ކ. މާލެ
|
28 އޯގަސްޓް 2020 | ހުކުރު 15:46
މިދިޔަ އަހަރު އޮތް ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރި ރާއްޖޭގެ ކޮންޓިންޖެންޓް
މިދިޔަ އަހަރު އޮތް ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރި ރާއްޖޭގެ ކޮންޓިންޖެންޓް
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
ކޮމަންވެލްތު ގޭމްސް
ކޮމަންވެލްތު ގޭމްސް ފެޑެރޭޝަނުގެ މެންބަރުކަން ރާއްޖެއަށް އަލުން ލިބިއްޖެ
ކޮމަންވެލްތު ގޭމްސްގައި ވާދަކުރުމުގެ ފުރުސަތު ރާއްޖެއަށް ގެއްލުނީ 2016 ވަނަ އަހަރު ކޮމަންވެލްތުން ވަކިވާން ރާއްޖެއިން ނިންމުމާ ގުޅިގެން
ކޮމަންވެލްތު ގޭމްސްގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖެއަށް އަލުން ލިބުނުކަން ރައީސް ޞާލިޙު ވަނީ އިއުލާން ކުރައްވާފައި

ކޮމަންވެލްތު ގޭމްސް ފެޑެރޭޝަނުގެ މެންބަރުކަން ރާއްޖެއަށް އަލުން ލިބިއްޖެއެވެ.

ކޮމަންވެލްތު ގޭމްސް ފެޑެރޭޝަނުގެ މެންބަރުކަން އަލުން ރާއްޖެއަށް ލިބުނީ ކޮމަންވެލްތު ފެޑެރޭޝަނުގެ މެންބަރު ގައުމުތަކުގެ ތެރެއިން 50 އިންސައްތަ ގައުމުގެ ވޯޓާއެކުގައެވެ. އެހެން ކަމުން ކޮމަންވެލްތު ގޭމްސްގައި ބައިވެރިވުމުގެ ފުރުސަތު އަލުން ރާއްޖެއަށް ވަނީ ލިބިފައެވެ.

ދުނިޔޭގެ 53 ގައުމަކުން ބައިވެރިވާ ކޮމަންވެލްތު ގޭމްސް އަކީ ދުނިޔޭގައި ބާއްވާ ކުޅިވަރުގެ އެންމެ ބޮޑު އެއް ހަރަކާތެވެ. 18 ކުޅިވަރެއްގެ 261 އިވެންޓް އޮންނަ މި ގޭމްސްގައި 4،000 ށްވުރެ ގިނަ އެތުލީޓުން ބައިވެރިވެއެވެ.

ރާއްޖެއިން 1986 ވަނަ އަހަރުން ފެށިގެން ވާދަކުރަމުން އަންނަ ކޮމަންވެލްތު ގޭމްސް އަދި ކޮމަންވެލްތު ޔޫތު ގޭމްސްއަކީ ރާއްޖޭގެ އެތުލީޓުން ދުނިޔޭގެ ފެންވަރުގެ އެތުލީޓުންނާ ވާދަކޮށްލަން ލިބޭ ރަނުގެ ފުުރުސަތެކެވެ. މި ފުރުސަތު ރާއްޖެއަށް ގެއްލުނީ 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ކޮމަންވެލްތުން ވަކިވާން ރާއްޖެއިން ނިންމުމާ ގުޅިގެންނެވެ. ހަތަރު އަހަރުގެ މެދުކެނޑުމަކަށް ފަހު، ރާއްޖެ އިން އަލުން ކޮމަންވެލްތާ ގުޅުނީ މިއަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުއެވެ.

