ކޮވިޑް-19ގެ ކޭސްތައް ފެންނަ މިންވަރު އިތުރުވުމާއި މަރުވާ މީހުންގެ އަދަދު އިތުރުވުމާއި ގުޅިގެން ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ކޮވިޑް-19 ގެ ކޭސްތައް އަނެއްކާ ވެސް މަޑުމަޑުން އިތުރުވަމުން އަންނައިރު މި މަހުގެ ތެރޭގައި ކޮވިޑް-19ށް ފަރުވަ ހޯދަމުން ދަނިކޮށް 3 މީހަކު ވަނީ ނިޔާވެފައެވެ. އަދި މިދިޔަ ޖޫން މަހުގައި ވެސް 4 މީހަކު ވަނީ ނިޔާވެފައެވެ.
ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ކުއްލިއަކަށް އިތުރުވަމުންދާ ކަމަށާއި، ކޮވިޑާއި ގުޅުން ހުރި މަރުތައް ވެސް އިތުރުވަމުން އަންނަ ކަމަށެވެ. މައުމޫން ވަނީ ކޮވިޑް ފެތުރުން ހުއްޓުމަށްޓަކައި ކަމާބެހޭ އިދާރާތަކުން އިތުރަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅާ އެ ފިޔަވަޅުތައް ވަރުގަދައަށް ތަންފީރުކުރުމަށް ގޮވާލައްވާފައެވެ.
ރާއްޖޭގެ ކޮވިޑްގެ ހާލަތަށް ބަލާއިރު އިއްޔެ އިރުއޮއްސި 6:00އާ ހަމައަށް 33 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އަދި ރާއްޖޭގައި ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 2468ށް އަރާފައެވެ. މިހާތަނަށް 11 މީހަކު މި ބަލީގައި ނޔާވެފައިވާއިރު މީގެ ތެރޭގައިނ ހިމެނެނީ 7 ދިވެހިންނާއި 4 ބިދޭސީންނެވެ.
މިހާތަނަށް ރާއްޖޭގައި ޕޮޒިޓިވްވި މީހުންގެ ތެރެއިން 2049 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި މިވަގުތު ފަރުވާ ހޯދަމުން އަންނަނީ 403 މީހުންނެވެ.