ބޮލީވުޑްގެ މަޝްހޫރު ކޮރިއޯގްރާފަރ ސަރޯޖް ޚާން މަރުވެއްޖެއެވެ.
ހުކުރު ދުވަހު ސަރޯޖް މަރުވެފައިވަނީ ހާޓްއެޓޭކެއް ޖެހިގެންނެވެ. މަރުވިއިރު އޭނާގެ އުމުރަކީ 71 އަހަރެވެ.
ނޭވާލާން އުނދަގޫވުމާއި ގުޅިގެން މުމްބާއީގެ ގުރޫ ނަނަކް ހޮސްޕިޓަލްގައި ސަރޯޖް އެޑްމިޓް ކޮށްފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ. ސަރޯޖް ހޮސްޕިޓަލްގައި އެޑްމިޓް ކުރުމަށްފަހު ކޮވިޑް-19 އަށް ވަނީ ޓެސްޓްކޮށްފައެވެ.
ނަމަވެސް އޭނާގެ ޓެސްޓްގެ ނަތީޖާ ނެގެޓިވް ކަމަށް މަސްދަރާ ހަވާލާދީ އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވެއެވެ.
ސަރޯޖް ވަނީ އޭނާގެ ފިލްމީ ހަޔާތުގައި ފާއިތުވި 40 އަކަށް އަހަރު ތެރޭގައި 2000 އަށް ވުރެ ގިނަ ލަވައިގެ ކޮރިއޯގްރާފް ކޮށްފައެވެ.
ތިން ފަހަރެއްގެ މަތިން ޤައުމީ އެވޯޑް ހާސިލްކޮށްފައިވާ ސަރޯޖް ކޮރިއޯގްރާފް ކޮށްފައިވާ މަޝްހޫރު ލަވަތަކުގެ ތެރޭގައި ފިލްމް "ދޭވްދާސް" ގެ "ޑޯލާރެ ޑޯލާ"، "ތޭޒާބް"ގެ "އޭކް ދޯ ތީން" އަދި "ޖަބްވީ މެޓް" ގެ "ޔޭ އިޝްގް ހާޔޭ" ގެ އިތުރުންވެސް ގިނަ ލަވަތައް ހިމެނެއެވެ.
ސަރޯޖް އެންމެ ފަހުން ކޮރިއޯގްރާފް ކޮށްފައިވަނީ މިދިޔަ އަހަރު ރިލީޒް ކުރި ފިލްމް "ކަލަންކް" ގެ "ތަބާހޯގަޔާ" މި ލަވައެވެ. ލަވައިގައި މާދުރީ ޑިކްސިޓް ފެނިގެންދެއެވެ.