ފްރާންސްގެ ދެ މިޑްފީލްޑަރުން ކަމަށްވާ ޕައުލް ޕޮގްބާ އާއި ޓަންގުއީ އެންޑޮންބެލޭ ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ފްރާންސްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ޑިޑިއޭ ޑިޝޯމްޕްސް ވަނީ އެ ދެ ކުޅުންތެރިން ކޮވިޑް-19 އަށް ޕޮޒިޓިވް ވިކަން ހާމަކޮށްފައެވެ. އެއާއެކު ކުރިއަށް އޮތް ޔުއެފާ ނޭޝަންސް ލީގުގެ މެޗުތަކަށް ފްރާންސުން އެކުލަވާލި ސްކޮޑުން އެ ދެ ކުޅުންތެރިން ވަނީ ބާކީކޮށްފައެވެ.
ޑިޝޯމްޕްސް ބުނީ ސްކޮޑް އެކުލަވާލުމަށް ފަހު ވަގުތާ ޖެހެންދެން މަޑުކުރި ކަމަށާއި، ޕޮގްބާ ސްކޮޑުން ބާކީކުރަން ނިންމީ ބުދަ ދުވަހު ހެދި ޓެސްޓުން އޭނާ ޕޮޒިޓިވްވުމާ ގުޅިގެން ކަމަށެވެ. އަދި ޕޮގްބާގެ ބަދަލުގައި ރެނެސްގެ މިޑްފީލްޑަރު އެޑުއާޑޯ ކަމަވިންގާ ސްކޮޑަށް ނަގާފައިވާ ކަމަށްވެސް ޑިޝޯމްޕްސް ބުންޏެވެ.
ރިޕޯޓުތައް ބުނާ ގޮތުން ޕޮގްބާ މިވަގުތު އިންގްލެންޑްގައި ހުރިއިރު، މިދިޔަ ހޮނިހިރު ދުވަހު ޕޮގްބާ ވަނީ އޭނާގެ އަންހެނުންނާއި އަދި ބައެއް ރައްޓެހިންތަކަކާއެކު ލަންޑަންގެ ރެސްޓޯރަންޓަކަށް ޒިޔާރަތް ކޮށްފައެވެ.
މެންޗެސްޓާ ޔުނައިޓެޑްގެ މިޑްފީލްޑަރު ޕޮގްބާ އާއި ޓޮޓެންހަމް ހޮޓްސްޕާގެ މިޑްފީލްޑަރު އެންޑޮންބެލޭ ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން މިހާރު އެ ދެ ކުޅުންތެރިން ވަނީ އައިސޮލޭޝަނަށް ބަދަލުކޮށްފައެވެ. އަދި އައިސޮލޭޝަނުގައި އެ ދެ ކުޅުންތެރިން 14 ދުވަސް ހޭދަކުރަން ޖެހޭނެއެވެ.
ފްރާންސްގެ ސްކޮޑުން ޕޮގްބާ އާއި އެންޑޮންބެލޭ ބާކީކުރިއިރު، ކުރިއަށް އޮތް ނޭޝަންސް ލީގުގައި ފްރާންސުން ސެޕްޓެމްބަރު މަހުގެ ކުރީކޮޅު ސްވިޑެން އާއި ކްރޮއޭޝިއާއާ ދެކޮޅަށް ނުކުންނާނެއެވެ.