ރިޔާސީ ކޮމިޝަންތަކުން އެޓަރނީ ޖެނރަލްގެ އޮފީހަށް ފޮނުވާ މަޢުލޫމާތާއި ލިޔެކިޔުންތަކުގެ ސިއްރު ހިފެހެއްޓުމަށްޓަކައި ޢަމަލުކުރާނެ ޚާއްޞަ އިޖުރާއަތުތައް އެކަށައަޅައި، ކަމާބެހޭ އިންތިޒާމްތައް ހަމަޖެއްސުމާބެހޭއުޞޫލުޢާންމުކޮށްފިއެވެ.
އެޓަރނީ ޖެނެރަލްގެ އޮފީހުން ބުނީ ރިޔާސީ ކޮމިޝަންތަކުގެ ޤާނޫނުގެ 13 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން އެކުލަވާލި މި އުޞޫލުގެ ބޭނުމަކީ ރިޔާސީ ކޮމިޝަންތަކުން ތަޙުޤީޤުކޮށް، ދަޢުވާ ކުރުމަށާއި ފިޔަވަޅު އެޅުމަށް އެޓަރނީ ޖެނަރަލްގެ އޮފީހަށް ފޮނުވާ މައްސަލަތަކުގައި ހިމެނޭ އެންމެހައި މަޢުލޫމާތާއި ލިޔެކިޔުންތަކުގެ ސިއްރު ހިފެހެއްޓުމަށްޓަކައި ޢަމަލުކުރާނެ ޚާއްޞަ އިޖުރާއަތުތައް އެކަށައަޅައި، އެކަމާބެހޭ އިންތިޒާމްތައް ހަމަޖެއްސުން ކަމަށެވެ.
ސިއްރު މަޢުލޫމާތަކީ ކޮބައިކަމާއި އެފަދަ މަޢުލޫމާތަކާމެދު ޢަމަލުކުރާނެ ގޮތާއި ތިންވަނަ ފަރާތަކާ އެ މަޢުލޫމާތު ޙިއްސާކުރެވޭނެ ޙާލަތްތަކާއި އެކަމުގައި ޢަމަލުކުރާނެ ގޮތް މި އުޞޫލުގައި ބަޔާންކުރެވިފައިވެއެވެ.
މި އުސޫލުގެ ދަށުން ބައެއް މަޢުލޫމާތާއި ލިޔެކިޔުމަކީ، މި އުޞޫލުގައި ބަޔާންކުރާ އިޖުރާއަތުތަކުގެ ދަށުން އަމަލުކުރަންޖެހޭ، ސިއްރު އަދި އިމްތިޔާޒު ލިބިގެންވާ މަޢުލޫމާތެވެ.
އޭގެ ތެރޭގައި ހިމެނެނީ ރިޔާސީ ކޮމިޝަންތަކުގެ ޤާނޫނުގެ 9 ވަނަ މާއްދާގެ (ށ) އިން ކޮމިޝަންތަކަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، ކޮމިޝަންތަކުން ތަޙުޤީޤުކުރާ މައްސަލަތަކުގައި ހިމެނޭ މަދަނީ ގެއްލުމުގެ ބަދަލު ހޯދުމަށާއި، މުދަލާ ފައިސާ އަނބުރާ ހޯދުމަށް، އެފަދަ މައްސަލަތަކުގައި އަޅަންޖެހޭ ފިޔަވަޅުއެޅުމާއި ދަޢުވާކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ލަފާގެމަތިން، އެޓަރނީ ޖެނެރަލްގެ އޮފީހަށް ފޮނުވާ މައްސަލަތަކުގައި ހިމެނޭ އެންމެހައި މަޢުލޫމާތާއި ލިޔެކިޔުން، އަދި އެފަދަ މަޢުލޫމާތެއް ނުވަތަ ލިޔެކިޔުމެއްގެ ކޮޕީއެވެ.
އަދި ރިޔާސީ ކޮމިޝަނަކުން ކުރަމުންދާ ތަޙުޤީޤަކާ ގުޅޭގޮތުން އެޓަރނީ ޖެނެރަލްގެ އޮފީހުގެ ޤާނޫނީ ލަފަޔަކަށް އެދި ފޮނުވާ އެންމެހައި މަޢުލޫމާތާއި ލިޔެކިޔުން، އަދި އެފަދަ މަޢުލޫމާތެއް ނުވަތަ ލިޔެކިޔުމެއްގެ ކޮޕީއާއި ރިޔާސީ ކޮމިޝަނަކުން ތަޙުޤީޤުކުރުމަށްފަހު ދަޢުވާކުރުމަށް ނުވަތަ ފިޔަވަޅު އެޅުމަށް ފޮނުވާ މައްސަލަތަކުގެ ތެރެއިން ޝަރުޢީ ކޯޓަކަށް ހުށަހަޅައިގެން ކުރިއަށްދާ މައްސަލަތަކާ ގުޅޭގޮތުން، ދައުލަތުގެ އެހެން އިދާރާއަކުން ނުވަތަ އެ ނޫންވެސް އެހެން ފަރާތެއްގެ ކިބައިން ހޯދާ މަޢުލޫމާތާއި އެ މައްސަލައިގައި ހިމެނޭ ހަޞްމަކު ހުށަހަޅާ މަޢުލޫމާތާއި ލިޔެކިޔުން، އަދި އެފަދަ މަޢުލޫމާތެއް ނުވަތަ ލިޔެކިޔުމެއްގެ ކޮޕީ ހިމެނެއެވެ.
