މާލެ އިން ފުރައިގެން އދ. މަންދޫ އަށް ދަތުރުކުރި އެ ރަށު ''ރަންތަރި'' ދޯނިން ކަނޑުމައްޗަށް ގެއްލުނު އުމުރުން 27 އަހަރުގެ އަލީ ޝާހު ހޯދުމަށް މަންދޫ ދޯނިތަކުން ވެސް ކަނޑުމައްޗަށް ނުކުމެއްޖެއެވެ.
މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފަށް ލިބިފައިވަނީ ބުރާސްފަތި ދުވަހުގެރޭ 02:10 ހާއިރު ކަމަށާއި، ހާދިސާ ހިނގާފައިވަނީ މެންދަމު 01:10 ހާއިރު ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ. އެގޮތުން އޭނާ ގެއްލިފައިވާކަން އެނގިފައިވަނީ އދ މަންދޫ ފަޅަށް ވަތް ފަހުން ކަމަށް ދޯނީގެ ކެޕްޓަންއާ ޙަވާލާދީ އެމްއެންޑީއެފުން ބުނެއެވެ.
ދޯނީގެ ކެޕްޓަން ބުނި ގޮތުގައި ޝާހުއާ އެންމެ ފަހުން ވާހަކަ ދެކެވުނީ ބުރާސްފަތި ދުވަހުގެރޭ ދަންވަރު 12:45 ހާއިރު، ފަޅަށް ވަނުމުގެ ތިރީސް މިނިޓް ކުރިންނެވެ. އެގޮތުން އެންމެ ފަހުން ޝާހުއާ ބައްދަލު ވެފައިވަނީ ކޮންއިރަކުންތޯ ސުވާލު ކުރުމުން ކައްޕި ބުނީ، 12:45 ހާއިރު ވާހަކަ ދެކެވުނު ކަމަށާއި، ޝާހު ހުރީ ދޯނީގެ އެންމެ ފަހަތު ސީޓު ބަރީގައި ކޮޅަށް ކަމަށެވެ. ދޯނި ރަށަށް ލަފާފާއި ވަނީ 01:15 އާއި 01:20 ދެމެދުގެ ވަގުތެއްގައެވެ.
އޭނާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާއިރު، މިހާރު އެރަށު ދޯނިފަހަރު ވެސް ނުކުމެ އެ މަސައްކަތުގައި އުޅެމުންދާކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި މިހާތަނަށް ކުރެވުނު މަސައްކަތުން އޭނާ ފެނިފައި ނުވާ ކަމަށާއި، އެ ސަރަޙައްދުގެ ކަނޑުގެ ސަރފޭސް ބަލަމުންދާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.