މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގުޅިގެން ރިހެބިލިޓޭޝަން ޕްރޮގްރާމްތައް އޮންލައިކޮށް ޕްލެޓްފޯމެއް ކަމުގައިވާ ޒޫމް މެދުވެރިކޮށް ދޭން ފަށައިފިއެވެ.
ރިހެބިލިޓޭޝަން ފްރޭމްވޯރކްގެ ތެރެއިން އެކި މަރުހަލާތަކުގައި ޤައިދީންގެ ހިތުގައި ދީނީ ކަންތައްތަކަށް ލޯބިޖެއްސުމަށާއި ދީނީ ކަންތައްތަކަށް އަހުލުވެރިކުރުވުމުގެ ގޮތުން ކުރިއަށް ގެންދާ ދީނީ ދަރުސްތަކާއި، ދީނީ ކައުންސެލިންގެ ޚިދުމަތް ޤައިދީންނަށް ފޯރުކޮށްދިނުމަށްޓަކައި ކުރިއަށް ގެންދާ މި ޕްރޮގްރާމް ކޮވިޑް-19 އާ ގުޅިގެން މެދުކަނޑާލުމަށްފަހު މި ގޮތަށް ކުރިޔަށް ގެންދަން ފެށީ ޖުލައި 5ން ފެށިގެންނެވެ.
ރިހެބިލިޓޭޝަންގެ މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް ދީނީ ގޮތުން ކަންކަން އޮޅުން ފިލުވައިދިނުމުގެ 12 ޕްރޮގްރާމެއް ގެންގޮސްފައިވާކަމަށް މިނިސްޓްރީން ބުނެއެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް މި މަސައްކަތްތައް ކުރިއަށްގެންދާ ގޮތަށްވަނީ ހަމަޖެހިފައެވެ. ކޮންމެ ހަފްތާއެއްގެ އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ހެނދުނު 10:00ން 11:00ށް ޒޫމް މެދުވެރިކޮށް އޮންލައިންކޮށް ކުރިއަށްގެންދާ މި ޕްރޮގްރާމްގައި ޤައިދީންނަށް ދީނީ ދަރުހާއި ފިލާވަޅުތައް ނަގައި ދެނީ އިސްލާމިކް މިނިސްޓްރީގެ ވާޢިޡުންނެވެ.
މިގޮތަށް ކުރިއަށް ގެންދާ ދީނީ ފިލާވަޅުތަކާއި ދަރުސްތަކުގައި ހިމެނެނީ، އިސްލާމީ ޢަޤީދާ އާއި ފިޤްހާއި މުޢާމަލާތާއި އަޚްލާޤުގެ ބައިތަށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޖަލުތަކުގައި ކުރިއަށް ގެންދާ ރިހެބިލިޓޭޝަން ޕުރޮގުރާމަކީ ދިވެހިރާއްޖޭގެ ޤާނޫނުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މައްޗަށް ހިންގުމަށް ލާޒިމްކުރާ ޙަރަކާތްތަކެއްގެ މައްޗަށް ބިނާކޮށް ހިންގާ ޕުރޮގުރާމެކެވެ. މި ޕުރޮގްރާމު ކުރިއަށް ގެންދިއުމުގެ މަޤްސަދަކީ ޙުކުމް ތަންފީޛު ކުރުމަށް ޖަލުގައި ބަންދުކުރެވޭ ޤައިދީން އަނބުރާ މުޖުތަމަޢަށް ނެރުމުގެ ކުރިން އެ މީހުންނަކީ މުޖުތަމަޢު ބަލައިގަންނަ، ބޭނުންތެރި ބަޔަކަށް ހެދުމާއި، އެމީހުން މުޖުތަމަޢުއަށް ނިކުތުމަށްފަހުގައި އަމިއްލަ ދިރިއުޅުން ބިނާކުރުމަށް ބޭނުންވާނެ ޢިލްމާއި ފަންނާއި ހުނަރު ދަސްކޮށްދިނުމެވެ.