ލުބުނާންގެ ވެރިރަށް ބެއިރޫތްގެ ކަނޑުގެ ބަނދަރުގެ ސަރަހައްދުގައި ގޮވި ބާރުގަދަ ގޮވުމުގައި އެތައް ހާސް ގެއަކަށް ގެއްލުން ލިބި 3 ލައްކައެއްހާ މީހުން މަގުމަތިވެފައިވާ ކަމަށް އެގައުމުގެ ކަމާ ބެހޭ ފަރާތްތަކުން ހަމަކޮށްފިއެވެ.
ބެއިރޫތުގައި ގޮވި ބާރުގަދަ ގޮވުމާއެކު ލެބަނަންގެ ރައީސް މައިކަލް އައުން ވަނީ އެމަރޖެންސީ ކެބިނެޓް ބައްދަލުވުމެއް ބުދަ ދުވަހު ބާއްވާފައެވެ. އަދި މި އާއެކު އެގައުމުގައި 2 ހަފްތާގެ ކުއްލި ނުރައްކަލުގެ ހާލަތު ވަނީ އިއުލާންކޮށްފައެވެ. މި ހާދިސަގައި މިހާތަނަށް 100ށް ވުރެ ގިނަ މީހުން މަރުވެ 4 ހާހަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ. އަދި ވެސް އިތުރު މީހުން ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ތިބެދާނެ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.
އަންގާރަ ދުވަހު ބެއިރޫތުގެ ކަނޑުގެ ބަނދަރުގައި ހުރި ގުދަނުގައި ގޮވި ގޮވުމުގެ ބާރުގަދަކަމާއެކު އެތައް ސަތޭކަ މީޓަރު ސަރަހައްދު ދުރުގައި ހުރި އިމާރާތްތަކާއި ތަންތަނަށް ގެއްލުން ލިބިފައިވެއެވެ. ނަމަވެސް ލިބިފައިވާ ގެއްލުމުގެ ސީދާ ތަފްސީލެއް އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
މިހާތަނަށް އެ ގައުމުން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު 3 ލައްކައެއްހާ މީހުންގެ ގެދޮރު ގެއްލިފައިވާ އިރު އެ މީހުންނަށް ބޯހިޔާ ވަހިކަމާއި ކެއިން ބުއިމުގެ ކަންކަން ކަމާއިބެހޭ ފަރާތްތަކުން ދަނީ ހަމަޖައްސަމުންނެވެ.
4000 މީހުން މިހާތަނަށް އައިއިރު ޒަޚަމްވެފައިވާއިރު ވެއްޓިފައިވާ ތަންތަނުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް އަދިވެސް އަންނަނީ ކުރަމުންނެވެ. ބާރުގަދަ ގޮވުން ގޮވާފައިވަނީ ބެއިރޫތުގެ ބަނދަރުމަތީ ސަރަހައްދުހައި ހުރި ގުދަން ތަކެއްގައި އެތައް އަހަރެއް ވަންދެން ރައްކާކޮށްފައިހުރި ކެމިކަލްތަކެއްގައި ކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ. އެމޯނިއަމް ނައިޓްރޭޓް އަކީ ގަސްކާނާ ހެއްދުމުގެ އިތުރުން ބޮން ހެދުމަށް ވެސް ބޭނުން ކުރާ މާއްދާއެކެވެ.
އެމޯނިއަމް ނައިޓްރޭޓަކީ އޭގެ ޒާތުގައި ގޮވާ ކެމިކަލެއް ނޫނެވެ. ނަމަވެސް މިއީ އޮކްސިޑައިޒާ އެކެވެ. އަދި އެހެން އެއްޗެއްގައި ރޯވުމަށް ބޭނުންވާ އޮކްސިޖަން ފަސޭހައިން ފޯރުކޮށްދިނުމަށް އެހީވާ މާއްދާއެކެވެ. ނަމަވެސް ސައިންސްވެރިން ބުނެފައިވާ ގޮތުން ވަކި ހާލަތްތަކެއް މެދުވެރިވެގެން މި ކެމިކަލްގައި ވެސް ރޯވެދާނެއެވެ.
