އެމެރިކާގެ ފުރަތަމަ މުސްލިމް އަންހެން ފަނޑިޔާރު ގަސްދުގައި މަރުވީ ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނެފިއެވެ.
އުމުރުން 65 އަހަރުގެ ޝީލާ އަބްދުއްސަލާމް ނިއު ޔޯކްގެ ހަޑްސަން ކޯރުގައި ބުދަ ދުވަހު ވަނީ މަރުވެފައެވެ.
ބުރާސްފަތި ދުވަހު ފުލުހުން ބުނީ ފަނޑީޔާރު ޝީލާ ދިޔައީ ނަފްސާނީ ބަލިތަކަށް ބޭސްކުރަމުން ކަމަށާއި އަދި އޭނާ އަމިއްލައަށް މަރުވީ ކަމަށް ބެލޭވޭ ކަމަށެވެ. ފުލުހުން ބުނީ ޝީލާ މަރުވީ އަމިއްލަ އަށްކަން އަންގައިދޭން ނޯޓެއް ފަދަ އެއްޗެއް ބާއްވާފައިވާ ކަން އަދި އެނގިފައި ނުވާ ކަމަށެވެ. ފުލުހުން އިތުރަށް ބުނީ އިތުރު މައުލޫމާތެއް ހިއްސާ ކުރުމުގެ ކުރިން ޝީލާގެ އޯޓޮޕްސީގެ ނަތީޖާ އަށް މަޑުކުރަމުންދާ ކަމަށެވެ.
އެމެރިކާގެ ފުރަތަމަ މުސްލިމް އަންހެން ފަނޑިޔާރުގެ އިތުރުން ޝީލާ އަކީ ނިއު ޔޯކުގެ ކޯޓް އެޕީލްސް އަށް އައްޔަން ކުރި އެފްރިކާ-އެމެރިކާ ދަރިކޮޅުގެ ފުރަތަމަ އަންހެން ފަނޑިޔާރު ވެސް މެ އެވެ. ޝީލާ ކޯޓް އޮފް އެޕީލްސްގެ ފަނޑިޔާރަކަށް ހަމަޖެއްސީ 2013 ވަނަ އަަހަރު އެވެ.
ރިޕޯޓުތައް ބުނާގޮތުން މީގެ ތިން އަހަރެއްހާ ދުވަސް ޝީލާގެ ބޭބެ ވަނީ އަމިއްލައަށް މަރުވެފައެވެ. އަދި ޝީލާގެ މަންނަވެސް ވަނީ ދާދިފަހުން މަރުވެފައެވެ.