ކ. މާލެ
|
15 ޖުލައި 2020 | ބުދަ 17:13
ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙު- ރައީސް ވަނީ \"ގެވެށި ގުޅުން\" ކެމްޕެއިން އިފްތިތާޙު ކޮށްދެއްވާފައި
ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙު- ރައީސް ވަނީ "ގެވެށި ގުޅުން" ކެމްޕެއިން އިފްތިތާޙު ކޮށްދެއްވާފައި
ރައީސް އޮފީސް
"ގެވެށި ގުޅުން" ކެމްޕެއިން އިފްތިތާޙު ކުރުން
ފަޚުރުވެރި ޢާއިލާތަކެއް ބިނާކުރުމަށް އަޅުގަނޑު ވީ ވަޢުދު ހަނދާނެއް ނުނެތޭ: ރައީސް
 
ދިވެހި ސަފީރުންގެ ތެރޭގައި ހިމެނޭ އަންހެނުންނާއި ފިރިހެނުންގެ ޢަދަދު ހަމަހަމަ ވެގެންދާނެ
 
ޖެންޑަރ މިނިސްޓްރީއަށް ކަނޑައަޅާފައިވާ ބަޖެޓުވެސް 294 މިލިއަން ރުފިޔާއަށް ވަނީ އިތުރު ކޮށްފައި
 
ގެވެށި އަނިޔާއަކީ ކަންބޮޑުވާ މިންވަރަކަށް ދިވެހި މުޖުތަމަޢުގައި ޒަމާނުއްސުރެ އަށަގަނެފައިވާ މައްސަަލައެއް

ފަޚުރުވެރި އާއިލާތަކެއް ބިނާ ކުރުމަށް ވެވަޑައިގެންފައިވާ ވަޢުދުފުޅު ހަނދާން ނުނެތޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙު ވިދާޅުވެއްޖެއެވެ.

ގެވެށި އަނިޔާ ހުއްޓުވުމަށް ޖެންޑަރ މިނިސްޓްރީން ފަށާގައިވާ "ގެވެށި ގުޅުން" ކެމްޕެއިން އިފްތިތާޙު ކުރެއްވުމުގެ ގޮތުން ދެއްވި ވީޑިއޯ މެސެޖުގައި ރައީސް ސޯލިޙު ވިދާޅުވީ، ގެވެށި އަނިޔާއަކީ ކަންބޮޑުވާ މިންވަރަކަށް ދިވެހި މުޖުތަމަޢުގައި ޒަމާނުއްސުރެ އަށަގަނެފައިވާ އިޖުތިމާޢީ ބޮޑު މައްސަލައެއް ކަމަށެވެ. އަދި މިއީ ޢާއިލާތައް ހަލާކުވެ، އުފާވެރި ޖީލުތަކެއް ބިނާކުރުމަށް ހުރަސްއަޅާ މައިގަނޑު އެއް މައްސަލަ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އޭގެ އިތުރުން، މި މައްސަލަ ޙައްލުކުރުމުގައި މުޅި ދައުލަތް ޒަމާންތަކެއް ވަންދެން ނުކުޅެދިފައި އޮތްކަން ފާހަގަ ކުރައްވައި ރައީސް ސޯލިޙު ވިދާޅުވީ، މިކަން ޙައްލުނުކޮށް، މުޖުތަމަޢެއްގެ ގޮތުގައި ކުރިއަށް ދެވޭކަށް ނެތް ކަމަށެވެ.

މުޖުތަމަޢަށް ކުރިމަތިވެފައިވާ މި ބޮޑު ނުރައްކަލުން ސަލާމަތްވުމަށް ކުރާ މަސައްކަތްތަކުގެ ދަށުން، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން އިސްނަގައިގެން މިއަދު މި ފަށާ މަސައްކަތަކީ، ކުރަން ޖެހިފައިވާ މުހިއްމު މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތް. މި ކެމްޕެއިންގެ މަޤްޞަދަކީ، މިފަދަ މައްސަލަތައް އިތުރުވުން ހުއްޓުވައި، މައްސަލަތަކުން އަރައިގަންނާނެ ގޮތްތަކާ ގުޅޭގޮތުން، ޢާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުން. މި ކެމްޕެއިންގެ ހެޔޮ އަސަރު މުޅި ޤައުމުން ފެނިގެން ދިޔުމަކީ ސަރުކާރުގެ އުއްމީދު.
ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙު

