށްފަ އެވެ. ދުލުގެ މިނިވަންކަމުން ހައްގުތައް ހިފަހައްޓަން ފަށައި، ހައްގު ހޯދުމުގެ ހައްގުން ވެސް ރައްޔިތުން ބިކަކޮށްލައި އަޅުވެތިކޮށްލައިފި އެވެ.

 

 

އުފެދިއްޖެ ކޮންމެ އެއްޗަކީ ފަނާވަނިވި އެއްޗެކެވެ. މިއީ ގުދުރަތީ ގާނޫނެވެ. މި ގޮތުގެ މަތިން އާރާއިބާރުގައި ދިރިއުޅުނު އެތައް ބަޔަކު ފަނާވެ ނެތިވެގެން ގޮސްފި އެވެ. ވަކިވެ ދިޔަ މީހުންގެ ހިތާމަތަކުން ހިތްތަކަށް ކެކުޅުން ދިނަސް، ލޯތަކުން ކަރުނު ހިލުވިޔަސް، އެކަން އަނބުރާ އިޔާދަކުރެވޭކަށް ނެތެވެ. އަޅުގަނޑުމެން ދިރިތިބީންނަށް އޮތީ އިބްރަތް ހާސިލުކޮށް، ތެދު މަގު އިޚްތިޔާރު ކުރުމެވެ. އަމަލުތައް ސީދާކުރުމެވެ.

 

ކޮންމެ މީހަކީ ވެސް ކުށެއް ކުރެވިދާނެ މީހެކެވެ. އަޅުގަނޑުމެން އިންސާނުންނަށް އޮންނަނީ ކުރެވޭ ކުށް އިސްލާހު ކުރުމެވެ. އެހެން މީހެއްގެ ހައްގަކަށް އަރައިގަނެވިފައިވާނަމަ، އެ ހައްގެއް ރައްދުކޮށް ނޫނީ މައާފަށް އެދުމެވެ. ދެން އެފަދަ ވިޔާނުދާ ކަމެއް ނުކުރުމަށް އަޒުމް ކަނޑައެޅުމެވެ. ކުށް ގަބޫލުކޮށް، އިސްލާހުވުމަކީ ތަގްވާވެރިކަމުގެ ސިފައަކަށްވާތީ އެވެ.

 

މި ބީދައިން، އިސްލާހުވާން އެދޭނަމަ މެންބަރުންނަށް މިއޮތީ ރަނގަޅު ފުރުސަތެކެވެ. ރައްޔިތުންނަށް ވެވުނު ޣައްދާރަށް މައާފަށް އެދި، އަމަލުތައް ސީދާކުރުމުގެ ފުރުސަތެވެ. ތިން އަހަރު ވަންދެން ރައްޔިތުންނަށް ދެމުން އައި އަނިޔާ ހުއްޓާލައި، ރައްޔިތުންގެ ރުހުން ހޯދުމުގެ ފުރުސަތެވެ. ރައްޔިތުންގެ ފަޅި އިޚްތިޔާރުކޮށް، ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރުމުގެ ފުރުސަތެވެ. އިންސާފާއި، އޯގާތެރިކަން އިސްކޮށް، ބޭއިންސާފު ނައްތާލުމުގެ ފުރުސަތެވެ. ކުރިތިވެފައިވާ ބިރުވެރިކަމާއި އަޅުވެތިކަމުން ނަޖާވެވޭނެ ފުރުސަތެވެ. ގައުމު ވޭތުކުރަމުން މިދާ އަނިދިރި ދުވަސްތަކަށް ނިމުމެއް ގެނެސް، އަމާން ދަތުރަކަށް މިސްރާބު ޖެހުމުގެ ބޮޑު ފުރުސަތެވެ.

 

އިސްލާހުވާން އެދޭނަމަ މި ފުރުސަތު ނަގާ ނުލައްވާށެވެ. މިސްރާބު ސީދާކޮށްލަން އަވަސް ވެލައްވާށެވެ. ގޮސް ހުސްވެގެން ނޫޅުއްވާ، އިލާހީ އަމުރަށް ކިޔަމަންވެލައްވާށެވެ. އުމުރު ހުސްވެ ސުވާލުކުރެވޭއިރު، ހިތް އުފާވާ ފަދަ ޖަވާބެއް ދެވޭ ވަރަށް އިސްލާހުވެއްލައްވާށެވެ. މި ވަގުތީ ދުނިޔޭގެ ދައުރުގެ ވަގުތު ނަގާނުލައްވާށެވެ. ހުރިހާ ބިރަކުން މިންޖުވެގެން މަހުޝަރުގެ މައިދާނަށް ދެވޭ ވަރަށް އިސްލާހުވެލައްވާށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް