ކ. މާލެ
|
14 ޖުލައި 2020 | އަންގާރަ 19:48
ނާޔާ ރިވެރާ އާއި ދަރިފުޅު، ޖޯޒީ
ނާޔާ ރިވެރާ އާއި ދަރިފުޅު، ޖޯޒީ
ޝަޓާ ސްޓޮކް
ނާޔާ ރިވެރާ
ގްލީގެ ތަރި، ނާޔާ ރިވެރާގެ ހަށިގަނޑު ފެނިއްޖެ
33 އަހަރުގެ ނާޔާ ގެއްލިގެން ހޯދަން ފަށާފައިވަނީ ޖުލައި 8ގައި
ހަށިގަނޑު ފެނިފައިވަނީ ޖުލައި 13 ގައި
މިއީ ގްލީގެ މައި ތަރިއެއްކަމަށް ކޯރީ މޮންޓީތު މަރުވިތާ ހަތް އަހަރު ފުރުނު ދުވަސްކަން ފާހަގަ ކުރެވޭ

ގްލީގެ ތަރިއެއްކަމަށްވާ ނާޔާ ރިވެރާގެ ހަށިގަނޑު ފެނިއްޖެއެވެ.

އޭނާގެ ހަތަރު އަހަރުގެ ދަރިފުޅު، ޖޯޒީއާއެކު ލޭކް ޕިރޫއަށް ގޮސްއުޅެނިކޮށް ގެއްލިގެން ހޯދާތާ ފަސް ދުވަސްވި ފަހުން ލޭކުން ހަށިގަނޑެއް ފެނިފައިވާއިރު، މިއީ ނާޔާގެ ހަށިގަނޑުކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ. 33 އަހަރުގެ ނާޔާ ގެއްލިގެން ހޯދަން ފަށާފައިވަނީ ޖުލައި 8 ގައެވެ.

ނާޔާ އާއި ޖޯޒީ ބޯޓެއް ހިފައިގެން ގޮސްފައިވާއިރު، ބޯޓު އަނބުރާ އަންނަން ލަސްވުމުން ހޯދަން ދިޔަ ބަޔަކަށް ފެނިފައިވަނީ ދަރިފުޅު އެކަނި ބޯޓުގައި ނިދިފައި އޮއްވައެވެ. އަދި ޖޯޒީއަށް މަންމަ އަޑިއަށް ދިޔަތަން ފެނިފައިވާކަމަށް ކުރިން ބުނެފައިވާއިރު، ކަމާބެހޭ ފަރާތްތަކުން ބުނީ ނާޔާ ދަރިފުޅު ސަލާމަތުން ބޯޓަށް އަނބުރާ ލުމަށްފަހު އޭނާ އަމިއްލައަށް ބޯޓަށް އެރުމުގެ ހިތްވަރު ނުލިބުނީކަމަށް ބެލެވޭ ކަމަށެވެ.

ނާޔާގެ ހަށިގަނޑު ޖުލައި 13 ގައި ފެނިފައިވާއިރު، މިއީ ގްލީގެ މައި ތަރިއެއްކަމަށް ކޯރީ މޮންޓީތު މަރުވިތާ ހަތް އަހަރު ފުރުނު ދުވަސްކަން ފާހަގަ ކުރެވެއެވެ. ލޭކް ޕިރޫ ކައިރިއަށް ގްލީގެ ގިނަ ތަރިންތަކެއް ވަނީ ހޯމަ ދުވަހު އެއްވެފައެވެ. ނާޔާގެ ހަށިގަނޑު ފެނުމާއެކު، ހޮލީވުޑްގެ ގިނަ ތަރިން ދަނީ އާއިލާއަށް ހަމްދަރުދީގެ މެސެޖް ފޮނުވަމުންނެވެ.

2009 އިން 2015 އަށް ކުރިއަށް ދިޔަ މަޝްހޫރު ޝޯވ "ގްލީ" އިން ކާމިޔާބީ ހޯދި ނާޔާ މުނިފޫހިލުވުމުގެ ދާއިރާއިން ފުރަތަމަ ފެނިފައިވަނީ 1991 ވަނަ އަހަރު، އުމުރުން އެންމެ 4 އަހަރުގައެވެ.

- ކޮމެންޓް