އަންހެނުންނާއި ކުޑަކުދިންނަށް ރައްކާތެރިކަމާއި ޢަދުލު އިންސާފު ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، މި އަހަރު މިނިސްޓްރީ އޮފް ޖެންޑަރ އަށް ކަނޑައަޅާފައިވާ ބަޖެޓުވެސް 294 މިލިއަން ރުފިޔާއަށް އިތުރު ކޮށްފައިވާ ކަމަށެވެ. އަދި ޤާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ވެސް ގެންނަމުންދާކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، ރޭޕް އަދި ޖިންސީ ގޯނާއަކީ، ގްރޭވް ކްރިމިނަލް އޮފެންސް (ޖިނާއީ ބޮޑު ޖަރީމާއެއް) ގެ ގޮތުގައި، ޖިނާއީ އިޖުރާއާތުގެ ޤާނޫނުގައި މިހާރު ކަނޑައަޅާފައިވާ ކަމަށެވެ.

އޭގެ އިތުރުން، ގެވެށި އަނިޔާގެ ޝިކާރައަކަށް ވެފައިވާ މީހުންނަށް އިތުރަށް އަނިޔާ ލިބޭނެ ގޮތަކަށް ޢަމަލުތައް ބަހައްޓައިގެން ނުވާނެކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، އެ މީހުން އަލުން "ވިކްޓިމައިޒް" ވިޔަދީގެން ނުވާނެ ކަމަށެވެ.

ގެވެށި އަނިޔާގެ މައްސަލަތަކަކީ، ދިވެހި މުޖުތަމަޢުގައި އަންހެނުންނަށް ދިމާވެފައިވާ މައްސަލަތަކުގެ ތެރެއިން އެއް މައްސަލަކަމަށް ވީހިނދު، ޖުމްލަ ގޮތެއްގައި އަންހެނުންނަށް ކުރިމަތިވެފައިވާ މައްސަލަތަކަށް އޮތް ޙައްލަކީ އަންހެނުން ބާރުވެރިކުރުވުން. "ނޫނެކޭ" ބުނުމަކީ ކޮންމެ މީހަކަށްވެސް ލިބިފައިވާ ޙައްޤެއް. އެއްވެސް މީހެއްގެ އިންސާނީ ކަރާމާތަށް އަރައިގަތުމަކީ، އަނެކާއަށް އޮތް ޙައްޤެއް ނޫން. އަދި، އެފަދަ ޢަމަލެއް ހިންގާ އެއްވެސް މީހަކު، އިންސާފުގެ ކުރިމަތީގައި އިސްތިސްނާ ވެގެންނުވާނެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙު

ރައީސް ވިދާޅުވީ، ބޭރު ޤައުމުތަކަށް ސަފީރުން ކަނޑައެޅުމަށް، 5 ނަމެއް މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކަމަށާއި، އޭގެ ތެރޭގައި 3 އަންހެން ބޭފުޅަކު ހިމެނޭނެ ކަމަށެވެ. އަދި އެ ބޭފުޅުންނަށް ރުހުން ލިބި، މަޤާމަށް ޢައްޔަނުކުރުމުން، ދިވެހި ސަފީރުންގެ ތެރޭގައި ހިމެނޭ އަންހެނުންނާއި ފިރިހެނުންގެ ޢަދަދު ހަމަހަމަ ވެގެންދާނެކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، މިއީ ވެސް އަންހެނުން ބާރުވެރި ކުރުވުމުގައި ކުރިއަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
33%
0%
67%
ކޮމެންޓް
16 ޖުލައި 2020 | ބުރާސްފަތި 08:58
ޤެދޮރުގެ ދަތިކަނ ވަރައވެސބޮޑު ކިހިނެއތޯ ފަހުރުވެރި އާއިލާއެއް ބިނާކުރާނީ.