ދިވެހިރާއްޖެއިން ކޮވިޑް-19 އާއި ދެކޮޅަށް ކުރަމުންގެންދާ މަސައްކަތްތަކަށް އެހީތެރިވެދިނުމުގެ ގޮތުންނާއި، ޞިއްޙީ ދާއިރާ އިތުރަށް ހަރުދަނާކުރުމަށް ޔުނިސެފްގެ ފަރާތުން ދިވެހިރާއްޖެއަށް ބައެއް ތަކެތި ރަސްމީކޮށް ޙަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް ހެލްތުގައި ބޭއްވި ރަސްމިއްޔާތެއްގައި މިތަކެތި މިނިސްޓަރ އޮފް ހެލްތުއާއި ޙަވާލުކޮށްދެއްވީ ޔުނިސެފްގެ ފަރާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ މަންދޫބު ޑރ. މުނީރު އަލް ސަފީލްދީންއެވެ. ޙަވާލުކުރެވުނު ތަކެތީގެ ތެރޭގައި ޕާސަނަލް ޕްރޮޓެކްޓްޓިވް އިކުއިޕްމަންޓް (ޕީ.ޕީ.އީ) އާއި ސެނިޓައިޒަރ އަދި ސޯޕް ހިމެނެއެވެ.
ރަސްމިއްޔާތުގައި ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ވަނީ ޔުނިސެފްގެ ފަރާތުން މެދުނުކެނޑި ޞިއްޙީ ދާއިރާއަށް ލިބެމުންދާ އެހީތެރިކަން ފާހަގަކުރައްވައި އެ ޖަމިއްޔާގެ ވެރިންނަށް ޝުކުރު އަދާކުރައްވާފައެވެ. މިގޮތުން ކޮވިޑް-19 އާއި ގުޅިގެން ޢާއްމުން ހޭލުންތެރި ކުރުވުމަށް ކުރެވުނު މަސައްކަތްތަކަށް ޔުނިސެފްގެ ފަރާތުން ލިބިގެން ދިޔަ އެއްބާރުލުން ޚާއްޞަކޮށް ފާހަގަކުރެއްވިއެވެ. ޙަވާލުކުރެވުނު ޕީ.ޕީ.އީ އައިޓަމްތަކާއިއެކު އަތޮޅުތެރޭގައި ކޮވިޑާއި ދެކޮޅަށް ކުރެވޭ މަސައްކަތް އިތުރަށް ހަރުދަނާ ކުރެވިގެންދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާއަށް ޔުނިސެފްގެ ފަރާތު ތަފާތު އެކިގޮތްގޮތުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މިގޮތުން ރާއްޖެއަށް ބޭނުންވާ ވެކްސިން ފޯރުކޮށްދިނުމާއި، ޢާއްމު ޞިއްޙަތާއި ގުޅޭ އެކި ދާއިރާތަކުން އެ ޖަމިއްޔާއިން ދަނީ މެދުނުކެނޑި އެހީތެރިކަން ފޯރުކޮށްދެއެވެ.