އިންޑިއާއިން ވެރިކަންކުރާ ކަޝްމީރު ފަޅީގައި އާދީއްތަ ދުވަހު ބޭއްވި ބައި-އިލެކްޝަންގެ ވޯޓުގެ ހަމަނުޖެހުންތަކުގައި ހަ މީހުން މަރުވެ 100 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގައި އިންޑިއާއިން ވެރިކަންކުރާ ކަޝްމީރު ފަޅީގެ ވެރިރަށް ސްރީނަގަރު ތަމްސީލުކުރާ ގޮނޑިއަށް މެމްބަރަކު އިންތިޚާބު ކުރުމަށް އާދިއްތަ ދުވަހު ބޭއްވި ބައި-އިލެކްޝަންގައި ސްރީނަގަރާ ގާތުގައި ހުރި ވޯޓުލާ މަރުކަޒުތަކުގެ ތެރެއަށް މީހުން ވަދެ ހިންގި ހަަަމަނުޖެހުންތަަށް ހުއްޓުވުމަށްޓަކައި ސަލާމަތީ ބާރުތަކުން ބަޑިޖަހައިފައިވާއިރު، އާންމުން މުޒާހަރާ ކުރަމުން ދިޔައީ އިންޑިއާ އިން ވެރިކަން ކުރާ ކަޝްމީރު ފަޅީގައި ކުރާ ވެރިކަމާ ދެކޮޅަށެވެ. ވަކިވެގަތުމަށް މަސައްކަތް ކުރާ ހަނގުރާމަވެރިން ވަނީ ވޯޓް ބޯއިކޮޓް ކުރުމަށް ވެސް ގޮވާލާފައެވެ.
މުސްލިމުންގެ މެޖޯރިޓީ އޮތް ކަޝްމީރު ފަޅިއަކީ އިންޑިއާ އާއި ޕާކިސްތާނުގެ ދެމެދު އެތައް އަހަރެއްވީ، މިލްކުވެރިކަމަށް ދައުވާ ކުރުމުގެ މައްސަލަތައް އުފެދިފައިވާ ތަނެކެވެ. ދެގައުމުން ވެސް ކަޝްމީރު އެއްކޮށް، އެއީ އެގައުމެއްގެ ތަނެއް ކަމަށް ވަކާލާތު ކުރާއިރު މިދިޔަ ޖުލައި މަހުން ފެށިގެން ކަޝްމީރުގައި ވަނީ ހަމަނުޖެހުން އިތުރުވެފައެެެވެ.
އިންޑިއާގެ ގާނޫނުހަދާ މަޖިލީހުގެ ސްރީނަގަރުގެ ގޮނޑި ހުސްވީ، އެގޮނޑި ފުރުއްވަމުން ގެންދެވި ޕީޕަލްސް ޑިމޮކްރަޓިކް ޕާޓީގެ ލީޑަރު ތާރިގް ހަމީދު ކައްރާ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ރިޕޯޓުތައް ބުނާ ގޮތުން އާދީއްތަ ދުވަހު ބޭއްވި ބައި-އިލެކްޝަންގައި ވޯޓްލާން ނުކުތީ އެންމެ %6.5 މީހުންނެވެ. މިއީގެ މީގެ ކުރީ ފަހަރުތަކަށް ވުރެ އެތައް ގުނައެއް މަދު އަދަދެކެވެ.