ކ. މާލެ
|
19 ޖުލައި 2020 | އާދީއްތަ 18:04
އަދީބުގެ މައްސަލަތައް ބާތިލް ކަމަށް ނިންމި، ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއީލް ރަޝީދު: ގާޒީ އިސްމާއިލް ރަޝީދުގެ މައްސަލަ ޖޭއެސްސީން ބެލުމަށްވެސް ގޮވާލާފައިވޭ
އަދީބުގެ މައްސަލަތައް ބާތިލް ކަމަށް ނިންމި، ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއީލް ރަޝީދު: ގާޒީ އިސްމާއިލް ރަޝީދުގެ މައްސަލަ ޖޭއެސްސީން ބެލުމަށްވެސް ގޮވާލާފައިވޭ
އަވަސް
އަދީބުގެ މައްޗަށް ކުރެވޭ ޙިޔާނާތުގެ ދައުވާތައް
އަދީބުގެ މައްސަލަ ބޭރުކޮށްލި ގާޒީ ސަސްޕެންޑް ކޮށްފި
 
ތަހުޤީޤު ނިމުމުން ކަނޑައެޅިފައިވާ އުޞޫލުގެ މަތިން ޢާންމު ކުރެވޭނެ
 
ސަސްޕެންޑް ކޮށްފައިވަނީ ވަގުތީގޮތުން 60 (ފަސްދޮޅަސް) ދުވަހަށް
 
އެ މައްސަލަ ކޮމިޝަނުން ދަނީ ތަހުޤީޤު ކުރަމުން

އަދީބުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާއެއް މައްސަލަ ބާތިލުކުރި ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ރަޝީދު ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީން) ސަސްޕެންޑް ކޮށްފިއެވެ.

ހޮނިހިރު ދުވަހު ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނީ، ކްރިމިނަލް ކޯޓުގެ ޤާޟީ އިސްމާޢީލް ރަޝީދު، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ފާޅުކަންބޮޑު ގޮތެއްގައި ކަނޑައެޅިގެން ޚިލާފަށް ޢަމަލު ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލަ ކޮމިޝަނުން ތަހުޤީޤު ކުރަމުންދާ ކަމަށެވެ.

އޭގެ އިތުރުން، މައްސަލައިގެ ބާވަތާއި، މައްސަލައާ ގުޅިގެން ހުށައެޅިފައިވާ ހެކިތަކަށް ބަލާއިރު، ޤާޟީ އިސްމާޢީލް ރަޝީދު ފަނޑިޔާރުކަމުގެ މަސައްކަތުގައި ދެމިހުރެއްޖެނަމަ މައްސަލަ ތަޙުޤީޤުކުރުމަށް އެޅިދާނެ ހުރަހަށާއި، ޝަރުޢީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް، ގާނޫނު ނަންބަރު 10/2008 (ޖުޑީޝަލްސާރވިސް ކޮމިޝަންގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ނ) އަދި (ކ)އާ ޙަވާލާދީ، ޤާޟީ އިސްމާޢީލް ރަޝީދު، ވަގުތީގޮތުން 60 (ފަސްދޮޅަސް) ދުވަހަށް ފަނޑިޔާރުކަމުގެ މަސައްކަތުން ދުރުކުރުމަށް ނިންމާފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ޖޭއެސްސީން ބުނީ، މި މައްސަލާގައި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފަށް ކުރިކަމަށް ތުހުމަތު ކުރެވޭ އަމަލުތަކުގެ ތަފްޞީލް ތަޙްޤީޤުކޮށް ނިމުމުން ކަނޑައެޅިފައިވާ އުޞޫލުގެ މަތިން ޢާންމު ކުރެވޭނެ ކަމަށެވެ.

އަދީބުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ކްރިމިނަލް ކޯޓުން ބާތިލް ކުރުމާއި ގުޅިގެން ޕީޖީ ހުސައިން ޝަމީމް ވަނީ، މައްސަލަ ބެއްލެވި ގާޒީ އިސްމާއިލް ރަޝީދުގެ ނިންމެވުމާމެދު ހިތްހަމަޖެހިވަޑައި ނުގަންނަވާ ކަމަށް ވިދާޅުވެފައެވެ. އަދި މައްސަލަ ސާބިތު ކުރި ސަބަބެއް އަދި ހަވާލާދިން ގާނޫނުގެ މާއްދާއެއް ހުކުމުގައި ބަޔާންކޮށްފައި ނުވާ ކަމަށް ވެސް ޝަމީމް ވިދާޅުވިއެވެ. އަދި ގާޒީ އިސްމާއިލް ރަޝީދު މި މައްސަލައިގައި އަމަލު ކުރެއްވި ރަނގަޅަށްތޯ ނުވަތަ ނޫންތޯ ނިންމަވާނީ ޖޭއެސްސީންކަމަށް ވިދާޅުވެ، މި މައްސަލަ ޖޭއެސްސީއަށް ހުށައެޅިއެވެ.

އަދީބުގެ މައްޗަށް އުފުލިފައިވާ ދައުވާތަކާ ގުޅިގެން ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި، ދައުވާތައް ބާތިލް ކުރި ސަބަބުތަކުގެ ތެރޭގައި އަދީބާއެކު ދައުލަތުން ވެފައިވާ އިއުތިރާފުގެ އެއްބަސްވުމުގެ ސައްހަކަން ހިމެނެއެވެ. އެގޮތުން، އެއީ އަދީބު ލައްވާ މަޖުބޫރުން ސޮއިކުރުވި އެއްބަސްވުމެއް ކަމަށް ގާޒީ ވަނީ ނިންމަވާފައެވެ. އަދި ގާޒީ މިހެން ނިންމެވީ އަދީބު އެހެން ވިދާޅުވެގެން ނޫން ކަމަށް ޕީޖީ ޝަމީމް ވިދާޅުވިއެވެ.

ގާޒީ އިސްމާއިލް ރަޝީދު ކްރިމިނަލް ކޯޓުގެ ގާޒީގެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ، 2018 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް