އެމެރިކާ އިން އަފްޣާނިސްތާނަށް ބާރުގަދަ ބޮމެއް އެޅުމަކީ ސީދާ ވަކި "ޓެކްނިކަލް" ވިސްނުންތަކެއްގެ މައްޗަށް ބިނާކޮށްގެން ކުރި ކަމެއް ކަމަށް އަފްޣާގާނިސްތާނުގައި ހުންނެވި އެމެެރިކާގެ އިސް ކޮމާންޑަރެއް ކަމަށްވާ ޖެނެރަލް ޖޯން ނިކޮލްސަން ވިދާޅުވެއްޖެއެވެ.
ޖެނެރަލް ނިކޮލްސަން ވިދާޅުވީ ބާރުގަދަ ބޮމެއް އެޅި ސަބަބަކީ ހަނގުރާމަވެރިން ޓަނަލްތަކާއި، ބަންކަރާއި އަދި މައިން ފީލްޑް ބޭނުން ކުރާތީ އެފަދަ ގޮންޖެހުންތަަކުން ސަލާމަތްވެ، ކަންކަން ގެންދިއުމަށް ކަމަށެވެ.
އެމެރިކާ އިން ހަނގުރާމައެއްގެ ތެރޭގައި މިހާތަނަށް ބޭނުން ކޮށްފައިވާ ނިއުކްލިއާ ނޫން އެންމެ ބޮޑު ބޮން، އެމެރިކާއިން އަފްޣާނިސްތާނުގައި އިސްލާމިކް ސްޓޭޓް (އައިއެސް) އާ ދެކޮޅަށް ބޭނުންކޮށް އައިއެސްގެ 36 ހަނގުރާމަވެރިއަކު މަރާލައިފައިވާ ކަމަށް އަފްޣާންގެ ޑިފެންސް މިނިސްޓްރީން ބުނެފައި ވެއެވެ.
އަފްޣާންގެ ޑިފެންސް މިނިސްޓްރީން އިތުރަށް ބުނީ މިހަމަލާގެ ސަބަބުން އައިއެސްގެ ބޭސްއެއް ހަލާކުވެގެން ދިޔަ ކަމަށާއި އެއްވެސް އާންމު ރައްޔިތަކަށް ބޮމުގެ އެއްވެސް އަސަރެއް ނުކުރާ ކަަމަށެވެ.
އަފްޣާނިސްތާނުގެ ޗީފް އެގްޒެކެޓިވް އަބްދުﷲ އަބްދުﷲ ވިދާޅުވީ އެމެރިކާ އިން ހަމަލާދީފައި ވަނީ އަފްޣާން ސަރުކާރާ ގުޅިގެން ކަމަށާއި އާއްމުންނަށް ގެއްލުމެއް ނުލިބޭނެ ގޮތަށް ކަންކަން ރާވައިގެން ފަރުވާތެރިކަމާއި އެކުަގައި ކަމަށެވެ.
އެމެރިކާގެ އަސްކަރިއްޔާ އިން ބުނީ 9800 ކިލޯގެ ނިއުކްލިއާ ނޫން ބޮން ބޭނުންކޮށްފައި ވަނީ އަފްގާނިސްތާނުގައި އައިއެސް އިން ބޭނުން ކުރަމުން ދާ ޓަނަލް ކޮމްޕްލެކްސް އެއް ހަލާކުކޮށްލުމަށް ކަމަށެވެ. "ދަ ޖީބީޔޫ-B/43 މެސިވް އޯޑްނެންސް އެއާ ބްލާސްޓް ބޮމްބް (އެމްއޯއޭބީ)" އަކީ "ހުރިހާ ބޮންތަކުގެ މަންމަގެ ގޮތުގައި" ބެލެވޭ ބޮމެވެ. ޕެންޓަގަން އިން ބުނީ އެ ބޮން އެޅީ އެމެރިކާގެ ބޮން އަޅާ ފްލައިޓެއް ބޭނުންކޮށްގެން ނަންގަހާރް ޕްރޮވިންސަށް ކަމަށެވެ.
އެމެރިކާ އިން އަައިސް އާ ދެކޮޅަށް މި ދިން ވަރުގަދަ ހަމަލާ ދިން އިރު މިދިޔަ ހަފްތާގައި ނަންގަހާރް ޕްރޮވިންސްގައި އެމެރިކާގެ ސިފައިންގެ މީހަކު ވަނީ މަރުވެފައެވެ.
އެމެރިކާ އިން ބާރުގަދަ ބޮމެއް ބޭނުންކޮށްގެން އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އައިއެސްގެ އަމާޒަކަށް މިދިން ހަމަލާއާ ގުޅިގެން ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ "މިއީ ކާމިޔާބު އިތުރު މަސައްކަތެއް" ކަމަށެވެ.