މިދިޔަ ޖޫން މަހު މަރުވެފައި ހުއްޓާ ފެނުނު ބޮލީވުޑް އެކްޓަރ ސުޝާންތް ސިންގް ރާޖްޕުތް އެންމެ ފަހުން ކުޅުނު ފިލްމް "ދިލް ބޭޗާރާ" ގެ އޮފިޝަލް ޓްރެއިލަރ ވަނީ ހޯމަ ދުވަހުގެ ހަވީރު 4:00 ޖެހިއިރު އިންޑިއާ ގަޑިން ދައްކަން ފަށާފައެވެ.
މި ޓްރެއިލަރ ރިލީޒްކުރިތާ ދެ ގަޑިއިރުގެ ތެރޭގައި ޓްރެއިލަރއަށް ވަނީ 1.3 މިލިއަނަށްވުރެ ގިނަ ލައިކްސް ލިބިފައެވެ. އަދި ދެ ގަޑިއިރު ތެރޭގައި 4 ލައްކައެއްހާ މީހުން ވަނީ މި ޓްރެއިލަރ ބަލާފައެވެ.
"ދިލް ބޭޗާރާ" މި ފިލްމް މިހިނގާ ޖުލައި މަހުގެ 24 ގައި ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށް ސްޓީރިމިން ޕްލެޓްފޯމެއް ކަމަށްވާ ޑިސްނީ ޕްލަސް ހޮޓްސްޓާއިންނެވެ.
ސުޝާންތްގެ އެންމެ ފަހު ފިލްމް ބޮޑު ސްކްރީންގައި ރިލީޒް ނުކުރާތީ އޭނާ އެތައް ހާސް ފޭނުން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މުކޭޝް ޗާބްރާ ފުރަތަމަ ޑައިރެކްޝަން ކަމަށްވާ "ދިލް ބޭޗާރާ"، ފިލްމަކީ ޖޯން ގްރީންގެ ކިޔުންތެރިންގެ މެދުގައި މަގްބޫލު ވާހަކައެއް ކަމަށްވާ "ދަ ފޯލްޓް އިން އަވަރ ސްޓާރޒް" އަސްލަކަށް ބަލައިގެން ހަދާފައިވާ ފިލްމެކެވެ.
ހެއްވާ މަޖާ އަދި ހިތާމަވެރި ލޯބީގެ ކަންތައްތަކެއް ދައްކުވައިދޭ މި ފިލްމްގައި ސުޝާންތް އާއެކު ލީޑްރޯލުން ފެނިގެން ދާނީ ބޮލީވުޑަށް އަލަށް ތައާރަފުވެގެންދާ ސަންޖަނާ ސަންގީއެވެ. މީގެ އިތުރުން މި ފިލްމުގައި ސައިފް އަލީ ޚާން ފެނިގެންދާނެއެވެ.
ސުޝާންތްގެ ކުއްލި މަރާއި ގުޅިގެން ސަންޖަނާ އޭނާގެ އިންސްޓަގްރާމްގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި މި ފިލްމަކީ އެންމެންނަށް ދޭ ހަދިޔާއެއް ކަމަށް ވަނީ ބުނެފައެވެ. މި ފިލްމް އެންމެންނަށް ވެސް ހިލޭ ބަލައިލެވޭނެ ކަމަށް ވަނީ ބުނެފައެވެ.
ސުޝާންތް އޭނާ ދިރިއުޅޭ ގޭގައި މަރުވެފައި ހުއްޓާ ފެނިފައިވަނީ މިދިޔަ ޖޫން މަހުގެ 14 ވަނަ ދުވަހުއެވެ.
ސުޝާންތްގެ މަރާއި ގުޅިގެން ނަފްސާނީ ދުޅަހެޔޮކަމާއި ބޮލީވުޑްގައި ގެންގުޅޭ ތަފާތު ކުރުންތަކާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި އަންނަނީ ވާހަކަ ދެކެވެމުންނެވެ. އަދި ސުޝާންތްގެ މަރާއި ގުޅިގެން އޭނާގެ ލޯބިވެރިޔާ ރިއާ ޗަކްރަބޯތީ އާއި ފިލްމް ޕްރޮޑިއުސަރ އޭކްތާ ކަޕޫރާއި، ކަރަން ޖޯހަރު، ސަންޖޭ ލީލާ ބަންސާލީ އަދި ސަލްމާން ޚާންއާއި އިތުރު ހަތަރު މީހެއްގެ މައްޗަށް ކޯޓަށް މައްސަލައެއް ވެސް ވަނީ ހުށައަޅާފައެވެ.