އދ ގެ 172 ޤައުމަކާ ޚާރިޖީ ގުޅުން ޤާއިމު ކުރެވިފައިވާކަމަށް މިނިސްޓަރ އޮފް ފޮރިން އެފެެއާޒް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި ހޯމަ ދުވަހު މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއިން ކުރިއަށްގެންދިޔަ ޑިޕްލޮމެޓިކް ރިސެޕްޝަންގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، އދ. ގައި ހިމެނޭ 193 މެމްބަރުންގެ ތެރެއިން ރާއްޖެއިން މިހާތަނަށް 172 ޤައުމަކާ ޚާރިޖީ ގުޅުން ޤާއިމު ކުރެވިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް، ރާއްޖޭގެ މުސްތަޤްބަލަށް ފައިދާ ކުރާނެ ގޮތަށް ގުޅުންތައް ބަދަހި ކުރަމުން ގެންދަވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ، ރާއްޖޭގެ ޚާރިޖީ ސިޔާސަތުތައް ބައްޓަން ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙު ގެންގުޅުއްވާ ތަސައްވުރާއި، ކުރައްވާ މަސައްކަތްޕުޅަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.
އޭގެ އިތުރުން، ކޮވިޑް-19 ގެ މި ބަލިމަޑުކަމަށް އަލިއަޅުވާލައްވާ މިނިސްޓަރ ޝާހިދު ވިދާޅުވީ، ކޮވިޑް-19 ގެ ސަބަބުން ރާއްޖެފަދަ ކުޑަ ޤައުމަކަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށެވެ.
ޚާއްސަކޮށް ރާއްޖެއަކީ ފަތުރުވެރިކަމަށް ބަރޯސާވާ ޤައުމަކަށްވުމުން، ރާއްޖެއަށް ނިސްބަތުން ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނުކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. އަދި އެކަމުގެ ސަބަބުން ސަރުކާރަށްވެސް ތަފާތު އަދި އުނދަގޫ ނިންމުންތަކެއް ނިންމަވަން ޖެހުނުކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިސާލެއްގެ ގޮތުން 110 ދުވަސް ވަންދެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތް އޮތުން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ، 2004 ވަނަ އަހަރުގެ ސުނާމީގައިވެސް ރާއްޖެ މިފަދަ ޙާލަތަކަށް ދިޔަ ކަމަށާއި، އޭރުވެސް އެ އަނދަވަޅުން އަރައިގަނެވުނީ ބޭރުގެ ޤައުމުތަކުގެ ދީލަތި އެހީއާ އެކު ކަމަށެވެ. އަދި ދުނިޔޭގެ ހުރިހާ ޤައުމެއްވެސް މިވަގުތު މިއޮތީ "އެއް ތޫފާނެއްގެ ތެރޭގައި" ކަމަށް މިނިސްޓަރ ސިފަ ކުރެއްވިއެވެ. އަދި ޤައުމުތަކާ ގުޅިގެން މަސައްކަތް ކުރަން ޖެހެނީ ވެސް އެ ސަބަބާ ހެދި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން މިނިސްޓަރ ވަނީ ހުރިހާ ޤައުމުތަކުން ވެސް ރާއްޖެއަށް އައުމަށާއި، ރާއްޖެއާއި ގުޅުން ބަދަހިކޮށް، ރާއްޖޭގެ ރީތި އާދަކާދަތައް ބަލާލުމަށް ދައުވަތު ދެއްވާފައެވެ.