ކ. މާލެ
|
23 ޖުލައި 2020 | ބުރާސްފަތި 13:21
މީރާ
މީރާ
މުހައްމަދު ޝަރުހާން
މީރާ
އަހަރީ ހިސާބުތަކާއި ރިޕޯޓުތައް އޯގަސްޓް 16ގެ ކުރިން މީރާއަށް ހުށަހަޅަންޖެހޭ
މާލިއްޔަތު ޤަވާއިދަށް ދާދި ފަހުން ގެނައި އިސްލާހާއެކު ކުންފުނިތަކުގެ އަހަރީ ފީއާއި ރަޖިސްޓްރޭޝަން ފީތައް ބަލައިގަންނާނީ މީރާ މެދުވެރިކޮށް

ކުންފުނިތަކުގެ 2019 ވަނަ އަހަރުގެ އަހަރީ ހިސާބުތަކާއި ރިޕޯޓުތައް އަންނަ މަހުގެ 16 ވަނަ ދުވަހުގެ ކުރިން މީރާ އަށް ހުށަހަޅަންޖެހޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

ކުންފުނިތަކުގެ 2019 ވަނަ އަހަރުގެ އަހަރީ ހިސާބުތަކާއި، ޑިރެކްޓަރުންގެ ރިޕޯޓާއި އޮޑިޓަރުގެ ރިޕޯޓް ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 16 އޮގަސްޓްގެ ނިޔަލަށް މީރާ މެދުވެރިކޮށް ކަަމަށާއި ކުންފުނިތަކުގެ އަހަރީ ހިސާބުތަކާއި ރިޕޯޓުތައް ބީޕީޓީ ބަޔާން ވެސް ހުށަހަޅަން ޖެހޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މާލިއްޔަތު ޤަވާއިދަށް ދާދި ފަހުން ގެނައި އިސްލާހާއެކު ކުންފުނިތަކުގެ އަހަރީ ފީއާއި ރަޖިސްޓްރޭޝަން ފީތައް ވެސް މިހާރު ބަލައިގަންނާނީ މީރާ މެދުވެރިކޮށެވެ.

މާލިއްޔަތު ޤަވާއިދަށް ގެނައި އިސްލާހުގައި ޓެކްސްގެ ގޮތުގައި ނުހިމެނޭ ފައިސާގެ ތެރެއިން 73 ބާވަތެއް މީރާ މެދުވެރިކޮށް ބަލައިގަންނަ ގޮތަށް ވަނީ އިސްލާހު ގެނެސްފައެވެ. ކުންފުނިތަކުގެ އަހަރީ ފީ ދައްކާފައިނުވާ ހަތަރު ހާސް ނުވަ ސަތޭކަ ސައުވީސް ކުންފުންޏެއް ދާދިފަހުން އިކޮނޮމިކް މިނިސްޓްރީން ވަނީ އުވާލާފައެވެ. މިއީ 1979 ވަނަ އަހަރުން 2018 ވަނަ އަހަރާއި ހަމައަށް އަހަރީ ފީ ދައްކާފައިނުވާ ކުންފުނިތަކެވެ.

ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކޮންމެ ކުންފުންޏަކުން، އެކުންފުންޏެއްގެ އަހަރީ ހިސާބުތަކާއި ޑިރެކްޓަރުންގެ ރިޕޯޓާއި އޮޑިޓަރުގެ ރިޕޯޓް، ރަޖިސްޓްރާރ އޮފް ކޮމްޕެނީޒްއަށް ހުށަހަޅަން ޖެހެއެވެ.

- ކޮމެންޓް