އެމެރިކާގެ އިދިކޮޅު ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑެންސީ ކާމިޔާބުކުރުމާ ދިމާލަށް މިސްރާބު ޖަހާފައިވާ އެގައުމުގެ ކުރީގެ ނައިބު ރައީސް ޖޯ ބައިޑަންގެ ރަނިންގ މޭޓަކަށް ސެނެޓަރ ކަމަލާ ހެރިސް ހަމަޖައްސަވައި އިއުލާން ކުރައްވައިފިއެވެ.
މިއާއެކު ހެރިސް ވެގެންދާނީ ނައިބު ރައީސް ކަމަށް ވާދަކުރައްވާ އެމެރިކާގައި ކަޅު ނަސްލުގެ އެންމެ ފުރަތަމަ ބޭފުޅަކަށެވެ. މީގެ އިތުރުން އެމެރިކާގެ މުޅި ތާރީހުގައި ވެސް ރިޔާސީ ޓިކެޓެއް ލިބިގެންދާނެ ހަތަރު ވަނަ ބޭފުޅާއަށެވެ. ހެރިސް ވަނީ މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ޓިކެޓް ހޯއްދަވަން މަސައްކަތް ވެސް ކުރައްވާފައެވެ. އޭނާ އެއިރު ވާދަކުރެއްވީ ޖޯ ބައިޑަންއާއެވެ. ނަމަވެސް ކެމްޕެއިން ހުއްޓާލަން ޖެހިވަޑައިގަތީ އެކަމަށް ބޭނުންވާ ވަރަށް ފައިސާ ނުލިބުމުންނެވެ.
ހެރިސް އަކީ އެމެރިކާގެ ކެލިފޯނިއާގެ ސެނެޓެވެ. މީގެ އިތުރުން ކުރީގެ އެޓަރނީ ޖެނެރަލްކަން ވެސް އޭނާ ވަނީ އަދާކުރައްވާފައެވެ. ހެރިސް ރަނިންގ މޭޓަކަށް ހަމަޖެއްސެވިކަން އިއުލާން ކުރައްވާ ބައިޑަން ސަޕޯޓަރުންނަށް ފޮނުއްވި މެސެޖާއި މެއިލްގައި ވިދާޅުވީ ހެރިސް ރަނިންގ މޭޓަކަށް ހަމަޖައްސަވާފައިވާ ކަމަށާއި، އެކުއެކީގައި ޓްރަމްޕް ބަލި ކުރައްވާނެ ކަމަށެވެ. މިއާއެކު ބުދަ ދުވަހު ދެބޭފުޅުން އެކީގައި ވިލްމިންގްޓަންގައި އެކީގައި ފެނިގެންދާނެ ކަމަށް ހަބަރުތައް ބުނެއެވެ.
ބައިޑެން ރަނިންގ މޭޓެއް އައްޔަން ކޮށްފައިވަނީ އޭނާ ރަސްމީކޮށް ޕާޓީގެ ރިޔާސީ ކެންޑިޑޭޓްކަށް އައްޔަން ކުރުމަށް އަންނަ ހޯމަ ދުވަހުން ބްރާސްފަތި ދުވަހަށް ޑިމޮކްރަޓިކް ކޮންވެންޝަން ބާއްވަން ތައްޔާރުވަމުން އަންނިކޮށެވެ. މި ކޮންވެންޝަންގައި ކުރީގެ ރައީސް ބަރަކް އޮބާމާގެ ދެ ކަނބަލުން ވާހަކަ ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.
މި އަހަރުގެ ނޮވޮމްބަރު މަހު ބާއްވަން ހަމަޖެހިފައިވާ އެމެރިކާގެ ރިޔާސީ އިންތިހާބުގައި ޖޯޑަންއާއި ހެރިސް ވާދަ ކުރައްވާނީ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ނައިބު ރައީސް މައިކަލް ޕެންސާއެވެ.