ކޮމަންވެލްތު ގޭމްސްގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖެއަށް އަލުން ލިބުނުކަން ހުކުރު ދުވަހުގެ ވަގުތެއްގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ އިއުލާން ކުރައްވާފައެވެ. ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެއަށް ކޮމަންވެލްތު ގޭމްސްއިން ފުރުސަތު ލިބުނުކަން ކޮމަންވެލްތު ގޭމްސް ފެޑެރޭޝަނުގެ ރައީސް ޑޭމް ލުއިސް މާޓިން ލިޔުމަކުން އަންގާފައިވާ ކަމަށެވެ. އަދި ރާއްޖެ އަލުން ގޭމްސްގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް އެއްބާރުލުންދިން މެންބަރު ގައުމުތަކަށް ޝުކުރުއަދާކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ހުކުރު ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮމަންވެލްތު ގޭމްސްގައި އަލުން ރާއްޖޭގެ އެތުލީޓުންނަށް ބައިވެރިވުމުގެ ފުރުސަތު ލިބުމަކީ ކުޅިވަރު އާއިލާއަށް ލިބުނު ބޮޑު އުފަލެއް ކަމަށާއި، މި ފުރުސަތު އަލުން ދެއްވި ކަމަށްޓަކައި ކޮމަންވެލްތުގެ ރައީސްއަށް ޝުކުރުއަދާކުރައްވާ ކަމަށެވެ. އަދި ކޮމަންވެލްތުން ވެދެއްވަމުން ގެންދަވާ އެހީއަކީ ދިވެހި އެތުލީޓުން އެކަމަށް އަބަދުވެސް ޝުކުރުއަދާކުރާ ކަމެއް ކަމުގައި ވަޒީރު ވިދާޅުވިއެވެ.

"ރާއްޖެ.އެމްވީ" އަށް ދެއްވި އިންޓަވިއުއެއްގައި މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ ސެކެޓްރީ ޖެނެރަލް އަހުމަދު މަރުޒޫގު (މަރޭ) ވިދާޅުވީ އަލުން އަނބުރާ ކޮމަންވެލްތު ގޭމްސްގައި ރާއްޖެ ބައިވެރިވެވުން އެއީ ކުޅިވަރު ކުޅުންތެރިންނަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށާއި، މި ކަމުގައި ސަރުކާރު ފަރާތުން ލިބުނު އެހީއަށް ވަރަށް ބޮޑު ޝުކުރުއަދާ ކުރާ ކަމަށެވެ. އަދި ހާއްސަކޮށް ޚާރީޖީ ވުޒާރާއިން ދެއްވި އެއްބާރުލުން ފާހަގަކުރާ ކަމަށްވެސް ވިދާޅުވިއެވެ. މީގެ އިތުރުން މަރޭ ވަނީ ކޮމަންވެލްތު ފެޑެރޭޝަންގެ ރައީސް ޑޭމް ލުއިސް މާޓިން އާއި ނައިބު ރައީސް މާރިޔާ މޮއެރާ ވެދެއްވި އެހީއަށް ޝުކުރުއަދާ ކުރައްވާފައެވެ.

ކޮމަންވެލްތު ގޭމްސްގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖެއަށް އަލުން ލިބުނުއިރު، މި ގޭމްސްއާ ދިމާކޮށް ގޭމްސްގެ ފެޑަރޭޝަނުން ދިވެހި އެތުލީޓުން ތަމްރީނު ކުރުމަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެއެވެ. އަދި ކޮމަންވެލްތު ގޭމްސް އަކީ ދިވެހި އެތުލީޓުންނަށް އޮލިމްޕިކްސްގެ ކުރިން ދުނިޔޭގެ މަތީ ފަންތީގެ އެތުލީޓުންނާ ވާދަކޮށް ތަޖުރިބާ ހޯދައި އަދި ރާއްޖޭގެ ނިސްބަތުން ކާމިޔާބީ ހޯދުމަށް ލިބޭ ޕްލެޓްފޯމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
- ކޮމެންޓް
28 އޯގަސްޓް 2020 | ހުކުރު 20:44
މނބ
މަޖާކޮށްލަން އިނގިރޭސި ވިލާތަށް ދާން ތައްޔާރުވޭ ކުދިންނޭ!
28 އޯގަސްޓް 2020 | ހުކުރު 19:35
މޫސަދީ
ރާއްޖެ އަށް އޮންނަނީ ހަމަ އެކަނި ތަޖުރިބާ ހޯދުންތަ؟