ކ. މާލެ
|
24 ޖުލައި 2020 | ހުކުރު 18:14
ދިރާގު
ދިރާގު
ރާއްޖެއެމްވީ
ދިރާގު
ދިރާގުގެ ސާފު ފައިދާ ދަށަށް، އިންޓަރިމް ޑިވިޑެންޑްގެ ގޮތުގައި 2.07ރ
 
ކުންފުނީގެ ޖުމްލަ އާމްދަނީ 25 އިންސައްތަ ވެސް ދަށަށް ގޮސްފައިވޭ
 
ކުންފުނީގެ ސާފު ފައިދާ 49 އިންސައްތައަށް ވަނީ ދަށަށް ގޮސްފައި

ދިރާގުގެ ސާފު ފައިދާ ދަށަށް ގޮސްފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

ދިރާގުން ބުނީ ކޮވިޑް-19، ގެ ސަބަބުން ކުންފުނިން ހާސިލު ކުރެވުނު މާލީ ނަތީޖާއަށް ފާހަގަ ކުރެވޭވަރުގެ ބޮޑު އަސަރެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން ކޮވިޑް-19 އާއި ގުޅިގެން ޤައުމުގެ އިޤްތިޞާދަށް ކޮށްފައިވާ އަސަރުގެ ސަބަބުން 2020 ވަނަ އަހަރުގެ 1 ވަނަ ކުއާޓަރއާއި އަޅާބަލާއިރު، ކުންފުނީގެ ޖުމްލަ އާމްދަނީ 25 އިންސައްތަ ދަށަށް ގޮސްފައިވާ ކަމަށެވެ.

ކުންފުނީގެ ވިޔަފާރީގެ މުހިންމު ހުރިހާ ދާއިރާއަކުން ވެސް ލިބުނު ފައިދާ ޖުމްލަ ގޮތެއްގައި ދަށަށް ގޮސްފައިވާއިރު، އެންމެ ބޮޑަށް އަސަރު ކޮށްފައިވަނީ މި އަހަރުގެ 2 ވަނަ ކުއާޓަރގައި ބައިނަލްއަޤްވާމީ ބޯޑަރތައް ބަންދުކުރުމާއި ފަތުރުވެރިކަން ހުއްޓުމަކަށް އައުމުގެ ސަބަބުންކަން ފާހަގަކުރެވިފައިވާ ކަމަށް ދިރާގުން ބުންޏެވެ. ކުންފުނީގެ ސާފު ފައިދާ 49 އިންސައްތަ ދަށްވެފައިވާއިރު އާމްދަނީ އިން ހިއްސާއަކަށް ޖެހޭ މިންވަރު ވަނީ ފާއިތުވި ކުއާޓަރއާ އަޅާބަލާއިރު 50 އިންސައްތަ ދަށްވެފައެވެ.

ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން މަސައްކަތް ކުރަނީ ހަމަހަމަ ގޮތެއްގައި ދުރު މުސްތަޤުބަލްގެ އިންވެސްމެންޓްތައް ރާވައި ކުންފުނީގެ މާލީ ހާލަތު ވަރުގަދަކޮށް، މާކެޓްގައި ދިމާވާ މިފަދަ ގޮންޖެހުންތައް ގިނަ ދަނޑިވަޅުތަކުގައި ވެސް ކުންފުނީގެ ހިއްސާދާރުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ނަފާ ހޯދައިދެވޭނެ ގޮތްތައް ހޯދުމަށް ކަމަށް ދިރާގުން ބުނެއެވެ.

އެގޮތުން ހުރިހާ ކަމަށް ރިޔާއަތް ކުރުމަށްފަހު ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން 2020 ވަނަ އަހަރުގެ އިންޓަރިމް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 2.07 ރުފިޔާ ކަނޑައަޅައި، ޖުމުލަ 157,320،000 (ސަތޭކަ ފަންސާސް ހަތް މިލިއަން ތިންސަތޭކަ ވިހި ހާސް) ރުފިޔާ އިންޓަރިމް ޑިވިޑެންޑްގެ ގޮތުގައި ބަހަން ވަނީ ނިންމަވާފައެވެ.

އަދި 11 އޯގަސްޓް 2020 ވަނަ ދުވަހުގެ ހަވީރު 4:00 ކުންފުނީގެ ހިއްސާދާރުންގެ ރަޖިސްޓްރީގައި ހިމެނޭ ފަރާތްތަކަށް މި އިންޓަރިމް ޑިވިޑެންޑް ބެހުމަށް ނިންމާފައިވާ ކަމަށް ދިރާގުން ވަނީ ހާމަކޮށްފައެވެ.

ދިރާގުން ވަނީ މިދިޔަ އަހަރު އެ ކުންފުންޏަށް ލިބުނު ފައިދާ އިން ހިއްސާ އަކަށް 12 ރުފިޔާ ބަހާފައެވެ. އެއީ އިންޓެރިމް ޑިވިޑެންޑުގެ ގޮތުގައި 4.14 ރުފިޔާ އަދި ފައިނަލް ޑިވިޑެންޑުގެ ގޮތުގައި 7.86 ރުފިޔާ އެވެ.

0%
0%
0%
0%
0%
100%
ކޮމެންޓް