ބޮޑުފިނޮޅުގައި ހިނގަމުންދާ ހަމަނުޖެހުމަށް އަވަސް ޙައްލެއް ހޯދުމާ ގުޅޭގޮތުން މި މަސައްކަތުގެ ކޮންޓްރެކްޓަރ ރިޒް ޕްރައިވެޓް ލިމިޓެޑުން ފުލުހުންގެ އިދާރާއަށް ގޮސް މަޝްވަރާ ކޮށްފައިވާ ކަމަށް ކުންފުނީގެ ޤާނޫނީ ޓީމުން ބުނެފިއެވެ.
ކޮންޓްރެކްޓަރ އެއްގެގޮތުން 2018 ވަނަ އަހަރުން ފެށިގެން މި މަސައްކަތް ކުރަމުންދާ ރިޒް ޕްރައިވެޓް ލިމިޓެޑްގެ ޤާނޫނީ ޓީމުން ނެރިފައިވާ ބަޔާނެއްގައި ބުނީ، ރިސޯޓުގެ މަސައްކަތުގައި ރިޒް ޕްރައިވެޓް ލިމިޓެޑްގެ 200 އެއްހާ ސްޓާފުން އުޅޭއިރު، ރިސޯޓުގެ މަސައްކަތުގެ ބޮޑުބައި ނިމިފައިވާ ކަމަށެވެ.
އޭގެ އިތުރުން، މުވައްޒަފުންގެ މުސާރައިގެ ގޮތުގައި ދޭން ޖެހޭ 7000 ރުފިޔާއާއި، ކެއުމުގެ ޚަރަދުގެ ގޮތުގައި ދުވާލަކަށް ދޭންޖެހޭ 40 ރުފިޔާ ދެއްކުމަށް މަސައްކަތް ޙަވާލުކުރި ސީލް މޯލްޑިވްސްއިން އެއްބަސްވެފައިވާ ކަމަށް ޤާނޫނީ ޓީމުން ބުނެފައިވެއެވެ. އެހެން ނަމަވެސް، މަސައްކަތުގެ އުޖޫރަ ނުދޭތީ ފާއިތުވި ދުވަސްތަކުގައި މުވައްޒަފުން ހިތްހަމަނުޖެހުން ފާޅު ކޮށްފައިވާއިރު، މިހިނގާ މެއި މަހުގެ 16 ވަނަ ދުވަހު ހިމޭން އިހުތިޖާޖެެއްވެސް ވަނީ ކޮށްފައެވެ. އެގޮތުން މި އިހުތިޖާޖުގައި މުވައްޒަފުންގެ ފަރާތުން އެދިފައިވަނީ މުވައްޒަފުންގެ މުސާރަ ދިނުމާއި، މުވައްޒަފުން އަނބުރާ ފޮނުވާލުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ކަމަށްވާއިރު، މި ޚަރަދުތައް ދޭނެކަމަށް ޑިވޮލޮޕަރ (ސީލް މޯލްޑިވްސް) އިން އެއްބަސްވެފައިވާކަން ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.
އެއާއެކު، މިފަދަ ހަމަނުޖެހުމެއް ހިނގާފާނެކަމަށް ބަލައި، 28 މެއި 2020 ގައި ފުލުހުންގެ ސަމާލުކަމަށް އެކަން ގެނެސްފައިވާނެ ކަމަށާއި، އެއަށްފަހު 27 ޖޫން 2020 ގައިވެސް އެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވާނެކަން ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.
މި މައްސަލައަށް އަވަސް ޙައްލެއް ގެނައުމާ ގުޅޭގޮތުން ބުރާސްފަތި ދުވަހުގެރޭ ފުލުހުންގެ އިދާރާއަށް ގޮސް މަޝްވަރާ ކޮށްފައިވާނެ ކަމަށްވެސް ރިޒް ޕްރައިވެޓް ލިމިޓެޑުން ބުނެއެވެ.
ޤާނޫނީ ޓީމުން ނެރެފައިވާ މި ބަޔާނަކީ ސައްޙަ ބަޔާނެއްކަން ކޮންޓްރެކްޓަރ އަދި މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ ވަނީ ރާއްޖެއެމްވީއަށް ކަށަވަރު ކޮށްދެއްވާފައެވެ. އެގޮތުން ރިޒާ ވިދާޅުވީ، މިއަހަރު ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުގެ ފަހުން ކޮންމެ މަހެއްގެ މުސާރަވެސް މަސް ނިމުމުން ސީލް މޯލްޑިވްސްއަށް ބިލް ކޮށްފައިވާނެ ކަމަށެވެ. . އެހެން ނަމަވެސް ޖެނުއަރީ މަހުން ފެށިގެން އޭޕްރީލް މަހަށް ވާ ފައިސާ ބިލު ކުރުމުން ކުންފުނިން ފައިސާ ނުދޭކަން ރިޒާ ފާހަގަ ކުރެއްވިއެވެ.