މަޝްހޫރު ފުޓްބޯޅަކުޅުންތެރިޔާ ޑޭވިޑް ބެކަމް އާއި ލަވަކިޔުންތެރިޔާ ވިކްޓޯރިއާ ބެކަމްގެ ކައިވެންޏަށް މިވަނީ 21 އަހަރު ފުރިފައެވެ.
އާންމުކޮށް ސެލްބްރިޓީންގެ ކައިވެނިތައް ދިގުދެމިގެން ނުގޮސް ވަރަށް އަވަހަށް ކައިވެނިތައް ރޫޅިގެން ދިޔަ ނަމަވެސް މި ދަމަފިންގެ ކައިވެނި މިހާ ދުވަހު ނުރޫޅި ދިގުދެމުންގެ ދިއުމުގެ ފަހަތުގައި ވަރަށް ގިނަ ސިއްރުތަކެއް ވެއެވެ.
އަބަދުވެސް ޒާތީ ދިރިއުޅުމުގެ ކަންކަން އެހާބޮޑަށް އާންމުންނާއި ހިއްސާ ނުކުރިނަމަވެސް އެދެމީހުންގެ ދެމެދުގައި އޮންނަ ގުޅުމާއި ކަންކަން ހައްލު ކުރަމުންދާގޮތް މިވަނީ ހިއްސާ ކޮށްފައެވެ. އަދި މި ކައިވެނި ދިގުދެމުގްނެ ދިއުމުގެ ސިއްރުވެސް މިވަނީ ހިއްސާ ކޮށްފައެވެ.
ދެމީހުން އެކުގައި އުފާވެރި ވަގުތު ހޭދަކުރުން
ބެކަމް އާއި ވިކްޓޯރިއާގެ ކައިވެނީގެ ކާމިޔާބީގެ އަސްލަކީ ދެމީހުން އެކުގައި މަޖާކޮށް އުފާވެރި ވަގުތުތައް ހޭދަކުރުން ކަމަށް ވަނީ ބުނެފައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކަށް ކުރާ ދަތުރުތަކުގައިވެސް ދެމީހުން އެކުގައި ވީހާވެސް ގިނަ ވަގުތު ހޭދަކޮށް ޑޭޓް ނައިޓް ހެދުމާއި، ހިނގާލަން ދިއުން ނުވަތަ ބައިކް ދުއްވަން ދިއުން އަދި އެކުގައި ނެށުންފަދަ ކަންތައްތައް ކުރެއެވެ.
ކައިވެނި ދެމެހެއްޓުމަށް އެކުގައި މަސައްކަތް ކުރުން
މި ދެމަފިރިން ވެސް ބިޒީ ޝެޑިއުލްއެއްގައި މަސައްކަތް ކުރަން ޖެހުނު ކަމުގައިވީނަމަވެސް ލިބޭ ހުސްވަގުތުތައް ދަރިންނާއި އެކު ހޭދަކޮށް ދެމީހުން އެކުގައި ހުރިހާ ކަމެއްގައި މަޝްވަރާކުރުން ކަމަށެވެ. އެލް މެގަޒިންއަށް ދިން އިންޓަވިއު އެއްގައި ވިކްޓޯރިއާ ބުނެފައިވަނީ މަސައްކަތް ނިންމުމަށްފަހު ގެއަށް ދިއުމަށް ފަހު ފޯނާއި ދުރުވާ ކަމަށެވެ. މަންމައެއްގެ ޒިންމާ އާއި އަންބެއްގެ ޒިންމާ އެންމެ ފުރިހަމައަށް އަދާކުރެވޭތޯ މަސައްކަތް ކުރާކަމަށް ވިކްޓޯރިއާ ވަނީ ބުނެފައެވެ،
އާއިލާގެ ކަންކަމަށް އިސްކަންދިނުން
ވިކްޓޯރިއާ އާއި ބެކްމް އަށް ހަތަރު ކުދިންލިބިފައެވެ. މިހަތަރު ކުދިންގެ ތެރެއިން އެންމެ ބޮޑު ފިރިހެން ދަރިފުޅު ވަނީ ދާދިފަހުން އެންގޭޖް ކޮށްފައެވެ. ބެކްމް ބުނެފައިވަނީ އަބަދުވެސް އެންމެ އިސްކަމެއް ދެނީ ދަރިންގެ ދިރިއުޅުމުގެ ކަންކަމަށެވެ. ދަރިން ހިތްހަމަ ޖައްސައިދުނުމަށް ކުރަންޖެހޭ ހުރިހާ ކަމެއްވެސް ކޮށްދެމުންދިނުމާއި ދަރިންގެ ދިރިއުޅުމުގައި ވަރަށް ބޮޑަށް ޝާމިލުވާކަމަށް ވަނީ ބުނެފައެވެ.
ހަމަހަމަކަމާއި އެކު ޒިންމާ އަދާކުރުން
އެލް މެގަޒިންއަށް ދިން އިންޓަވިއު އެއްގައި ވިކްޓޯރިއާ ބުނެފައިވަނީ އޭނާ މަސައްކަތުގައި ބިޒީ ވެއްޖެ ނަމަ އެދުވަހެއްގައި ދަރިން ސްކޫލަށް ގެންދިއުމުގެ ތައްޔާރީ ތަކާއި ކެއްކުމުގެ ކަންކަންވެސް ކުރާނީ ބެކަމް ކަމަށެވެ. ބެކަމް އަކީ ވަރަށް ސަޕޯޓިވް ފިރިއެއް ކަމަށާއި ދަރިންގެ ކަންކަމުގައިވެސް އަދި ގޭތެރޭގެ ކަންކަމުގައިވެސް ދެމީހުން ހަމަހަމައަށް އެހީތެރިވާކަމަށް ވަނީ ބުނެފައެވެ. ބެކަމް އާއި ވިކްޓޯރިއާ ކައިވެނި ކޮށްފައިވަނީ 1999 ވަނަ އަހަރުގެ ޖުލައި މަހުގެ 4 ގައެވެ.