ބޮލީވުޑްގެ ތަރި ކަރީނާ ކަޕޫރު ޚާން މާބަނޑުކަން އިއުލާން ކުރިތާ ދެ ދުވަސް ފަހުން އޭނާ އެނބުރި މަސައްކަތަށް ގޮސް ނަގާފައިވާ ފޮޓޯއެއް މި ވަނީ ހިއްސާކޮށްފައެވެ.
ކަރީނާ އާއި އެކު މަސައްކަތް ކުރާ މީހަކު ހިއްސާ ކޮށްފައިވާ މި ފޮޓޯގެ ކެޕްޝަންގައި "ބެކް ވިތް ދަ ޓީމް #ކޮވިޑްޝޫޓް" ލިޔެފައި ވެއެވެ.
މި ފޮޓޯގައި ކަރީނާ ފެނިގެން ދަނީ ހުދު ކުލައިގެ ހެދުމަކާއި ހަރުވާޅެއް ލައިގެން ހުއްޓައެވެ. އަދި އޭނާގެ ކޮނޑި މަތީގައި ހުދު ކުލައިގެ ދޯޕައްޓާއެއް އަޅާފައި ވެއެވެ.
ކަރީނާ ހެވިފައި ފޮޓޯއަށް ހުއްޓި އިރު ފޮޓޯއިން އޭނާގެ ބަނޑު ކޮންމެވެސް ވަރަކަށް ފާޅުވެއެވެ.
ކަރީނާގެ ހެދުން އެޅުމުގެ ސްޓައިލް އަކީ ގިނަ ބަޔަކަށް އަބަ ދުވެސް ވަރަށް ކަމުދާ ސްޓައިލްއެކެވެ.
އޭނާ ފުރަތަމަ ދަރިފުޅު ތައިމޫރު އަލީ ޚާން އަށް ބަލިވެ އިން އިރުވެސް އެކިއެކި ޝޯތަކުން ކަރީނާ ވަނީ ތަފާތު ހެދުންތަކުގައި ފެނިގެން ގޮސްފައެވެ.
ބޮލީބުޑް އެކްޓަރ ސައިފް އަލި ޚާން އާއި ކަރީނާއަށް ދެވަނަ ދަރިއަކު ލިބޭކަން މި ދެމަފިރިން އިއުލާން ކޮށްފައިވަނީ މީގެ ދެ ދުވަސް ކުރިންނެވެ.
މި ދެމަފިރިން 2012 ވަނަ އަހަރު ކައިވެނި ކޮށްފައިވާއިރު، ތައިމޫރު ލިބިފައިވަނީ 2016 ވަނަ އަހަރުއެވެ.
ތައިމޫރު ވިހެއުމަށްފަހު ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި ބަރުދަން ލުއިކޮށް އޭނާ ވަނީ ފިލްމްތަކުގައި މަސައްކަތް ކުރަން ފަށާފައެވެ. އެގޮތުން ކަރީނާ ވިހެއުމަށްފަހު ފުރަތަމަ ކުޅެފައިވަނީ "ވީރޭ ދި ވެޑިން" އެވެ. މި ފިލްމަށް ބޮކްސް އޮފީހުގައި ވަނީ ބޮޑު ކާމިޔާބީއެއް ލިބިގެން ގޮސްފައެވެ.
ކަރީނާ އެންމެ ފަހުން ޝޫޓް ކުރަން ފަށާފައިވާ ފިލްމަކީ "ލާލް ސިންގް ޗައްދާ" އެވެ. މި ފިލްމްގައި ކަރީނާ އާއެކު ފެނިގެން ދާނީ އާމިރު ޚާން އެވެ.
ކޮވިޑް-19 އާ ގުޅިގެން ފިލްމްގެ ޝޫޓިންތައް މެދުކަނޑާލާފައި ވީނަމަވެސް ކަރީނާ މިވަގުތު ބޭނުން ވަނީ އޭނާގެ ބަނޑު ފާޅުވާން ފެށުމުގެ ކުރިން ފިލްމްގެ ޝޫޓިންތައް އަވަހަށް ނިންމާލުމަށެވެ.