ކ. މާލެ
|
15 ޖުލައި 2020 | ބުދަ 23:51
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ޗައިނާގެ ސަފީރު ޒަންގ ލީ ޖޮންގ އާއެކު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ޗައިނާގެ ސަފީރު ޒަންގ ލީ ޖޮންގ އާއެކު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން
ޓްވިޓަރ
ރާއްޖެއާއި ޗައިނާގެ ބައިލެޓްރަލް ގުޅުން
ފަތުރުވެރިކަމާ ބެހޭ މަޝްވަރާތައް ރާއްޖެއާއި ޗައިނާއިން ފަށަނީ
 
މި މަޝްވަރާތައް ބޭއްވުމަށް ޗައިނާ ސަރުކާރުން އިސްނެގިކަމަށްޓަކައި މިނިސްޓްރީން މަރުޙަބާ ކިޔާފައިވޭ
 
އިޤްތިޞާދު އަލުން ކޮޅަށް ޖެހުމާ ބެހޭ ގޮތުންވެސް މަޝްވަރާތައް ކުރިއަށްދާނެ
 
މި ބައްދަލުވުމަކީ ޑިރެކްޓަރ ޖެނެރަލް ފެންވަރުގައި ބާއްވާ މަޝްވަރާތަކުގެ ފުރަތަމަ ބައްދަލުވުން

ދިވެހިރާއްޖެއާ ޗައިނާ އާއި ދެމެދު ބާއްވާ ބައިލޭޓަރަލް ކޯޑިނޭޝަން މެކޭނިޒަމްގެ މަޝްވަރާތައް ބުރާސްފަތި ދުވަހު ފެށުމަށް ހަމަޖެހިއްޖެއެވެ.

ފޮރިން މިނިސްޓްރީން ބުނީ، މި ބައްދަލުވުމަކީ ޑިރެކްޓަރ ޖެނެރަލް ފެންވަރުގައި ބާއްވާ މަޝްވަރާތަކުގެ ފުރަތަމަ ބައްދަލުވުން ކަމަށެވެ. އެގޮތުން ފުރަތަމަ ބައްދަލުވުމުގައި އޮންނަނީ ބޯޑަރު ހުޅުވާލުމާއި، ފަތުރުވެރިކަމާ ބެހޭ މަޝްވަރާތައްކަން ފާހަގަކޮށް މިނިސްޓްރީން ބުނީ، ކޮވިޑް-19 އިން ރައްކާތެރިވުމުގެ އިތުރުން، އިޤްތިޞާދު އަލުން ކޮޅަށް ޖެހުމާ ބެހޭ ގޮތުންވެސް މަޝްވަރާތައް ކުރިއަށްދާނެ ކަމަށެވެ.

މި މަޝްވަރާތަކުގައި ދިވެހިރާއްޖެއިން އިސްކޮށް ބައިވެރިވެ ވަޑައިގަންނަވާނީ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ އެޑިޝަނަލް ސެކްރެޓަރީ އަހުމަދު ޝިޔާންއެވެ. މީގެ އިތުރުން ޓޫރިޒަމް މިނިސްޓްރީއާއި، ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އިތުރުން ސިވިލް އޭވިއޭޝަން އޮތޯރިޓީއިން މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

އޭގެ އިތުރުން، ޗައިނާގެ ފަރާތުން މި ބައްދަލުވުމުގައި އިސްކޮށް ބައިވެރިވެވަޑައިގަންނަވާނީ ޗައިނާ ފޮރިން މިނިސްޓްރީގެ އޭޝިއަން ޑިޕާޓްމަންޓްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ޔާއޯ ވެން ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ. ވެން ގެ އަރިހުގައި ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނާއި، ޗައިނީޒް ސެންޓަރ ފޮރ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަނާއި، މިނިސްޓްރީ އޮފް ކަލްޗަރ އެންޑް ޓޫރިޒަމް އަދި ޗައިނާގެ ސިވިލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަނުންވެސް ބައިވެރިވެއެވެ.

ފޮރިން މިނިސްޓްރީން ވަނީ ކޮވިޑް-19ގެ ބަލިމަޑުކަމާ މުޅި ދުނިޔެއިން ކުރިމަތިލާފައިވާ މިދަނޑިވަޅުގައި މި މަޝްވަރާތައް ބޭއްވުމަށް ޗައިނާ ސަރުކާރުން އިސްނެގިކަމަށްޓަކައި މަރުޙަބާ ކިޔާފައެވެ. އަދި ފޮރިން މިނިސްޓަރ ޝާހިދު ވަނީ ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮންނަ ޒަމާންވީ ގުޅުން ފާހަގަ ކުރައްވައި، ޗައިނާއަކީ މިހާރުވެސް ދިވެހިރާއްޖޭގެ ތަރައްޤީގެ މުހިއްމު ބައިވެރިއެއްކަމަށް ވިދާޅުވެފައެވެ.

އޭގެ އިތުރުން، ރައީސް އިބްރާހިމް މުހައްމަދު ސާލިޙްގެ ޒަޢާމަތުގައި ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގުޅުން ހަރުދަނާކަންމަތީ، އިތުރަށް ބަދަހިވެގެން ދާނެކަމަށްވެސް މިނިސްޓަރ ޝާހިދު ވިދާޅުވެފައިވާކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް