އޮންލައިންކޮށް ޕާސްޕޯޓް ހައްދަން ހުށަހަޅާ ފަރާތްތަކަށް ޕާސްޕޯޓް ލިބޭނީ ސަރުކާރު ހުޅުވުމުން ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެެވެ.
އިމިގްރޭޝަނުން ބުނީ އޮންލައިންކޮށް ހުށައަޅާ ޕާސްޕޯޓުތައް ލިބޭނީ އަންނަ މަހުގެ 4 ވަނަ ދުވަހު އޮފީސްތައް ހުޅުވުމުން ކަމަށާއި އެހެންނަމަވެސް މި މުއްދަތުގައި އިމަރޖެންސީ ހާލަތެއް މެދުވެރިވެގެން ޕާސްޕޯޓް ހެއްދުމަށް އެދޭނަމަ އިމިގްރޭޝަންގެ ޕާސްޕޯޓް ހޮޓްލައިން ނަންބަރު 9555333 އަށް ގުޅައިގެން ކުރިއަށްގެން ދެވޭނެ ކަމަށެވެ.
އިމިގްރޭޝަނުން މިހާރު ވަނީ އީމެއިލް މެދުވެރިކޮށް ޕާސްޕޯޓް އެޕްލިކޭޝަން ބަލައިގަތުންވެސް ހުއްޓާލާފައެވެ. އެހެންކަމުން މިހާރު ދިވެހި ޕާސްޕޯޓަށް އެދި ހުށައަޅަންޖެހެނީ މޯލްޑިވްސް އިމިގްރޭޝަންގެ އޮންލައިން ޕޯޓަލް "އިމުގާ" މެދުވެރިކޮށެވެ. imuga.immigration.gov.mv އަށް ވަޑައިގެން ރަޖިސްޓްރީ ކުރުމުން މި ޕޯޓަލް މެދުވެރިކޮށް ޕާސްޕޯޓަށް އެދި ހުށަހެޅޭނެއެވެ.
މިނިވަންދުވަހާއި އަޟްޙާ ޢީދާއި ދިމާކޮށް ސަރުކާރު އޮފީސްތައް ވަނީ ހަފްތާއަކަށްވުރެ ގިނަ ދުވަހަށް ބަންދުކޮށްފައެވެ.
ކޮވިޑް-19އާ ގުޅިގެން، ނުނަގައި ބެހެއްޓިފައިވާ ޕާސްޕޯޓުތައް ކެންސަލްވާ މުއްދަތު އިމިގްރޭޝަނުން ވަނީ ދާދިފަހުން އިތުރުކޮށްފައެވެ. އެގޮތުން 2019 ސެޕްޓެމްބަރ 11 ވަނަ ދުވަހުގެ ފަހުން ޕާސްޕޯޓު ހެއްދުމަށްފަހު ވެރިފަރާތުން ބަލައި ނައިސް ބެހެއްޓިފައިވާ ޕާސްޕޯޓު ކެންސަލް ކުރެވޭނީ، ކޮވިޑް-19އާ ގުޅިގެން ރާއްޖޭގައި އިއުލާނު ކޮށްފައިވާ ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާލާ ތާރީޚުން ފެށިގެން އެއް އަހަރު ފަހުން ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.