ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށް ފުލުހުންގެ ތެރެއިން ބަޔަކު ފާރަލާކަމުގެ ތުހުމަތުތަކެއް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރައްވާފައިވަނިކޮށް، ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދު އެކަން ދޮގު ކުރައްވައިފިއެވެ.
ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ސީޕީ ހަމީދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރަކަށް ފާރަލުމަށް ފުލުހުން މަސައްކަތެއް ނުކުރައްވާ ކަމަށާއި، އެކަން އޭނާ އެނގިވަޑައިގެންފައި ނުވާ ކަމަށެވެ.
ސީޕީ ހަމީދު މިހެން ވިދާޅުވެފައިވަނީ މި މަހުގެ ފުރަތަމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅާއި ގުޅިގެންނެވެ.
މި ޖަލްސާގައި ނަޝީދު ވިދާޅުވީ ފުލުހުންގެ ތެރެއިން ބައެއް އޮފިސަރުން، މަޖިލީހުގެ ބައެއް މެމްބަރުން ކުރައްވަމުން ގެންދަވާ ބައެއް ކަންކަން ރެއިޑް ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ ފުލުސް އޮފީހުގެ އާއްމު އުސޫލުތަކާއި ހަމަތަކާއި ޚިލާފަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއް ޗެކުކޮށް، މެމްބަރުންގެ ގެކޮޅު ފާސްކުރުމުގެ ވިސްނުން ނުގެންގުޅުމަށް ފުލުހުންނަށް އިލްތިމާސްކުރައްވާ ކަމަށެވެ.
އަޅުގަނޑު މި ދެންނެވި ގޮތަށް ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެމްބަރުންގެ ގެކޮޅަށްވިޔަސް އަދި ސައިކަލަކަށް ވިޔަސް އެހެން ކަމަކަށް ވިޔަސް، އެހެން ރައްޔިތަކަށް ޝައުގުވެރިކަން ނުދޭ މިންވަރަށް އަދި ފުލުސް އޮފީހުގެ އާއްމު އުސޫލުތަކާއި ހަމަތަކާއި ޚިލާފަށް ވަކިން ޚާއްސަކޮށް ގޮސް، ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއް ޗެކްކޮށް، ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގެއެއް ބަލާ ފާސްކޮށް، ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް އެވެނި ކަމެއް، މިވެނި ކަމެއް ކުރަން، އެ ވިސްނުމުގައި އެއްވެސް ފުލުހެއް ނުހުރުމަށް އަޅުގަނޑު ވަރަށް ބޮޑަށް ދަންނަވަން. އަޅުގަނޑު އެދެން.މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ސީޕީ ހަމީދު ވިދާޅުވީ، ރައީސް ނަޝީދުގެ އެވާހަކަފުޅާއި ގުޅިގެން އެމަނިކުފާނުން ފޯނުން ގުޅުއްވާ ވާހަކަ ދެއްކެވި ކަމަށެވެ. އަދި ފުލުހުންގެ ތެރެއިން އެއްވެސް ބަޔަކު މަޖިލީހުގެ މެންބަރަކަށް ފާރަލަމުން ނުދާ ކަމަށާއި، އެފަދަ ކަމެއް ނުހިނގާކަމަށް ދަންނަވާފައިވާނެ ކަމަށެވެ.
މީގެއިތުރުން ރައީސް ނަޝީދު އެ ވާހަކަ ވިދާޅުވުމުގެކުރިންވެސް އަދި އެ ފަހުން ވެސް އެފަދަ ކަމެއް ހިނގާފައި ނެތްކަމަށެވެ.