ނ. މަފަރު އިންޓަނޭޝަނަލް އެއާޕޯރޓްގައި ކޮވިޑް-19 އަށް ޓެސްޓް ކުރެވޭނެ އިންތިޒާމް ހަމަޖައްސައި، ޕީސީއާރް ލެބޯޓަރީ އޮޕަރޭޝަނަށް ތައްޔާރުކޮށްފިއެވެ.
ހޯމަ ދުވަހު އޭޑީކޭ ޓްރޭޑް އެންޑް ޝިޕިންގ އިން ކުރި ޓްވީޓެއްގައި ބުނީ، މާފަރު އެއާޕޯރޓުގައި ތައްޔާރު ކުރަމުންދިޔަ ޕީސީއާރް ލެބޯޓަރީގެ މަސައްކަތް ނިމިފައިވާ ކަމަށާއި، ލެބޯޓަރީގެ އޮޕަރޭޝަންތައް މިހާރު ފެށުމަށް ތައްޔާރު ކުރެވިފައިވާ ކަމަށެވެ. އެގޮތުން މި ޕްރޮޖެކްޓަށް ބެނުންވާ ސާމާނު ގެނައުމާއި، ތަނުގެ އިންފްރާސްޓްރަކްޗަރގެ އިތުރުން، އެތަކެތި އިންސްޓޯލްކޮށް ސެޓަޕް ހެދުމަށް 30 ދުވަސް ހޭދަވެފައިވާކަމަށް އޭޑީކޭއިން ބުނެއެވެ.
މާފަރު އެއަރޕޯޓްގައި ކޮވިޑް-19 އަށް ޓެސްޓް ކުރެވޭނެ ލެބެއް ޤާއިމް ކުރުމަށްޓަކައި ބޭނުންވާ ތަކެތި މާލެ ގެނެސްފައިވަނީ މިދިޔަ ޖޫން މަހުގެ 19 ވަނަ ދުވަހުއެވެ. އެގޮތުން ލެބްގާއިމް ކުރުމަށް ބޭނުންވާ ތަކެއްޗާއި ޕީސީއާރު މެޝިން އަދި އެހެނިހެންވެސް އިކުއިޕްމަންޓް ގެނައުމަށްޓަކައި އެކުންފުންޏާއި ހަވާލު ކޮށްފައިވަނީ ސޮނޭވާ ޖާނީ ރިސޯޓު ހިންގާ ސޮނޭވާ ގްރޫޕުގެ ފަރާތުންކަމަށް އޭޑީކޭއިން މައުލޫމާތުދެއެވެ.
މާފަރުގައި ލެބެއް ޤާއިމް ކޮށްފައިވާއިރު، މާލޭގެ އިތުރުން ކޮވިޑް-19 އަށް މިފަދައިން ޓެސްޓް ކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވަނީ ހަމައެކަނި އައްޑޫ ސިޓީއާއި ކުޅުދުއްފުށި ސިޓީގައެވެ.