ރިޔާސީ ކޮމިޝަނަކުން ކުރަމުންދާ ތަޙުޤީޤަކާ ގުޅިގެން، އެ ކޮމިޝަނާއެކު ބާއްވާ ބައްދަލުވުންތަކުގެ ރިކޯޑިންގއާއި ޔައުމިއްޔާތައް، އަދި އެފަދަ ރިކޯޑިންގއެއް ނުވަތަ ލިޔެކިޔުމެއްގެ ކޮޕީއާއި ރިޔާސީ ކޮމިޝަނަކުން ކުރަމުންދާ ތަޙުޤީޤަކާ ގުޅޭގޮތުން، އެޓަރނީ ޖެނެރަލްގެ އޮފީހާ ޙިއްޞާކޮށްފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ ލިޔެކިޔުން، އަދި އެފަދަ މަޢުލޫމާތެއް ނުވަތަ ލިޔެކިޔުމެއްގެ ކޮޕީއާއި ރިޔާސީ ކޮމިޝަނަކުން ކުރަމުންގެންދާ ތަޙްޤީޤަކާ ގުޅިގެން ކަމާބެހޭ އެއްވެސް އިދާރާއަކުން ފޮނުވާ މަޢުލޫމާތާއި ލިޔެކިޔުން، އަދި އެފަދަ މައުލޫމާތެއް ނުވަތަ ލިޔެކިޔުމެއްގެ ކޮޕީ ސިއްރު މައުލޫމާތުގެ ތެރޭގައި ހިމެނެއެވެ.
ދައުލަތުގެ އިދާރާއަކާއި މައުލޫމާތު ހިއްސާ ކުރާނަމަ މަޢުލޫމާތު ޙިއްޞާކުރަންވާނީ، ޤާނޫނަކުން އެ މަޢުލޫމާތެއް ޙިއްޞާކުރުމަށް އެޓަރނީ ޖެނެރަލްގެ އޮފީހުގެ މައްޗަށް ލާޒިމުކުރާ ފަރާތަކަށެވެ. އަދި މަޢުލޫމާތެއް އެއްވެސް ފަރާތަކާ ޙިއްޞާކުރަންވާނީ، އެ މަޢުލޫމާތެއް ހޯދުމަށް އެދި ލިޔުމަކުން ހުށަހެޅުމުންނެވެ. އަދި މަޢުލޫމާތު ޙިއްޞާކުރުމުގެ ކުރިން އެޓަރނީ ޖެނެރަލް ނުވަތަ ޑެޕިއުޓީ އެޓަރނީ ޖެނެރަލްގެ ހުއްދަ ހޯދަންވާނެ ކަމަށް މި އުސޫލުގައި ބުނެފައިވެއެވެ. އަދި ހުއްދަ ދެވުނުކަން، ލިޔުމުން ރިކޯޑުކުރެވިފައި އޮންނަންވާނެއެވެ.
ޙިއްޞާކުރާ މަޢުލޫމާތަކީ، ހޯދުމަށް އެދިފައިވާ މަޢުލޫމާތުކަން ކަށަވަރުކުރުމާއެކު، އެދިފައިވާ އިތުރުން އެއްވެސް މަޢުލޫމާތެއް ޙިއްޞާ ކޮށްގެން ނުވާނެ ކަމަށް ބުނެފައިވެއެވެ. އަދި މަޢުލޫމާތު ޙިއްޞާކުރަންވާނީ، އެ ޙިއްޞާކުރާ މަޢުލޫމާތަކީ ސިއްރު އަދި އިމްތިޔާޒު ލިބިގެންވާ މަޢުލޫމާތު ކަން، އެ މަޢުލޫމާތެއް ހޯދުމަށް އެދި ހުށަހަޅާފައިވާ ފަރާތަކަށް އެނގޭނެ ގޮތަށް ކަމަށް މި އުސޫލުގައި ބުނެފައިއެވެ. މީގެ އިތުރުން މަޢުލޫމާތެއް ނުވަތަ ލިޔެކިޔުމެއް އެއްވެސް ފަރާތަކާ ޙިއްޞާކުރާނަމަ، އެކަމުގެ ތަފްޞީލްތައް ލިޔެކިޔުމުން ބަލަހައްޓަންވާނެ ކަމަށް މި އުސޫކުގައިވެއެވެ.
މި އުސޫލުގައި ނެތް ކަމެއް ދިމާވެއްޖެނަމަ އެކަމާއި ގުޅިގެން އަމަލުކުރާނެ ގޮތެއް ކަނޑައަޅާނީ އެޓާނީ ޖެނެރަލް ކަމަށް ވެސް މި އުސޫލުގައި ވަނީ ބުނެފައެވެ. މި އުސޫލަށް އަންގާރަ ދުވަހުން ފެށިގެން ވަނީ އަމަލުކުރަން ފަށާފައެވެ.