އޭވިއޭޝަން ދާއިރާއަށް 39 އަހަރު ޚިދުމަތް ކޮށްދެއްވުމަށް ފަހު، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ އެކްޓިންގެ މެނޭޖިންގ ޑިރެކްޓަރ މޫސާ ސޯލިޙު ރިޓަޔަރ ކުރައްވައިފިއެވެ.
މޫސާ ސޯލިޙު ރިޓަޔަރ ކުރެއްވިކަން ބަޔާންކޮށް އެމްއޭސީއެލްއިން ކުރި ޓްވީޓެއްގައި ބުނީ، އޭނާ ރިޓަޔަރ ކުރައްވާފައިވަނީ ރާއްޖޭގެ އޭވިއޭޝަން ދާއިރާއަށް 39 އަހަރުގެ ފުރިހަމަ ޚިދުމަތެއް ކޮށްދެއްވުމަށް ފަހު ކަމަށެވެ. އަދި ސޯލިޙުގެ ބެލުމުގެ ދަށުން ކުންފުނީގެ ކުރިއެރުމަށް ކޮށްފައިވާ މަސައްކަތްތަކާއި، ބެހެއްޓެވި އިސްނެންގެވުމަށް ކުންފުނީގެ ނަމުގައި ވަނީ ޝުކުރު އަދާ ކޮށްފައެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ބޮޑުބޭބޭފުޅު މޫސާ ސޯލިޙު އެމްއޭސީލްގެ އެކްޓިންގ މެނޭޖިންގް ޑިރެކްޓަރުކަމަށް އައްޔަނު ކުރައްވާފައިވަނީ އެމްއޭސީއެލް ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އާދިލް މޫސާ އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. އަދި އާދިލްގެ އިސްތިއުފާ ޕްރައިވެޓައިޒޭޝަން ބޯޑުން ގަބޫލުކޮށްފައިވާ ކަމަށް ބުނެ ބޯޑުން ވަނީ އެކަން އިއުލާނުކޮށް، އެކްޓިންގ މެނޭޖިންގ ޑިރެކްޓަރަކަށް ދެން ހުންނަވާނީ ސޯލިޙުކަން އިއުލާނު ކޮށްފައެވެ.
އެގޮތުން 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު އާދިލް އިސްތިއުފާ ދެއްވިއިރު، އޭރު މޫސާ ސޯލިހު ހުންނެވީ ޑެޕިއުޓީ ޗީފް އިންފޮމޭޝަން އޮފިސަރުގެ މަގާމުގައެވެ. މޫސާ ސޯލިހު އެމްޑީގެ މަގާމުން އިސްތިއުފާދެއްވުމާ އެކު، ކުންފުނީގެ އެމްޑީ އަދި ސީއީއޯގެ ގޮތުގައި މަސައްކަތް ކުރައްވާނީ ދާދި ފަހުން އެ މަގާމަށް އައްޔަނުކުރެވުނު ގޯޑަން އެންޑްރޫ ސްޓުއާޓް އެވެ.