ކޮވިޑް-19ށް ރާއްޖޭގައި ޕޮޒިޓިވްވި މީހުންގެ ތެރެއިން ހުކުރު ދުވަހުން ބަލިން ފަސޭހަވީ ހުސް ދިވެހިން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭގެ) ޑޭޝްބޯޑުން ދައްކައިފިއެވެ.
ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 1976 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ. މީގެ ތެރެއިން ހުކުރު ދުވަހު ބަލިން ފަސޭހަވިކަމަށް ޑޭޝް ބޯޑުން ދައްކަނީ 6 މީހުންނެވެ. މީގެ ތެރޭގައި ގިނައީ އަންހެނުންނެވެ. އެގޮތުން 4 އަންހެނަކާއި ދެ ފިރިހެނުން ހިމެނޭ އިރު އެމީހުންގެ ތެރޭގައި 11 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ވެސް ހިމެނެއެވެ.
ހުކުރު ދުވަހު ބަލިން ފަސޭހަވި މީހުންގެ ތެރޭގައި ދެން ހިމެނެނީ 65 އަހަރުގެ އަންހެނަކާއި، 53 އަހަރުގެ އަންހެނަކާއި، 31 އަހަރުގެ އަންހެނަކާއި 47 އަހަރުގެ ފިރިހެނެއްގެ އިތުރުން އުމުރު ކަށަވަރު ނުވާ ދިވެހި ފިރިހެނެކެވެ.
މި މީހުންގެ ތެރެއިން 53 އަހަރުގެ އަންހެން މީހާ އަދި 47 އަހަރުގެ ފިރިހެން މީހާ ނިސްބަތްވަނީ "ޑީއެމްއޭ" ކްލަސްޓަރ އަށެވެ. އަދި 65 އަހަރުގެ އަންހެން މީހާއާއި 31 އަހަރުގެ އަންހެން މީހާ ނިސްބަތްވަނީ "ސީއޯއާރު" ކްލަސްޓަރ އަށެވެ. ހުކުރު ދުވަހު ބަލިން ފަސޭހަވި އަނެއް 2 މީހުން ވަކި ކްލަސްޓަރ އަކަށް ނިސްބަތް ނުވެއެވެ.
2 ޖުލައިގައި ވެސް 12 މީހަކު ބަލިސް ފަސޭހަވެފައިވެއެވެ. ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 1976 މީހަކު ބަލިން ފަސޭހަވެފައިވާ އިރު، މިއީ ބަލި ޖެހުނު މީހުންގެ 82 އިންސައްތަ މީހުންނެވެ. އެހެންކަމުން ކޮވިޑް-19 ޖެހިގެން ނިޔާވި މީހުންގެ ނިސްބަތް ނުހިމަނާ ރާއްޖޭގައި މިވަގުތު ބައްޔަށް ފަރުވާ ދެމުން އަންނަނީ 17.39 އިންސައްތަ މީހުންނަށެވެ. އެއީ 419 މީހުންނެވެ.
ރާއްޖޭގައި މިހާތަނަށް ކޮވިޑް-19 ޖެހިގެން 10 މީހަކު ވަނީ ނިޔާވެފައެވެ. މީގެ ތެރޭގައި ހިމެނެނީ 5 ދިވެހިންނާއި 5 ބިދޭސީންނެވެ. 5 ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގުލަދޭޝްގެ 4 މީހަކާއި ފިލިޕީންސް މީހެކެވެ. ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 2410ށް އަރާފައެވެ.