ގާނޫނުހަދާ މަޖިލީހަކީ ރައްޔިތުންގެ އަޑު ކަމަށާއި އެ މަޖިލީހުގެ މެމްބަރުންނަކީ ސިޔާސީ ޕާޓީތަކުގެ އަޑުކަަމަށް ވެގެން ނުވާނެ ކަމަށް ދެކުނު އެފްރިކާގެ ކުރީގެ ރައީސް ތާބޯ އެމްބެކީ ވިދާޅުވެއްޖެއެވެ.
ދެކުނު އެފްރިކާގެ ރައީސް ޖޭކޮބް ޒޫމާގެ މައްޗަށް ނެގުމަށް ތައްޔާރުވަމުންދާ އިތުބާރުނެތްކަމުގެ ވޯޓުގެ ބަހުސް މި އޭޕްރީލް 18 ގައި ގާނޫނު ހަދާ މަޖިލީހުގައި އޮންނާނެއެވެ. ސައުތު އެފްރިކާގެ ދުވަހު ނޫހެއް ކަމަށްވާ "ދަ ސްޓާ" ގައި ޝާއިއު ކުރި ކުރީގެ ރައީސް އެމްބެކީ ގެ ސީޓީފުޅެއްގައި އެމްބެކީ ވިދާޅުވީ ގާނޫނުހަދާ މަޖިލީހުގެ މެމްބަރުން ޕާޓީގެ ވިސްނުމަށް ކޮންމެހެން ވޯޓު ދޭން ނުޖެހޭ ކަމަށާއި މެމްބަރުން މަސައްކަތް ކުރައްވަން ޖެހޭނީ ރައްޔިތުންގެ ޝުއޫރާއި ގާނޫނުއަސާސީއާ އެއްގޮތަށް ކަމަށެވެ.
އެމްބެކީ އިތުރަށް ވިދާޅުވީ ދެކުނު އެފްރިކާގައި ވޯޓްލައިގެން އިންތިޚާބު ކޮށްފައިވާ މެމްބަރުން އެބޭފުޅުންގެ މައްޗަށް ގާނޫނުއަސާސީން މަތިކޮށްފައިވާ ޒިންމާތަކާއި ވާޖިބުތައް ފުރިހަމައަށް ރައްޔިތުންގެ ހައްގުގައި އަދާކުރައްވަން ޖެހޭ ކަމަށެވެ.
ދެކުނު އެފްރިކާގެ އިދިކޮޅު ޕާޓީތައް ގުޅިގެން، ކަރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާ، ރައީސް ޖޭކޮބް ޒޫމާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ގާނޫނުހަދާ މަޖިލީހަށް ހުށަހެޅީ، އެގައުމުގެ ސިޔާސީ މައިދާނުގައި ވަރަށް ބޮޑު ގަދަރަކާއި އިހްތިރާމް ލިބިވަޑައިގެންފައިވާ ބޭފުޅެއް ކަމަށްވާ މާލީ ވަޒީރު ޕްރަވީން ގޯރދާން ކުއްލިގޮތަކަށް މަގާމުން ވަކިކުރެއްވުމާއި އަދި ކެބިނެޓަށް ގެންނެވި ކުއްލި ބަދަލުތަކުގެ ސަބަބުން ކަމަށް ރިޕޯޓުތައް ބުނެއެވެ.
ދެކުނު އެފްރިކާގެ ބޮޑެތި ސިޓީތަކުގައި ރައީސް ޖޭކޮބް ޒޫމާ އާ ދެކޮޅަށް ބޮޑެތި މުޒާހަރާތަކެއް ދަނީ ކުރެވެމުންނެވެ.