ލެބަނަންގެ ރައީސްގެ ރަސްމީ ޓްވިޓަރ އެކައުންޓުން ކޮށްފައިވާ ޓްވީޓެއްގައި ރައީސް މައިކަލް ވިދާޅުވެފައިވަނީ 2,750 ޓަނުގެ އެމޯނިއަމް ނައިޓްރޭޓް އެއްވެސް ކަހަލަ ރައްކާތެރިކަމުގެ ފިޔަވަޅެއް ނާޅާ ހަ އަހަރު ވަންދެން ގުދަނެއްގައި ބެހެއްޓުމަކީ އެއްވެސް ގޮތަކަށް ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށެވެ. އަދި މިކަމާއި ގުޅިގެން ޒިންމާވާން ޖެހޭ ފަރާތްތަކަށް ހަރުކަށި އަދަބު ދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ލުބުނާންގެ ސުޕްރީމް ޑިފެންސް ކައުންސިލުން ވެސް ވަނީ ގޮވުންތަކާއި ގުޅިގެން ދެ ހަފުތާގެ މުއްދަތަށް ކުއްލި ނުރައްކަލުގެ ހާލަތު ބެއިރޫތުގައި އިއުލާންކޮށް ސެކިއުރިޓީ ބެލެހެއްޓުމުގެ ކަންކަން އެ ގައުމުގެ މިލިޓަރީއާ ހަވާލު ކުރުމަށް ގޮވާލާފައެވެ.
ޓީވީ މެދުވެރިކޮށް ލައިވް ކުރި ކައުންސިލްގެ ބަޔާނުގައި ބުނެފައިވަނީ މި ގޮވުންތަކާއި ގުޅިގެން ލިބުނު ގެއްލުންތަކަށް 100 ބިލިއަން ލުބުނާން ޕައުންޑް މި އަހަރުގެ ބަޖެޓުން ޚަރަދު ކުރެއްވުމަށް ރައީސް ނިންމަވާފައިވާ ކަމަށެވެ.
މިއިން ދުވަހަކު ވެސް ދުނިޔެ ދެކިފައިނުވާފަދަ ބާރުގަދަ މި ގޮވުމުގެ ސަބަބުން އިގްތިޞާދީ ގޮތުން ހީނަރުވެފައިވާ އަދި ކޮވިޑް-19 އިން ސަލާމަތްވުމަށް މަސައްކަތް ކުރަމުން އަންނަ ލުބުނާނަށް މިވަނީ އަނެއްކާވެސް ގޮންޖެހުންތަކާއި ކުރިމަތިވެފައެވެ.
ބާރުގަދަ ގޮވުންތައް ގޮވުމުގެ ސަބަބުން ބެއިރޫތުން ކަރަންޓު ކަނޑައިގެން ދިޔުމާއި ގުޅިގެން ވެސް މީހުން ހޯދުމަށް ދަތިތައް ދިމާވެފައިވާ ކަމަށާއި އެތައް ހާސް ބަޔަކު އެމީހުންގެ އާއިލާ އާއި ރަހުމަތްތެރިން ނުފެނިގެން އެމަރޖެންސީ ޑިޕާޓްމަންޓަށް އަންގަމުންދާ ކަމަށް ލުބުނާންގެ ހެލްތު މިނިސްޓަރ ހަމަދް ހަސަން ވިދާޅުވިއެވެ. ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން މީހުން ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ބާރުގަދަ ގޮވުމާއެކު ލެބަނާނުގެ ޕޯޓު ސަރަހައްދު އެކީގައިހެން ވަނީ ބިމާ ހަމަވެފައެވެ. އަދި ކެމިކަލް ހުރި ގުދަން ހުރި ސަރަހައްދުގައި ބޮޑު ވަޅުގަނޑެއް ހެދިފައިވާ އިރު އެ ސަރަހައްދުގައި ހުރި އިމާރާތްތައް ވަނީ ބިމާ ހަމަވެފައެވެ. ބޭއިރޫތުގައި ބާރުގަދަ އެއްޗެހިތަކެއް ގޮވާފައި މި ވަނީ ކުރީގެ ބޮޑު ވަޒީރު ރަފީގު ހަރީރީ 2005 ވަނަ އަހަރު އަވާރަކޮށްލި މައްސަލައިގައި ހުކުމް އިއްވަން ތައްޔާރުވަމުން ދަނިކޮށެވެ.