ރާއްޖޭގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ކުރަންޖެހެ ހުރިހާ މަސައްކަތެއް ކުރި ކަމަށާއި، އެގޮތުން މުހިންމު ހަތަރު ކަމަކަށް އިސްކަން ދެއްވައިގެން ކަންކަން ރޭވިގެން ދިޔަކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫއްޕުގައި ހިމެނިވަޑައިގަންނަވާ ޑރ. އަލީ ލަތީފް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީގައި ވާހަކަދައްކަވަމުން ޑރ. އަލީ ލަތީފް ވިދާޅުވީ ހަތަރު ކަމެއް ކޮށްގެން، ކޮވިޑް ކޮންޓްރޯކް ކުރެވިދާނެކަމަށް މި ކަންކަމުގައި މަސައްކަތް ކުރި ކޮންމެ މީހަކަށް ވެސް އެނގޭނެ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ބަލި އަވަހަށް ދެނެގަތުމާއި ޓެސްޓް ކުރުމާއެކު ކޮންޓެކްޓް ޓްރޭސިންގެ ހެދުމާއި، ކަރަންޓީން އަދި އައިސޮލޭޓް ކުރުން ކަމަށެވެ.
"މި ހުރިހާ ކަންތަކެއް ރާއްޖޭގައި ހިނގާފައި އެބަހުރި. އެއީ ކޮންޓްރޯލް ކުރަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް. ދެން ލޮކްޑައުން ނިންމާލާފައި އަޅުގަނޑުމެން ނުކުތް އިރު އާ ހޮސްޕިޓަލެއް ވެސް ހުރީ ހެދިފައި. ހުޅުމާލޭގެ ފެސިލިޓީގައި އައިސޮލޭޓް ކުރެވޭ އަދި ވެންޓިލޭޓް ވެސް ކުރެވޭ. އެއީ ކޮންމެހެން ވެސް މުހިންމު ކަމެއް. ކޮވިޑްގެ އެންމެ މުހިންމު އެއް ކަމަކީ ފަރުވާ ދޭނެ ނިޒާމް ހަމަޖެއްސުން،"ޑރ. އަލީ ލަތީފް
ޑރ. އަލީ ލަތީފް ވިދާޅުވީ ޓެގްޓީމަށް މީހުން ނަގާފައިވަނީ ކިހިނެއް ކަމެއް އެނގިވަޑައި ނުގަންނަވާ ކަމަށާއި، ނަމަވެސް އެ ޓީމުގައި ތިއްބެވި މީހުންނަކީ ރާއްޖޭގައި ސިއްހީ ދާއިރާގެ އެންމެ ފުންނާބު އުސް މީހުންތައް ކަމަށެވެ. އަދި ޓެގް ޓީމުގެ މަސައްކަތްތައް ކުރުމުގައި އެއްވެސް ކަހަލަ ނުފޫޒެއް ނެތް ކަމަށާއި މަސައްކަތް ކުރީ މިނިވަންކަމާއެކު ކަމަށެވެ.
"އަޅުގަނޑުމެން މަސައްކަތް ކުރީ ވަރަށް މިނިވަންކަމާއެކު. އަޅުގަނޑުމެންނަށް މިނިވަންކަމާއެކު މަސައްކަތް ނުކުރެވުނު ނަމަ މިތާގައި ނުތިބޭނަން. އަޅުގަނޑުމެން ނިންމި ނިންމުންތަކަކީ އެއްވެސް ގޮތަކަށް ފަސޭހަ ނިންމުންތަކެއް ނޫން. ވަރަށް ދަތި ކަންތައްތައް ހުރި މިކަމުގައި. ބައެއް ނިންމުންތައް ވާނެ މަޝްވަރާގެ މަތިން ބަދަލުވެސް ކޮށްފައި،"ޑރ. އަލީ ލަތީފް
ޑރ. އަލީ ލަތީފް ވިދާޅުވީ އާންމު ސިއްހަތަށް ގެއްލުންދޭ އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށާއި، ކޮވިޑާއި ގުޅިގެން ކުރެވުނު މަސައްކަތުގައި ހިތްހަމަޖެހޭ ވަރަށް ކަންކަން ކުރެވިފައި އެބަހުރި ކަމަށެވެ.