ކ. މާލެ
|
20 ޖުލައި 2020 | ހޯމަ 22:06
މަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގައި އޭސީސީގެ މެމްބަރުން ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަނީ
މަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގައި އޭސީސީގެ މެމްބަރުން ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަނީ
މަޖިލިސް
އޭސީސީން ބަލަމުންދާ ކޮރަޕްޝަންގެ މައްސަލަތައް
ފާއިތުވި 5 އަހަރުގެ "ބޮޑު މައްސަލައެއް" އޭސީސީން ނިންމަނީ
 
އެ މައްސަލަ މިހާރު ވަނީ ނިމުމަކާ ހަމައަށް އައިސްފައި
 
އެފަދަ އިތުރު މައްސަލަތަކެއް ޕީޖީ އޮފީހަށް ފޮނުވާނެ
 
އެ މައްސަލައިގެ ތަފްސީލު ފަހުން ހާމަ ކުރައްވާނެ

ވޭތުވެދިޔަ 5 އަހަރުގެ ބޮޑު މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށައެޅި، އެ މައްސަލަ ނިންމުމުގެ މަރުޙަލާގައިވާކަމަށް އޭސީސީން ބުނެފިއެވެ.

ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން އޭސީސީގެ މެމްބަރު އިބްރާހިމް ޝަކީލް ވިދާޅުވީ، މިހާރުވެސް ވޭތުވެދިޔަ 5 އަހަރާ ގުޅޭ "ބޮޑު" މައްސަލައެއް އޭސީސީއަށް ހުށައެޅިފައިވާ ކަމަށެވެ. އަދި އެ މައްސަލައިގެ ތަފްސީލު ފަހުން ހާމަ ކުރައްވާނެކަން ފާހަގަ ކުރައްވަމުން ޝަކީލް ވިދާޅުވީ، އެ މައްސަލަ މިހާރު ނިމުމަކާ ހަމައަށް އައިސްފައިވާ ކަމަށެވެ.

އޭގެ އިތުރުން، ނުނިމިހުރި ނުވަތަ އެކި ސަބަބުތަކާހުރެ ހުއްޓިފައިވާ ބޮޑެތި މައްސަލަތަކަށް ބަލާއިރު، ކުރިއަށް އޮތް 2 މަހެއްހާ ދުވަހުގެ ތެރޭގައި އެފަދަ އިތުރު މައްސަލަތަކެއް ޕީޖީ އޮފީހަށް ފޮނުވާނެކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރުވެސް ވޭތުވެދިޔަ 5 އަހަރާ ގުޅޭ ވަރަށް ބޮޑު މައްސަލައެއް އަޅުގަނޑުމެންނަށް ހުށައެޅިފައި އެބައޮތް، އަޅުގަނޑުމެން މިވަގުތު ބޭނުމެއްނުވޭ އޭގެ ތަފްސީލަށް ދާކަށް، އެހެން ނަމަވެސް އެ މައްސަލަ ގާތްގަނޑަކަށް ނިމުމަކާ ހަމައަށް އާދެވިފައި މިވަނީ، އަޅުގަނޑު ހިތުން އޭސީސީން އަޅުގަނޑުމެން އައި ފަހުން މި ކުރަން ފެށި މަސައްކަތް ތަކުގެ ތެރެއިން ހުއްޓިފައި ހުރި ނޫނީ ލަސްވެފައި ހުރި ބޮޑެތި މައްސަލަތަކަށް ބަލާއިރު، ކުރިއަށް އޮތް މަހެއް ނޫނީ 2 މަސް ދުވަހުގެ ތެރޭގައި އަޅުގަނޑުމެންނަށް ފެންނާނެ އިތުރަށް ޕީޖީއަށް މައްސަލަތަކެއް ފޮނުވޭތަން،
އޭސީސީގެ މެމްބަރު އިބްރާހިމް ޝަކީލް

ކޮމިޓީގައި ވާހަކަ ދައްކަވަމުން ޝަކީލް އިތުރަށް ވިދާޅުވީ، އެމްއެމްޕީއާރްސީ ޙިޔާނާތާ ގުޅޭ މައްސަލަތައް ނިންމާނެ މުއްދަތަކަށް ބަލާއިރު، އެކި މައްސަލަތަކަށް އެކި ދުވަސް ހޭދަވާނެ ކަމަށް ބެލެވޭ ކަމަށެވެ. އެހެން ނަމަވެސް، ކުރިއަށް އޮތް 6 މަސް ނުވަތަ 1 އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި އެ މައްސަލަ އެއްކޮށް ބަލާ ނިމެނޭކަމަށް ނުދެންނެވޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން، ފުލުހުންނާއި އެސެޓް ރިކަވަރީ ކޮމިޝަނާއި އޭސީސީ ގުޅިގެން މި މައްސަލަ ގާތުން ބަލަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
29%
0%
0%
43%
14%
14%
ކޮމެންޓް