ކަނޑު ގަދަވެ ބައެއް ރަށްތަކަށް ރާޅު އަރާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ވައިޓް އެލަރޓް ނެރެފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ ހއ. އަތޮޅުން ފެށިގެން އައްޑު ސިޓީއަށް ވައިޓް އެލަރޓް ނެރެފައިވާ ކަމަށާއި، ވައިތް އެލަރޓް ނެރެފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނު 10:45ން މެންދުރު ފަހު 3:00 އަށެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި ނުރައްކާތެރި ކަނޑުމަތީގެ ތަފާތު 05 ހާދިސާއެއްގެ ރިޕޯރޓް އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސކިއު ކޯޑިނޭޝަން ސެންޓަރަށް ވަނީ ލިބިފައެވެ. މީގެތެރޭގައި މީހުންގެ ފުރާނައަށް ގެއްލުންވާ ފަދަ ހާދިސާތަކާއި އުޅަނދުފަހަރު އަޑިއަށް ދިއުންފަދަ ހާދިސާތައް ވަނީ ހިނގާފައެވެ.
ކުރިއަށް އޮތް 24 ގަޑި އިރަށް ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާ ގޮތަށް ބަލާ އިރު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެއެވެ.
އަދި ހުޅަނގުއުތުރާއި އުތުރުން، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރު މިނުގައި، އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެއެވެ. އެ އިދާރާއިން ބުނީ ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލުގެ ބާރުމިނަށް ވައި ގަދަވުން އެކަށީގެން ވާ ކަމަށެވެ.
މީގެ އިތުރުން ކަނޑުތައް އުތުރާއި މެދުރާއްޖެތެރޭގައި ގަދަ ވާނެ ކަމަށާއި، ދެކުނުގައި އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ. ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދަ އެރުމުގެ ފުރުސަތު ބޮޑު ކަމަށާއި، ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް ވަނީ އެދިފައެވެ.