ސްޕޭންގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޖެރާޑް ޕީކޭ އާއި އޭނާގެ އަންހެނުން މަޝްހޫރު ލަވަ ކިޔުންތެރިޔާ ޝަކީރާ ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އަތުވެއްޖެއެވެ.
މިއީ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު ރާއްޖެއަށް ދަތުރުކުރި ފުރަތަމަ ސެލެބްރިޓީންނެވެ.
ހޫނު މޫސުމުގެ ޗުއްޓީއަށް މި ދެ ތަރިން ރާއްޖެ އައިރު، މި ދެ ތަރިން ޗުއްޓީ ހޭދަކުރާނީ "ވޮލްޑޯފް އެސްޓޯރިއާ" މޯލްޑިވްސް އިތާފުށީގައެވެ. ދުނިޔެއަށް މަޝްހޫރު ވޮލްޑޯފް އެސްޓޯރިއާގެ މި ރިސޯޓު މިދިޔަ އަހަރު ރާއްޖޭގައި ހުޅުވިއިރު، މި ރިސޯޓު ވަނީ ގިނަ އެވޯޑުތަކެއް ހޯދާފައެވެ.
ކޮންމެ އަހަރެއްގެ ހޫނު މޫސުމުގައިވެސް ރާއްޖެއަށް މަޝްހޫރު ގިނަ ތަރިންތަކެއް ދަތުރުކުރަމުން އަންނައިރު، މިއަހަރުގެ ހޫނު މޫސުމުގައި ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުވަނީ މަދުވެފައެވެ. އެކަމަކު މި ފަހަކަށް އައިސް ފަތުރުވެރިން ރާއްޖެ އަންނަ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރު، މި ދެތަރިން ރާއްޖެ އައުން ވެގެންދާނީ ރާއްޖޭގެ ފަތުރުވެރިކަން ވެއްޓިފައިވާ އަނދަވަޅުން އަރައިގަތުމަށް ހުޅުވިގެންދާނެ ދޮރެއް ކަމުގައި ފަތުރުވެރިކަމުގެ މާހިރުން ދެކެއެވެ.
ޕީކޭ އާއި ޝަކީރާ އެންމެ ފުރަތަމަ ދިމާވެފައިވަނީ 2010 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕަށް ޕްރޮމޯޝަން ލަވައެއް ހެދުމުގެ ޝޫޓިންގެ ތެރެއިންނެވެ. ވޯލްޑް ކަޕަށް ފަހު އެންމެ ބޮޑަށް އަޑުއެރި އެއް ވާހަކައަކީވެސް ޕީކޭ އާއި ޝަކީރާގެ ލޯބީގެ ވާހަކައެވެ. މިހާރު ދެ ދަރިން ލިބިފައިވާ މި ދެ ތަރިން މީގެ ކުރިންވެސް ވަނީ ރާއްޖެ އައިސްފައެވެ.