ކ. މާލެ
|
20 ޖުލައި 2020 | ހޯމަ 17:34
އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން
އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން
ޔޫސުފް ސޮފްވާން ރަޝީދު
އެސްޑީއެފްސީ
ކުދި ވިޔަފާރީތަކަށް 290 މިލިއަން ރުފިޔާގެ ލޯނު
 
ބަޖެޓުގައި އެސްޑީއެފްސީއަށް 450 މިލިއަން ރުފިޔާ ކަނޑައަޅާފައިވޭ
 
އެސްޑީއެފްސީ އަކީ ދައުލަތުގެ 100 އިންސައްތަ ހިއްސާވާ ކުންފުންޏެއް
 
ލޯނަށް ހުށަހެޅި 2855 ފަރާތެއްގެ ތެރެއިން 1643 ފަރާތަކަށް ލޯނު ހަމަޖައްސައިދީފައިވޭ

ކޯވިޑް19އާ ގުޅިގެން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީވުމަށް މިހާތަނަށް 290.9 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ހާމަކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ އެސްޑީއެފްސީ މެދުވެރިކޮށް ލޯނަށް ހުށަހެޅި 2855 ފަރާތެއްގެ ތެރެއިން 1643 ފަރާތަކަށް ލޯނު ހަމަޖައްސައިދީފައިވާ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ 1183 ވިޔަފާރިއަކަށް ދޭން ނިންމި 277.2 މިލިއަން ރުފިޔާއާއި 460 އަމިއްލަ ފަރާތަކަށް ދޭން ނިންމި 13.7 މިލިއަން ރުފިޔާގެ ލޯނު ކަމަށެވެ.

އެސްޑީއެފްސީން ލޯނު ދޫކުރި ދާއިރާތައް:

  1. ވިޔަފާރި - 640 ފަރާތަކަށް 151.6 މިލިއަން ރުފިޔާ
  2. އަމިއްލަ މަސައްކަތް – 460 ފަރާތަކަށް 13.7 މިލިއަން ރުފިޔާ
  3. ޓުއަރިޒަމް – 214 ފަރާތަކަށް 47.7 މިލިއަން ރުފިޔާ
  4. ކޮންސްޓްރަކްޝަން – 150 ފަރާތަކަށް 40 މިލިއަން ރުފިޔާ
  5. މެނުފެކްޗަރިން –86 ފަރާތަކަށް 16.1 މިލިއަން ރުފިޔާ
  6. ޓްރާންސްޕޯޓް – 65 ފަރާތަކަށް 17.2 މިލިއަން ރުފިޔާ
  7. މަސވެރިކަން – 18 ފަރާތަކަށް 3.2 މިލިއަން ރުފިޔާ

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން 1603 ފަރާތަކަށް ލޯނު ލިބުނުކަމުގެ ލިޔުން ދީފައިވާއިރު، 1303 ފަރާތަކަށް 172 މިލިއަން ރުފިޔާގެ ލޯނު މިހާތަނަށް އެސްޑީއެފްސީ މެދުވެރިކޮށް ވަނީ ދޫކޮށްފައެވެ.

އެސްޑީއެފްސީން ވިޔަފާރީތަކަށް އެހީތެރިވުމަށް ލޯނު ދޫކޮށްފައިވާއިރު މީގެ ކުރިން އެސްޑީއެފްސީން ލޯނު ނަގާފައިވާ ފަރާތްތަކަށް އެ ލޯނު އަނބުރާ ދެއްކުން ހަ މަސް ދުވަހަށް ފަސް ކުރުމަށް ވަނީ ނިންމާފައެވެ.

ލޯނާއި ލޯނުގެ އިންޓްރެސްޓް އަނބުރާ ދެއްކުން ހަ މަސް ދުވަހަށް ފަސްކުރުމުގެ އިތުރަށް، އެ މުއްދަތުގެ ތެރޭގައި ލޯނުގެ އިންޓްރެސްޓް ރޭޓަކީ %4 ކަމުގައި ވަނީ ހަމަޖައްސާފައެވެ. މި ނިންމުމަކީ ކޮވިޑް-19 އާ ގުޅިގެން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން އެސްޑީއެފްސީން ނިންމި ނިންމުމެކެވެ.

އެސްޑީއެފްސީ އަކީ ދައުލަތުގެ 100 އިންސައްތަ ހިއްސާވާ ކުންފުންޏެކެވެ. އޭގެ ތެރޭގައި ފުވައްމުލަކު ސިޓީ، އައްޑޫ ސިޓީ އަދި މާލެ ސިޓީގެ 15 އިންސައްތަ (ކޮންމެ ސިޓީއަކަށް %5) ހިއްސާ ހިމެނެއެވެ.

މި ކޯޕަރޭޝަނަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީ އާއި ފަންނީ ލަފާދިނުމުގެ ގޮތުން މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި ހުޅުވިގެން ދިޔަ ކުންފުންޏެކެވެ. މިހާތަނަށް އެސްޑީއެފްސީން 120 މިލިއަން ރުފިޔާ ލޯނުގެ ގޮތުގައި ދޫކޮށްފައިވާއިރު، މީގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ދޫކޮށްފައިވަނީ ގެސްޓްހައުސް ތަކަށެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީވުމުގެ ގޮތުން މި އަހަރުގެ ބަޖެޓުގައި ވެސް ވަނީ ގިނަ އަދަދަކަށް ފައިސާ ހިމަނާފައެވެ. އެގޮތުން 2020 ވަނަ އަހަރަށް ފާސްކުރި ބަޖެޓުގައި އެސްޑީއެފްސީއަށް 450 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް