އަވައްޓެރި އިންޑިއާއަށް މިހާރު ކުރަމުންދާ މޫސުމީ ވިއްސާރައިގައި އިންޑިއާގެ އިރުމަތީ އުތުރު ސްޓޭޓެއް ކަމަށްވާ އައްސާމުން 50 މީހުން މަރުވެ، ދެ މިލިއަން މީހުން ޙާލުގައި ޖެހިއްޖެއެވެ.
އައްސާމް ސިޓީގެ އޮފިޝަލުންނާ ޙަވާލާދީ ބީބީސީގައި ރިޕޯޓް ކޮށްފައިވާ ގޮތުން އެހެނިހެން އަހަރުތަކުގައި ވެސް ވިއްސާރައިގެ އަސަރު އައްސާމް ސިޓީއަށް ކުރިމަތިވި ނަމަވެސް، މި އަހަރު ކޮވިޑް-19 ގެ ސަބަބުން އެ ސިޓީގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ވަނީ އިތުރު ތަކުލީފުތަކަކާ ކުރިމަތިލާން ޖެހިފައެވެ.
އޭގެ އިތުރުން، އައްސާމް ސިޓީގެ އެކި ސަރަޙައްދުތަކުގައި ދިރިއުޅޭ ޖަނަވާރުތައްވެސް ޙާލުގައި ޖެހިފައިވާއިރު، މިހާތަނަށްވެސް 51 ވަލުޖަނަވާރު މަރުވެފައިވާ ކަމަށް ބީބީސީގައި ރިޕޯޓް ކޮށްފައިވެއެވެ.
ދެ މިލިއަނަށްވުރެ ގިނަ މީހުން ޙާލުގައި ޖެހިފައިވާއިރު، 20 ޑިސްޓްރިކްޓެއްގައި 480ށް ވުރެ ގިނަ ރިލީޕް ކޭމްޕްތައް މިހާރު ވަނީ ޤާއިމު ކުރެވިފައެވެ. އަދި 60،000ށް ވުރެ ގިނަ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރު ކޮށްދީފައިވާކަމަށް ބީބީސީގައި ރިޕޯޓް ކޮށްފައިވެއެވެ.
ކޮންމެ އަހަރަކުވެސް އައްސާމް ސީޓީއަށް މޫސުމީ ވިއްސާރައިގެ އަސަރު ވަރަށް ބޮޑަށް ކުރާއިރު، އޭގެ ސަބަބުން ފެން ބޮޑުވުމުގެ ހާދިސާތަކާއި، ބިންގަނޑު ކަނޑައިގެން ދިއުމުގެ ޙާދިސާތައް ދިމާވެއެވެ. އަދި އެކަމުގެ ސަބަބުން ގިނަ ބައެއްގެ މުދަލާއި ގެދޮރުގެ އިތުރުން މުހިއްމު ލިއެކިއުންތައް ގެއްލި، ރައްވެހިކަން ކަށަވަރު ކުރުމުގައިވެސް ގިނަ ފަހަރު ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެއެވެ.