ކ. މާލެ
|
12 އޭޕްރިލް 2017 | ބުދަ 12:49
އިވަންކާ ޓްރަަމްޕް
އިވަންކާ ޓްރަަމްޕް
އޭއެފްޕީ
ސީރިޔާ
ސީރިޔާގައި ދިން ކެމިކަލް ހަމަލާއާ ގުޅިގެން އެމެރިކާ އިން ހަމަލާ ދިނީ އިވަންކާ ޓްރަަމްޕް ބާރުއެޅުއްވުމުން: އެރިކް ޓްރަމްޕް
އިދްލީބަށް ދިން ހަމަލާގައި 80 އަށް ވުރެ ގިނަ މީހުން މަރުވެ 500 އަށް ވުރެ ގިނަ މީހުންނަށް ފަރުވާ ދޭން ޖެހުނު

ސީރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރުން ދާދިފަހުން އެގައުމުގައި ދިން ކަމަށް ބުނާ ކެމިކަލް ހަމަލާގެ ރައްދުގައި އެމެރިކާ އިން ސީރިޔާއަށް ދިން ހަމަލާއަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަންހެން ދަރިކަލުން އިވަންކާ ޓްރަމްޕް ބާރުއެޅުއްވުމުގެ ސަބަބުން ދިން ހަމަލާއެއް ކަން "ޔަގީން" ކަމަށް ރައީސް ޓްރަމްޕްގެ ފިރިހެން ދަރިކަލެއް ކަމަށްވާ އެރިކް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ސީރިޔާގެ އިދްލީބަށް މި މަހުގެ 4 ވަނަ ދުވަހު ދިން ކެމިކަލް ހަމަލާއާ ގުޅިގެން 80 އަށް ވުރެ ގިނަ މީހުން މަރުވެ 500 އަށް ވުރެ ގިނަ މީހުންނަށް ފަރުވާ ދޭން ޖެހުނެވެ. މިހަމަލާގައި މަރުވި 80 އަށް ވުރެ ގިނަ މީހުންގެ ތެރޭގައި 30 އަށް ވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ.

އިނގިރޭސިވިލާތުގެ ދުވަހު ނޫހެއް ކަމަށްވާ "ދަ ޓެލެގްރާފް" އަށް ދެއްވި އިންޓަވިއުއެއްގައި އެރިކް ވިދާޅުވީ އިވަންކާއަކީ ތިން ކުދިން މަންމައެއް ކަމަށާއި ސީރިޔާގައި ދިން ކެމިކަލް ހަމަލާއާ ގުޅިގެން އެއީ ވަރަށް ބިރުވެރި އަދި ރަހުމްކުޑަ އަމަލެއް ކަމަށް އިވަންކާ ޓްރަމްޕަށް ވިދާޅުވި ކަމަށެވެ.

އެރިކް އިތުރަށް ވިދާޅުވީ މީގެ ދެއަހަރު ކުރިން ސީރިޔާއާ ދޭތެރޭ ކަމެއް ކުރުމަށް ރައީސް ޓްރަމްޕް ދެކޮޅު ކަމަށާއި އެހެން ނަމަވެސް ސީރިޔާގެ ވެރިއަކަށް ހުންނެވި ފަރާތުން އަމިއްލަ ރައްޔިތުންނާ ދެކޮޅަށް ހަމަލާ ދެންޏާ، ދުނިޔޭގެ ސުޕަޕަވަރުގެ ހައިސިއްޔަތުން އެމެރިކާ ކަމެއް ކުރަން ޖެހޭނެ ކަމަށެވެ.

އުމުރުފުޅުން 33 އަހަރުގެ އެރިކް ޓްރަމްޕަކީ ރައީސް ކަމަށް ޑޮނަލްޑް ޓްރަމްޕް ވަޑައިގެންނެވި ފަހުން ބޭބޭފުޅު ޑޮނަލްޑް ޖޫނިއާ ޓްރަމްޕާ އެކު އާއިލީ ވިޔަފާރި ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ބޭފުޅާއެވެ.

އިވަންކާ ޓްރަމްޕްއަކީ މިދިޔަ މާޗް މަހުގެ ފަހުކޮޅުން ފެށިގެން ރައީސް ޓްރަމްޕްގެ ސަރުކާރުގައި "އެސިސްޓަންޓް ޓު ދަ ޕްރެޒިޑެންޓް" ނުވަތަ ރައީސްގެ އެހީތެރިއެއްގެ ގޮތުން މަސައްކަތް ކުރައްވާ ބޭފުޅެކެވެ.

ސީރިޔާގައި ދާދިފަހުން ދިން ކެމިކަލް ހަމަލާއާ ގުޅިގެން ބައިނަލްއަގްވާމީ މުޖުތަމައު އިން އިނގިލި ދިއްކުރަނީ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރަށެވެ. ނަމަވެސް އަސަދުގެ ސަރުކާރުން ބުނަމުން ދަނީ އެފަދަ ހަމަލާއެއް ނުދޭ ކަމަށެވެ. ކެމިކަލް ހަމަލާގެ ރައްދުގައި ސީރިޔާގެ ވައިގެ ބޭސްއަށް 59 ކްރޫސް މިސައިލް ބޭނުންކޮށްގެން އެމެރިކާއިން ހަމަލާދީފައިވާއިރު، އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޖޭމްސް މެޓިސް ވިދާޅުވީ އެމެރިކާއިން ދިން ހަމަލާގައި ސީރިޔާގައި އޮޕަރޭޓު ކުރާ ޖެޓުތަކުގެ 20 އިން ސައްތަ ހަލާކުވި ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
12 އޭޕްރިލް 2017 | ބުދަ 10:35
ބަސް
ކަލުންނާއި ކަނބަލުން މިދެލަފުޒު ބޭނުން ކުރަންވީގޮތް އޮޅިއްޖެ! މި ލިއުމުގައި އެވާ "ޓުރަމްޕުގެ އަންހެން ދަރިކަލުން" މިއީ ރަގަޅުގޮތްބާ! ހީވާގޮތުން އެޑިޓަރު ތަންކޮޅެއް ޒއްމާދާރު ވާންވެއްޖެ!