ކޮވިޑް-19 ހަލުވި ކަމާއެކު ފެތުރެމުން އަންނަ އެމެރިކާގައި ބުރާސްފަތި ދުވަހު އެކަނި 71،000ށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެގެން ރިޕޯޓްކޮށްފިއެވެ.
ޖޯން ހޮޕްކިންސް ޔުނިވަރސިޓީގެ ތަފާސް ހިސާބުތައް ދައްކާގޮތުން އެމެރިކާއިން ބުރާސްފަތި ދުވަހު އެކަނި ވަނީ 71،135 ކޭސް ޕޮޒިޓިވް ކޭސްގެ ގޮތުގައި ރިޕޯޓްކޮށްފައެވެ. މިއީ އެމެރިކާގައި ކޮވިޑް-19 ފެތުރެން ފެށި ފަހުން އެއްދުވާ އެންމެ ގިނަ އަދަދަކަށް ޕޮޒިޓިވް ކޭސްތައް ރިޕޯޓް ކުރި ދުވަހެވެ.
ބައިނަލް އަގުވާމީ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުން، މި އަދަދު އިތުރުވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ބުރާސްފަތި ދުވަހު ޕޮޒިޓިވްވި މީހުންނާއެކު އެގައުމުގައި ޖުމްލަ ޕޮޒިޓިވް ކޭސްތަކުގެ އަދަދު ވަނީ 3،570،000 (ތިން މިލިއަން ފަސްލައްކަ ހަތްދިހަ ހާސް) އަށް ވުރެ މައްޗަށް އަރާފައެވެ.
މިހާތަނަށް އެމެރިކާގައި މި ބަލީގައި 141،000ށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. ބުރާސްފަތި ދުވަހު އެކަނި ވެސް 963ށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. މި އަދަދު ތަކަކީ އެމެރިކާގެ 50 ސްޓޭޓުން ރިޕޯޓް ކުރަމުން އަންނަ އަދަދުތަކެވެ.
މިހާތަނަށް އެމެރިކާގައި އެންމެ ގިނަ އަދަދަކަށް ޕޮޒިޓިވް ކޭސްތައް ރިޕޯޓް ކޮށްފައިވަނީ ނިއުޔޯކްގައެވެ. އެ ސިޓީގައި 431،000ށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެގެން ރިޕޯޓްކޮށްފައިވާ އިރު، 32،000ށް ވުރެ ގިނަ މީހުން އެކަނި އެ ސިޓީން ވަނީ މަރުވެފައެވެ. ދެވަނަ އަށް އެންމެ ގިނައިން ޕޮޒިޓިވް ކޭސްތައް ރިޕޯޓްކޮށްފައިވަނީ ކެލިފޯނިއާއިންނެވެ. އެ ސިޓީގައި 364،000ށް ވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައިވާ އިރު 7،000ށް ވުރެ ގިނަ މީހުން އެ ސިޓީން އެކަނި ވަނީ މަރުވެފައެވެ.