ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ 15 ދުވަހަށް ފަހު ޖަލުން ހޯމަ ދުވަހު މިނިވަންވެއްޖެއެވެ.
އެލެކްސީ ނަވަލްނީ ޖަލަށް ލެވުނީ ރަޝިޔާގެ ބޮޑުވަޒީރު ޑިމިޓްރީ މެޑްވެޑެވްގެ މައްޗަށް ކުރެވިފައިވާ ކޮރަޕްޝަންގެ މައްސަލަތަކާ ގުޅިގެން ނަވަލްނީ އިސްވެ ހުންނަވައި މޮސްކޯގައި ބޭއްވި ބޮޑު މުޒާހަރާ އާއި ގުޅިގެންނެވެ.
ކޮރަޕްޝަނާއި ދެކޮޅަށް ކެމްޕެެއިން ކުރަމުންދާ އެލެކްސީ ހައްޔަރު ކުރެވުނީ މާޗް 26 ގައި އޭނާ އިސްވެ ހުންނަވައި ހުއްދަ ނުހޯދާ ބޭއްވި މުޒާހަރާ އާއި ގުޅިގެން ކަމަށްވާއިރު އެއީ ފަހުގެ ތާރީޚެއްގައި ވެސް ރަޝިއާގެ މޮސްކޯގައި ބޭއްވި މިފަދަ އެންމެ ބޮޑު މުޒާހަރާއެވެ. އެލެކްސީ ޖަލަށް ލެވުނީ ފުލުހުންގެ އަމުރަށް ތަބާނުވުމުގެ ކުށް އޭނާގެ މައްޗަށް ސާބިތުވެގެންނެވެ.
15 ދުވަހަށްފަހު ޖަލުން މިނިވަންވެ އެލެކްސީ ވަނީ އޭނާ ހިންގާ އެންޓި-ކޮރަޕްޝަން ފައުންޑޭޝަންގެ އޮފީހުގައި ހުންނަވައި ނަގާފައިވާ ފޮޓޯއަކާއެކު ޓްވީޓެއް ކުރައްވާފައެވެ. ރިޕޯޓުތައް ބުނާގޮތުން އޭނާގެ ހުކުމް ތަންފީޒުކޮށް ނިމުމުގެ ކުޑައިރުކޮޅެއް ކުރިން އެހެން ޖަަލަކަށް އޭނާ ބަދަލު ކުރިއެވެ. ބޭނުމަކީ މީޑިއާ ކަވަރޭޖް އިން ވީހާވެސް ދުރުކުރުން ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި ކަމާބެހޭ ފަރާތްތަކުން އޭނާއާ ދޭތެރޭ މިގޮތަށް އަމަލު ކުރުމަކީ އެލެކްސީ ދޭ މެސެޖާއި ދޭތެރޭ ކަމާބެހޭ ފަރާތްތަކުން ކަންބޮޑުވާ މިންވަރު ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
މާޗް 26 ގައި ކޮރަޕްޝަނާ ދެކޮޅަށް ބޭއްވި މުޒާހަރާއާ ގުޅިގެން އެލެކްސީ އާއި އެކު500 ހާހެއްހާ މީހުން ހައްޔަރު ކުރިއެވެ. އެހެން ނަމަވެސް އެލެކްސީގެ ސަޕޯޓަރުން ބުނެފައި ވަނީ 1000 މީހުން ހައްޔަރު ކުރެވުނު ކަމަށެވެ.
އުމުރުން 40 އަހަރުގެ އެލެކްސީ ނަވަލްނީ އަށް މަޝްހޫރުކަން ލިބިގެން ދިޔައ،ީ 2012 ވަނަ އަހަރު ރައީސް ވްލަޑީމިއާ ޕޫޓިން ތިން ވަނަ ދައުރަކަށް ހޮވިވަޑައިގަތުމުން ބޭއްވި މުޒާހަރާތަކުގައި އޭނާ ދެއްވި ފޯރި ގަދަ ތަގުރީރުތަކުގެ ސަބަބުންނެވެ.