ރާއްޖޭގެ ރީތިކަމުގެ ވާހަކަ އަކީ ދައްކާ ހުސްނުވާނެ ވާހަކައެކެވެ. ރީތި ދޮންވެލި ތުނޑިތަކާއި މުރަކައިގެ ރީތި ފަރުތަކަކީ މިކުޑަކުޑަ ޤައުމަށް ލިބިފައިވާ އެންމެ އަގުހުރި ރައުސުލްމާލެވެ. ފަތުރުވެރިން ރާއްޖެ ސިފަ ކުރަނީ "ދުނިޔެމަތީގެ ސުވަރުގެ" ގޮތުގައެވެ.
ރާއްޖެއަށް އައުމަށްޓަކައި ގިނަ ފަތުރުވެރިން އެތައް ޕްލޭންތަކެއް ހަދާ އެކަމަށް ހުވަފެންތައް ދެކި ތައްޔާރުވެއެވެ. އާއިލާ ނުވަތަ ރައްޓެހިންނާއެކު ހިތްފަސޭހަ މާހައުލެއްގައި މޫދުގެ ހިތްފަސޭހަ މަންޒަރުތައް ދެކިލުމަށްޓަކައި ކެތް މަދުވެފައި ތިބިއެވެ. މިދިޔަ އަހަރުން ފެށިގެންނާއި މިއަހަރު ރާއްޖެ އައުމަށްޓަކައި ޕްލޭންކޮށްގެން ތިބި ފަތުރުވެރިންގެ ހުވަފެންތަކުގެ ކުލަ މަޑުމަޑުން ފަނޑުވެގެންދިޔައީ ކޮވިޑް-19 ގެ ޕެންޑަމިކްގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދިމާވި ކަންތައްތަކާއި ގުޅިގެންނެވެ. ކޮވިޑް-19 ރައްކާތެރިވުމަށްޓަކައި ޤައުމުތަކުން ބޯޑަރުތައް ބަންދުކުރިއެެވެ. އެހެން ޤައުމުތަކެކޭ އެއްފަދައިން ރާއްޖެއިން ވެސް ވަނީ މާރޗް 27 ވަނަ ދުވަހު ބޯޑަރުތައް ބަންދުކޮށްފައެވެ. މި ހާލަތުގައި ގިނަ ރިސޯޓުތަކާއި ގެސްޓް ހައުސްތަކެއް ބަންދުކޮށް، ރާއްޖޭގެ ފަތުވެރިކަމުގެ ސިނާއަތަށް މުޅިން ފަނޑުކަމެއް އައިސް، އިނދަ ޖެހުނެވެ.
އެހެންނަމަވެސް މި މަހުގެ 15 ވަނަ ދުވަހު ސަރުކާރުން ވަނީ ރާއްޖޭގެ ބޯޑަރުތައް ހުޅުވާލާފައެވެ. މިއާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އަލުން އަނބުރާ މަޑުމަޑުން ކޮޅަށް ޖެހުމުގެ އުންމީދު އާލާވެގެންދިޔައެވެ. ތިން މަސް ދުވަސް ފަހުން ރާއްޖޭގެ ބޯޑަރުތައް ހުޅުވާފައިވާއިރު އެންމެ ފުރަތަމަ ރާއްޖެއަށް ޖައްސާފައިވަނީ ދޯހާގެ ފްލައިޓެކެވެ. މި ފްލައިޓުން 100 ފަތުރުވެރިން ރާއްޖެއަށް ވަނީ އައިސްފައެވެ.
މި ފްލައިޓުން އައި ފަތުރުވެރިންގެ ތެރޭގައި މުޅިން އަލަށް ރާއްޖެ އައި ފަތުރުވެރިންނާއި ރާއްޖޭގެ ރީތިކަން ފެނި، އެ ހިތްހަމަޖެހުން ހޯދުމަށްޓަކައި ތަކުރާރުކޮށް އަންނަ ފަތުރުވެރިން ވެސް ހިމެނެއެވެ.
މި ފްލައިޓުން ތުރުކީން އައި ދެމަފިރިން ވެސް ހިމެނެއެވެ. އެ ދެމަފިރިން ބުނީ ރާއްޖެ ނާދެވިގެން ވަރަށް ދިގު އިންތިޒާރެއް ކުރަން ޖެހުނު ކަމަށެވެ. ނަމަވެސް މި އިންތިޒާރަށް ނިމުމެއް އައި ރާއްޖޭގެ ބޯޑަރުތައް ހުޅުވާލުމުން ކަމަށެވެ. އަދި ރާއްޖެ އާދެވުމުން ވަރަށް އުފާވާ ކަމަށާއި މި ދެމަފިރިން ރާއްޖޭގައި 6 ދުވަސް ހޭދަކުރާނެ ކަމަށް ވަނީ ބުނެފައެވެ.
