ބ އަތޮޅުގައި ހަދަމުންދާ ރިސޯޓުގެ ކޮންޓްރެކްޓުގެ މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ މުސާރަ ހަމަޖައްސައިދިނުން އެދި ތަކުރާރުކޮށް ރިސޯޓުގެ މެނޭޖްމަންޓުގައި އެދިފައިވާނެ ކަމަށް ކޮންޓްރެކްޓަރ ވިދާޅުވެއްޖެއެވެ.
ބ އަތޮޅު ބޮޑުފިނޮޅުގައި ބިދޭސީންތަކެއް ވެގެން ދިވެހިން ރަހީނު ކޮށްފައިވާއިރު، ބިދޭސީ މުވައްޒަފުން މި ހަމަނުޖެހުން ހިންގަނީ މުސާރަ ނުދޭތާ ގިނަ ދުވަސްތަކެއް ވެފައިވާތީ ކަމަށް މައުލޫމާތު ލިބެއެވެ.
އެކަމާ ގުޅޭގޮތުން "ރާއްޖެއެމްވީ"އަށް މައުލޫމާތު ދެއްވަމުން އެ މަސައްކަތުގެ ކޮންޓްރެކްޓަރ އަދި މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ ވިދާޅުވީ، މިއަހަރު ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުގެ ފަހުން ކޮންމެ މަހެއްގެ މުސާރަވެސް މަސް ނިމުމުން ކުންފުންޏަށް ބިލް ކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އެހެން ނަމަވެސް ޖެނުއަރީ މަހުން ފެށިގެން އޭޕްރީލް މަހަށް ވާ ފައިސާ ބިލު ކުރުމުން ކުންފުނިން ފައިސާ ނުދޭކަން ފާހަގަކޮށް ރިޒާ ވިދާޅުވީ، މުވައްޒަފުންނަށް މުސާރަ ނުދިނުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށެވެ.
އޭގެ އިތުރުން، ކޮވިޑް-19 ގެ މި ޙާލަތުގައި ކުންފުނިތަކަށްވެސް މާލީ ދަތިކަމާ ކުރިމަތިލާން ޖެހިފައިވާއިރު، ކުންފުނިން މުސާރަ ދިނުން ލަސްވެގެން ދަނީ އެކަމުގެ ސަބަބުން ކަމަށް ބެލެވޭކަމަށްވެސް ރިޒާ ވިދާޅުވިއެވެ. އަދި އޮންނަ އުސޫލުގެ ދަށުން 4 މަހުގެ މުސާރައަށްވާ ފައިސާވެސް ބިލު ކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މުސާރަ ހަމަޖައްސައިދިނުން އެދި މިއަދާ ހަމައަށްވެސް މެނޭޖްމަންޓުގައި އެދިފައިވާނެކަން ފާހަގަ ކުރައްވައި ރިޒާ ވިދާޅުވީ، މެއި މަހުގެ 16 ވަނަ ދުވަހުން ފެށިގެން ރިސޯޓުގައި މަސައްކަތް ކުރަމުންދިޔަ މުވައްޒަފުންގެ މަސައްކަތްވެސް އޮތީ ހުއްޓާލާފައި ކަމަށެވެ.
އެކަމުގެ މައުލޫމާތު މީޑިއާތަކާ ހިއްސާކުރަމުން ފުލުހުން އެންމެ ފުރަތަމަ ބުނެފައިވާ ގޮތުގައި އެ ރިސޯޓުގައި މަސައްކަތް ކުރާ 200އެއްހާ ބިދޭސީން އެރަށުގައި ތިބި 15 ދިވެހި މުވައްޒަފުން އެ ރަށުން ފޭބިޔަ ނުދީ ހިފަހައްޓައި ހަމަ ނުޖެހުން ހިންގާ ކަމަށް މައުލޫމާތު ފުލުހުންނަށް ލިބިފައިވެއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހަމަ ނުޖެހުން ކޮންޓްރޯލް ކުރުމަށް އެރަށަށް ދިޔަ ދެ ފުލުހަކަށް އަނިޔާވެފައިވާއިރު، އެއް ފުލުހަކަށް އަނިޔާވީ އެ ރިސޯޓާ ލޯންޗު ކައިރި ކުރި ތަނުން އެއްލި ދަގަނޑުބުރި އެއް މޭމަތީގައި ޖެހިގެންނެވެ. އަދި އަނެއް ފުލުހަށް އަނިޔާލިބުނީ ނޭފަތްމަތީގައި އެއްޗަކުން ޖެހި ނޭފަތް ފަޅައިގެން ދިޔުމުންނެވެ. ބިދޭސީން ހިންގަމުންދާ މި ހަމަނުޖެހުމުގައި އެ ރިސޯޓަށް ބޮޑެތި ގެއްލުންތަކެއްދީ، ރަށުގެ ބައެއް ތަންތަނުގައި ވަނީ ހުޅުޖަހާފައެވެ.
އޭގެ އިތުރުން، ރިސޯޓުގައި ހިނގަމުންދާ ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް އެސްއޯ ފުލުހުންވެސް 2 އުޅަނދެއްގައި އެރަށަށް ފުރާފައިވެއެވެ.