ކޮވިޑް-19 އާ ދެކޮޅަށް ހޮންގް ކޮންގް އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށްފިއެވެ.
އަންގާރަ ދުވަހު އެކަނި ވެސް އެ ޤައުމުން 106 ޕޮޒިޓިވް ކޭސް ފެނިފައިވާއިރު މި ވައިރަސް ޖެހިގެން 23 މީހަކު ވަނީ މަރުވެފައެވެ.
އަންގާރަ ދުވަހުން ފެށިގެން ރެސްޓޯރެންޓުތަކުގައި ކެއުން މަނާކޮށްފައިވާއިރު ބައްދަލު ކުރެވޭނީ ފަހަރަކު ދެ މީހުންނަށް އެކަނި ކަމަށް ވެސް ވަނީ ބުނެފައެވެ.
ހޮންގް ކޮންގް އިން ކޮވިޑާއި ދެކޮޅަށް ކުރަމުން ދިޔަ މަސައްކަތުގައި މީގެ ކުރިން ކުރިއެރުންތަކެއް ލިބުނު ނަމަވެސް މިހާރު އެ ޤައުމުން ދުވާލެއްގެ މައްޗަށް 100ށްވުރެން ގިނަ ކޭސްތައް ދަނީ ފެންނަމުންނެވެ.
އެ ޤައުމުން އަޅަމުންދާ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާއިރު އެ ޤައުމުގެ ސަރުކާރުން ވަނީ ބޭރުތެރޭގައި އުޅޭއިރު މާސްކު އަޅަން މަޖުބޫރުކޮށް، މާސްކު ނާޅާ މީހުން ބޮޑު އަދަދަކުން ޖޫރިމަނާ ކުރަން ނިންމާފައެވެ.
ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޮންކޮންގެ ޗީފް ސެކެރެޓަރީ މެތިއު ޗޮން ވިދާޅުވީ، ބުދަ ދުވަހުން ފެށިގެން އިންޑޯ އަދި އައުޓްޑޯގައި މާސްކު އެޅުން މަޖުބޫރުވާނެ ކަމަށެވެ. އެއާ ހިލާފުވާ މީހުން 5000 ހޮންކޮން ޑޮލަރު ނުވަތަ 645 އެމެރިކާ ޑޮލަރުން ޖޫރިމަނާ ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ކޭސްތައް އިތުރުވަމުންދާތީ ހައި ރިސްކު ކެޓަގަރީގައި ހިމެނޭ މީހުން ޓެސްޓު ކުރާ އަދަދު އިތުރު ކުރަން އޮފިޝަލުން ވަނީ ނިންމާފައެވެ.