ކ. މާލެ
|
31 ޖުލައި 2020 | ހުކުރު 22:50
ކޮވިޑް-19 އަށް ވެކްސިނެއް ހޯދުމުގެ މަސައްކަތް އެކި ޤައުމުތަކުގެ ސައިންސްވެރިން ދަނީ ކުރަމުން
ރޮއިޓަރސް
ކޮވިޑް-19އަށް ވެކްސިނެއް ހޯދުން
ވެކްސިންގެ ތަހުލީލުތަކުގެ ކުރީގައި އުޅެނީ ޗައިނާ، ޔޫކޭ އަދި އެމެރިކާގެ ކުންފުނިތައް
6 ކުންފުންޏަކުން ވަނީ ކޮވިޑް-19 ވެކްސިންގެ 3 ވަނަ ޓްރަޔަލް މަރުޙަލާވެސް ނިންމާފަ
އެއްވެސް ވެކްސިނެއް ތަހުލީލުގެ 5 ވަނަ މަރުޙަލާއަށް ގޮސްފައެއް ނުވޭ
ވެކްސިންގެ ޓްރަޔަލްގެ 2 ވަނަ މަރުޙަލާއާ ހިސާބަށްވެސް އިތުރު 5 ކުންފުންޏެއް އައިސްފައިވޭ

ކޮވިޑް-19 އަށް ވެކްސިނެއް ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ރޭހުގެ ކުރީގައި އުޅެނީ ޗައިނާ، އިނގިރޭސިވިލާތް އަދި އެމެރިކާގެ ކުންފުނިތައް ކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފިއެވެ.

ޑަބްލިއުއެޗްއޯއިން ހުކުރު ދުވަހު އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް 6 ކުންފުންޏަކުން ވަނީ ކޮވިޑް-19 ވެކްސިންގެ ލެބޯޓަރީ މަރުޙަލާ ނިންމައި، 3 ވަނަ ޓްރަޔަލް މަރުޙަލާވެސް ނިންމާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ޗައިނާގެ 3 ކުންފުންޏަކާއި، އިނގިރޭސިވިލާތުގެ އޮކްސްފޯރޑް (އެސްޓްރާޒެނެކާ) އާއި، އެމެރިކާގެ 2 ކުންފުނިކަމަށްވާ މޮޑަނރާ އަދި ފިޒަރ އެވެ.

އެހެން ނަމަވެސް، މިއިން އެއްވެސް ވެކްސިނެއް ތަހުލީލުގެ 5 ވަނަ މަރުޙަލާއަށް ގޮސްފައެއް ނުވެއެވެ. އެގޮތުން 5 ވަނަ މަރުޙަލާއަކީ ކުއްލި ޙާލަތްތަކުގައި ފަރުވާއެއްގެ ގޮތުން ވެކްސިން ބޭނުން ކޮށްލުމަށް ހުއްދަ ދެވިގެންދާ މަރުޙަލާއެކެވެ. އަދި އެއަށްފަހު އަންނާނީ އެންމެ ފަހުގެ މަރުޙަލާ ނުވަތަ ވެކްސިން އާންމުކޮށް ބޭނުން ކުރުމަށް ހުއްދަދެވޭ މަރުޙަލާއެވެ.

އޭގެ އިތުރުން، ވެކްސިންގެ ޓްރަޔަލްގެ 2 ވަނަ މަރުޙަލާއާ ހިސާބަށްވެސް އިތުރު 5 ކުންފުންޏެއް އައިސްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ޗައިނާގެ 2 ކުންފުންޏަކާއި، އެމެރިކާގެ 3 ކުންފުންޏެކެވެ.

ޑަބްލިއުއެޗްއޯގެ ތަފާސްހިސާބުތައް

ކޮވިޑް-19 އަށް ވެކްސިނެއް ހޯދުމަކީ މިހާރު އެންމެ ހަލުވިމިނުގައި ފާމަސޫޓިކަލް ކުންފުނިތަކުން ކުރަމުންދާ މަސައްކަތެވެ. މިކަން ކުރުމުގައި އެކި ގައުމުތަކުގެ އެކި ޓީމުތައް ހަރަކާތްތެރި ވަމުންދެއެވެ. މި ކުންފުނިތަކުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން 139 ވެކްސިނެއް އުފެއްދުމުގެ މަސައްކަތް މިހާރު ކުރެވެމުންދާއިރު، 26 ވެކްސިނެއް މިހާރު އޮތީ "ހިއުމަން ޓްރަޔަލް" ސްޓޭޖުގައެވެ.

- ކޮމެންޓް