އާންމު ތަންތާނގައި މާސްކް ނާޅާނަމަ 1000 ރުފިޔާއިން ޖޫރިމަނާ ކުރަން ސަރުކާރުން ނިންމައިފިއެވެ.
ބުރާސްފަތި ދުވަހު ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ މާސްކް ނާޅާ މަގުމަތީގައި ހަރަކާތްތެރިވާނަމަ ޖޫރިމަނާ ކުރާނެ ކަމަށާއި ހޮނިހިރު ދުވަހުން މާސްކް ނާޅާ މަގުމަތީގައި އުޅޭ ފަރާތްތައް ފާހަގަކޮށް އެކަން ފުލުހުން ބަލަން ފަށާނެ ކަަމަށެވެ.
ނަޒްލާ ވިދާޅުވީ މިކަމުގެ އުސޫލު އެކުލަވާލާ އެޗްއީއޯސީގެ ފަރާތުން ވަރަށް އަވަހަށް އާންމު ކުރާނެ ކަމަށެވެ.
މާސްކް އެޅުމަށް މަޖުބޫރުކޮށްފައިވާއިރު މިކަން މިގޮތަށް ނިންމާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ބައިވެރިވެވަޑައިގެންނެވި ނޭޝަނަލް ޓާސްކް ފޯސް މީޓިންގ އަށް ފަހު ކަމަށް ރައީސް އޮފީހުން ކޮށްފައިވާ ޓްވީޓެއްގައި ބުރާސްފަތި ދުވަހު ވަނީ ބުނެފައެވެ.
ރައީސް އޮފީހުން ވަނީ ބޭރުތެރޭގައި އުޅޭއިރު މާސްކު އެޅުމަށާއި ތަންތަނަށް ދިޔުން މަދުކުރުމަށް އަދި ބައްދަލުވާ މީހުންގެ އަދަދު މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
މާސްކު އެޅުން މަޖުބޫރު ކުރުމަށް ސަރުކާރުން ނިންމާފައިމިވަނީ އެކަމަށް އެތައް ބަޔަކު ގޮވާލަމުން ދަނިކޮށެވެ.