މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19ށް ކުރިއަށް އޮތް 2 ނުވަތަ 3 މަހެއްގެ ތެރޭގައި އެކަށީގެންވާ ބޭހެއް ހޯދޭނެ ކަމަށް އެމެރިކާގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތްގެ ޑިރެކްޓަރ ޑރ. ފްރާންސިސް ކޮލިންސް ވިދާޅުވެއްޖެއެވެ.
ޑރ. ފްރާންސިން ވިދާޅުވީ މިހާތަނަށް ކުރެވުނު މަސައްކަތުން ކޮވިޑަށް އަސަރުކުރުވާ ފަދަ ބޭހެއް ފެނިފައިވާ ކަމަށާއި، އޭގެ ތެރޭގައި 2 ވައްތަރެއްގެ ބޭހެއް ހިމެނޭ ކަށެވެ. އެއީ ރެމްޑިސިވިރ އަދި ޑެކްސަމެތަސޯންއެވެ.
ރެމިޑިސިވިރ އަކީ އެންޓިވައިރަލްއެކެވެ. މި ބޭސް ބޭނުން ކުރުގެ ސަބަބުން ކޮވިޑް-19 ޖެހުނު މީހުން ބައްޔާއެކު ހޭދަކުރަން ޖެހޭ ދުވަސް ކުޑަ ކުރެވޭ ކަމަށެވެ. އަދި ޑެކްސަމެތަސޯން އަކީ ސްޓިރޮއިޑްއެކެވެ. އަދި މި ބޭސް ބޭނުން ކުރުމުގެ ސަބަބުން ކޮވިޑް-19 ޖެހޭ ސީރިއަސް ހާލަތަށް ދާ މީހުންގެ ތެރެއިން މަރުވާ މީހުންގެ އަދަދު ދަށްކުރެވިފައިވާ ކަމަށެވެ.
ޑރ. ފްރާންސިސް ވިދާޅުވީ ކައިރި ކުރު މުސްތަގުބަލެއްގައި ބޭސް ބޭނުން ކުރަން ފަށާނެ ކަމަށެވެ. އެގޮތުން ފުރަތަމަ ކްލިނިކަލް ޓްރައަލްސް ކުރިއަށް ގެންދާނެ ކަމަށެވެ.
އޭނާ ވިދާޅުވީ މާބޮޑަށް ބަލިވާ މީހުންގެ ފަރާތުން ބައެއް ކަންކަން ފެންނަ ކަމަށާއި، އޭގެ ތެރޭގައި ލޭގަނޑުވުން މައިގަނޑު ކަމެއްގެ ގޮތުގައި ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެހެންކަމުން އެ ކަންކަމުން ދުރުކުރުމަށް މި ބޭހުގެ ބޭނުން ކުރެވިދާނެ ކަމަށެވެ. އަދި އޭނާގެ ނަޒަރުގެ އެންމެ ރަނގަޅު އެއް ފަރުވާ އަކީ ކޮވިޑް ޖެހި ރަނގަޅުވެފައިވާ މީހުންގެ ހަށިގަނޑުން މޮނޮކްލޯނަލް އެންޓި ބޮޑީސް ނަގާ އޭގެ ބޭނުންކޮށްގެން ފަރުވާއެއް އުފެއްދި ދާނެ ކަމަށާއި، މީގެ ޓްރައިލްތައް ވެސް އަވަހަށް ފެށިގެންދާނެ ކަމަށެވެ.
ޑރ. ފްރާންސިސް ވިދާޅުވީ ބައްޔަށް ވެކްސިން އުފެއްދުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށާއި، މި އަހަރުގެ ނިޔަލަށް ވެކްސިނެއް އުފެއްދޭނެ ކަމަށެވެ. އެގޮތުން ވެކްސިންގެ ފުރަތަމަ ޓްރައަލް މި މަހުގެ 27 ވަނަ ދުވަހު އެމެރިކާގައި އެންމެ ހަލުވިކަމާއެކު ބަލި ފެތުރެމުން އަންނަ ދެކުނުގެ ސަރަހައްދުގައި ފަށާނެ ކަމަށެވެ. އަދި މިކަމަށް 30،000 މީހުން ބައިވެރިކުރުވަން ނިންމާފައިވާ ކަމަށް ވެސް ޑރ. ފްރާންސިންސް ވިދާޅުވިއެވެ.
އަދި ޓެސްޓް ކުރުމަށް ތައްޔާރުވެފައިވާ ވެކްސިން ރަނގަޅަށް މަސައްކަތް ކޮށްފި ނަމަ މި އަހަރުގެ ނިޔަލަށް 10 މިލިއަނަށްވުރެ ގިނަ ވެކްސިން ޑޯޒް އުފައްދާ އާންމުންނާ ހަމައަށް ލިބޭނެ ގޮތް ހެދިގެންދާނެ ކަމަށެވެ. އަދި މި މަސައްކަތް ކުރަމުން ދަނީ ބާރު ސްޕީޑެއްގައި ކަމަށާއި، މި މަސައްކަތް ކުރުމުގައި އެއްވެސް ވަރަކަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް ނަގާ ނުލާނެ ކަމަށެވެ.
ޑރ. ފްރާންސިސް ވިދާޅުވީ ވެކްސިން ކާމިޔާބު ކަމާއެކު މަސައްކަތް ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށާއި، ކާމިޔާބު ސިގްނަލްއެއް ލިބުމާއެކު ވެކްސިން އުފެއްދުމުގެ މަސައްކަތް ބާރު ސްޕީޑުގައި ފެށިގެން ކުރިއަށްދާނެ ކަމަށެވެ.
ވެކްސިނެއް އުފެއްދުމަށް ބުރަ މަސައްކަތްތަކެއް ކުރަމުން އަންނަ އިރު، ޑރ. ފްރާންސިން ވިދާޅުވީ އޭނާ އެންމެ ކަންބޮޑުވާ ކަމަކީ އެމެރިކާގެ ބައެއް ރައްޔިތުން ވެކްސިނާއި މެދު ޝައްކު އުފައްދާތީ ކަމަށެވެ. އަދި ވެކްސިން އެންމެންނަށް ހަމަހަމައަށް ދެވެން ޖެހޭނެ ކަމަށާއި، އެމެރިކާގެ ގާތްގަނޑަކަށް 25 އިންސައްތަ މީހުން ވެކްސިނާއި މެދު ޝައްކު އުފައްދާ ވެކްސިން ޖަހާނެ ކަމާމެދު ސުވާލު އުފައްދާ ކަމަށެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެކްސިން އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ އިރު ރަޝިއާއިން ވަނީ އެ ގައުމުން ކްލިނިކަލް ޓްރައަލްގެ ގޮތުގައި ޓެސްޓް ކުރަން ފެށި ވެކްސިން ކާމިޔާބުކަމަށް ހާމަކޮށްފައެވެ. އަދި ކޮވިޑް-19ށް އުފައްދާ އެކްސްޕެރިމެންޓަލް ވެކްސިންގެ 30 މިލިއަން ޑޯޒް އެ ގައުމުގައި މި އަހަރު އުފައްދަން ރާވާފައިވާ ކަމަށް ރަޝިޔާއިން ބުނެފައިވެއެވެ.