ރާއްޖެ ހިޔާރު ކުރީ ރީތިކަމުން. މިއީ ދުނިޔޭގެ ވެސް އެންމެ "ސަޅި" ޤައުމު. ވަރަށް އުފާވޭ މާލެ އާދެވެމުން. އުންމީދު ކުރަނީ އަހަރުމެންގެ މި ޤައުމުގައި ވެސް އުފާވެރި ދުވަސްތަކެއް ހޭދަ ކުރެވޭނެ ކަަމަށް. މިއީ އަހަރުމެން ދެމީހުންގެ އަލަތު ކައިވެނި، ކައިވެނިކޮށްގެން ވެސް ހަތަރު މަސް މަޑުކުރަން ޖެހުނު ރާއްޖެ ނާދެވި ބޯޑަރުތައް ބަންދުކޮށްފައި އޮތުމުގެ ސަބަބުން. ވަރަށް އުފާވޭ ހިނިތުންވެފަ ތިބޭ ހިތްހެޔޮ މީހުންނާ ރާއްޖެއިން ބައްދަލުވުމުން.ފިރިހެން މީހާ ބުނި
މި ފްލައިޓުން ރާއްޖެއައި ޔޫކްރެއިންގެ މުސްކުޅި ދެމެފަރިއަކު ވެސް ބުނެފައިވަނީ ރާއްޖެއަށް ވަރަށް ގިނައިން އަންނަ ކަމަށެވެ. އެގޮތުން ރާއްޖެއަށް އައި މިއީ 7 ވަނަ ފަހަރު ކަމަށާއި ކުރިއަށް އޮތް ތާނގައި ވެސް ރާއްޖެ އަންނާނެ ކަމަށް އެ ދެމަފިރިން ބުންޏެވެ.
މިއީ އަހަރުމެން ރާއްޖެ އައި 7 ވަނަ ފަހަރު. ރާއްޖެއައިސް މީގެ ކުރިން ހޮލިޑޭ އައިލެންޑް، ސަން އައިލެންޑް ވެސް އައިން. މިފަހަރު އައިސް މިތިބީ ޕެރެޑައިސް އައިލެންޑް ރިސޯޓަށް.އަންހެން މީހާ ބުންޏެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައި އޮތުމަށްފަހު ބޯޑަރުތައް އަލުން ހުޅުވާލިއިރު އޮޕަރޭޝަންތައް ފަށާފައިވަނީ 40 ރިސޯޓުގައެވެ. ކޮވިޑް ރޯގާއާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައި އޮތުމަށްފަހު ބުދަ ދުވަހު ހުޅުވާލިއިރު، އޮޕަރޭޝަންތައް ފަށާފައިވަނީ 40 ރިސޯޓުގައެވެ. އެންމެ 40 ރިސޯޓު މިހާތަނަށް ހުޅުވާލި ނަމަވެސް، ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި އިތުރު ރިސޯޓުތަކެއް ހުޅުވާނެއެވެ. އަދި އޮކްޓޫބަރު މަހު ރާއްޖެއަށް އަންނަ ފްލައިޓްތަކުގެ އަދަދުތައް އިތުރުވާނެ ކަމަށް ބެލެވިފައިވާއިރު، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް ވެސް އިތުރުވާނެ ކަމަށް ވަނީ ބެލެވިފައެވެ.
މި ފަލްއިޓުން އިނގިރޭސިވިލާތުގެ އާއިލާއެއް ވެސް ވަނީ ރާއްޖެ އައިސްފައެވެ. ފިރިމީހާ އާއި ކުޑަ ދަރިފުޅާ އެއްކޮށް މި އަންހެން މީހާ ވެސް ރާއްޖެ އައިސްފައިވަނީ މުޅިން އަލަށެވެ. އަދި ރާއްޖެއާދެވުމުން އުފާވާ ކަމަށް ވަނީ ބުނެފައެވެ.
މިއަހަރު ނިންމެން ވާއިރަށް 8 ލައްކަ ފަތުރުވެރިން ރާއްޖެ ގެނައުމަށް ސަރުކާރުން އަމާޒު ހިފާފައިވާއިރު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތާއި އިޤްތިސާދު އަނބުރާ ކޮޅަށް ޖެހުމަށް ގިނަ ދުވަސްތަކެއް ހޭދަވާނެ ކަަމަށް ކަމާއިބެހޭ މާހިރުން ވަނީ ލަފާކޮށްފައެވެ. އުންމީދަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރާ، ރާއްޖެއަށް ގިނަ ފަތުރުވެރިން ވެސް އައިސް، މި ސިނާއަތް ކުރިއަރައިގެން ދިޔުމެވެ.