ވަރި ކައިވެނީގެ މައުލޫމާތު ޑިޖިޓަލައިޒް ކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.
ކޮމިއުނިކޭޝަން މިނިސްޓްރީން ބުނީ މިނިސްޓަރ މުޙައްމަދު މަލީޙް ޖަމާލް ޖުޑީޝިއަލް އެޑްމިނިސްޓްރޭޓަރ ޑރ. އަބްދުﷲ ނަޒީރު އާއި ބައްދަލުކުރައްވައި ދިވެހިރާއްޖޭގެ ވަރި ކައިވެނީގެ މައުލޫމާތު އޮންލައިންކޮށް ބެލެހެއްޓޭނެ ނިޒާމެއް ޤާއިމު ކުރުމާއި ބެހޭގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.
އެގޮތުން މި މަޝްވަރާގައި މިނިސްޓަރު ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި، ވަރި ކައިވެނީގެ މައުލޫމާތު އޮންލައިންކޮށް ބެލެހެއްޓުމަށް ބޭނުންވާ މައިގަނޑު އެއް ސަބަބަކީ ދާދި ފަހުން ލޯންޗުކުރި "ގެމެން" ޕޯޓަލްގެ ބައެއްގެ ގޮތުގައި މި މައުލޫމާތު ވާތީއާއި، އަދި އެ ޕޯޓަލް އޭގެ އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށް މި މައުލޫމާތު މުހިންމުވުން ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. އަދި ގެމެން ޕޯޓަލް ފުރިހަމަ ވެގެންދާއިރުގައި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ވެސް ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ކަމަށާއި މަސައްކަތްތަކުގެ ޚަރަދު ކުޑަވެ، އަވަސް ދުވެލީގައި ކުރިއަށް ގެންދެވޭނެ ވެސް މިނިސްޓަރ ވިދާޅުވިއެވެ.
ވަރި ކައިވެނީގެ މައުލޫމާތު އޮންލައިން ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ދެ ފަރާތުން މި ބައްދަލުވުމުގައި ގޮތްތަކެއް ނިންމެވިކަން ފާހަގަކޮށް ކޮމިއުނިކޭޝަން މިނިސްޓްރީން ބުނީ މިނިސްޓްރީގެ އުންމީދަކީ ކުރިއަށް އޮތް ފަސް ދުވަހުގެ ތެރޭގައި އަމަލީ ގޮތުން މި މަސައްކަތް ފެށިގެންދިޔުން ކަމަށެވެ.
މި ބައްދަލުވުމުގައި މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލީ ސާލިހު އާއި އެން.ސީ.އައި.ޓީގެ އިސްވެރިންނާއި، ޑީ.ޖޭ.އޭގެ އިސް މުވައްޒަފުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.