ކޮވިޑް-19 މި ހާލަތުން ރައްކާތެރިވުމުގެ ގޮތުން ކެފޭ އަދި ރެސްޓޯރެންޓުތައް އާންމުންނަށް ބަންދުކުރުމަށް ފަހު ޖުލައި އެއްވަނަ ދުވަހު ހުޅުވާލާފައިވާއިރު ވިޔަފާރީ އާންމުގޮތެއްގައި ރަނގަޅު ކަމަށް ކެފޭ އަދި ރެސްޓޯރެންޓް ހިންގާ ފަރާތްތަކުން މައުލޫމާތުދެއެވެ.
އެގޮތުން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ފުޑް ކޯޓުގައި ހުންނަ ނައިސް އެންޑް ސްޕައިސް ކެފޭގެ މާރކެޓިންގް އޮފިސަރ އިބްރާހީމް ވާހިދު ހަނީފް ވިދާޅުވީ ކެފޭ ހުޅުވި ފަހުން ވިޔަފާރި އާންމު ގޮތެއްގައި ރަނގަޅު ކަމަށާއި އެންމެ ގިނައިން ކަސްޓަމަރުން އަންނަނީ ހެނދުނާއި އަދި ހަވީރު ކަމަށެވެ.
އަދި، އެ ކެފޭ އިން ކުރިން ވެސް ލިބެން ދިޔަ އައިޓަމްސްތައް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ސީހައުސް ރެސްޓޯރެންޓްގެ ފަރާތުން މައުލޫމާތު ދެމެން އޮޕަރޭޝަންސް މެނޭޖަރ އަހްމަދު ޝަކީލް ވިދާޅުވީ ވިޔާފަރި ކުޑަކޮށް ރަނގަޅު ކަމަށެވެ. އަދި ކަމާއި ގުޅޭ އިދާރާތަކުން ދީފައިވާ އިރުޝާދުތަކާ އެއްގޮތަށް ކަސްޓަމަރުން ރެސްޓޯރެންޓަށް ވަނުމުގެ ކުރިން ހުން ބަލާ، ހޭންޑް ސެނެޓައިޒް ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ކޮވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދުގައި އިއުލާންކޮށްފައިވާ ލޮކްޑައުންއަށް ލުއިތަކެއް ދީ ޖުލައި އެއްވަނަ ދުވަހުން ފެށިގެން ވިޔަފާރި ކުރުމަށް ފިހާރަތައް ހެނދުނު 9:00ން ރޭގަނޑު 10:00ށް އަދި ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް، ކެފެޓީރިއާ ފަދަ ތަންތަން ފަތިހު 5:00ން ރޭގަނޑު 10:00ށް ހުޅުވާފައި ބެހެއްޓޭނެ ކަމަށް އިކޮނަމިކް މިނިސްޓްރީން ބުނެފައިވެއެވެ.
އަދި މި ތަންތަނުން އަމަލު ކުރަންވީ ގޮތެއް އުސޫލުތައް އެކުލަވާލާފައިވާއިރު ސައިހޮޓާ، ކެފޭ، ރެސްޓޯރަންޓްތަކުގެ ޚިދުމަތް ދިނުމުގައި އެއްފަހާރާ އެތަނަކަށް ވަދެވޭނެ މީހުންގެ ޢަދަދު ފެންނަ ގޮތަށް ދޮރުމަތީގައި ބެހެއްޓުމުގެ އިތުރުން 3 ފޫޓުގެ ގައިދުރުކަން ހިފެހެއްޓޭ މިންވަރަށް މީހުންނަށް ތިބެވޭ ގޮތަށް އެތަންތަނުގެ އެތެރޭގެ އިންތިޒާމް ހަމަޖެއްސުމަށް މިނިސްޓްރީން އިލްތިމާސް ކޮށްފައިވެއެވެ.