ސީރިއާގައި މިދިޔަ ހަފްތާގައި ދިން ކެމިކަލް ހަމަލާގައި މަރުވި އާއްމުންގެ ކޮންމެ މީހެއްގެ މަރުގެ ފަހަތުގައި ވަނީ ރަޝިއާ ކަމަށް އިނގިރޭސިވިލާތުގެ ޑިފެންސް ސެކްރެޓަރީ މައިކަލް ފެލޮން ވިދާޅުވެއްޖެއެވެ.
މައިކަލް މިހެން ވިދާޅުވެފައި ވަނީ ސަންޑޭ ޓައިމްސްއަށް ލިޔުއްވާފައިވާ ލިޔުއްވުމެއްގައެވެ.
އޭނާ ވިދާޅުވެފައި ވަނީ ދުރުގައި ތިބެގެން ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރަށް ތާއީދުކުރާ ފަރާތަކީ ރަޝިއާ ކަމަށްވާއިރު އެގައުމުން ޒިންމާ ނަގަން ޖެހޭ ކަމަށެވެ.
މައިކަލް ފެލޮން މިހެން ވިދާޅުވެފައި މިވަނީ ރަޝިއާގެ ފޮރިން ސެކްރެޓަރީއާ ބައްދަލުކުރެއްވުމަށް މޮސްކޯއަށް ކުރެއްވުމަށް އޮތް ދަތުރުފުޅެއް އިނގިރޭސި ފޮރިން ސެކްރެޓަރީ ބޮރިސް ޖޯންސަން ކެންސަލް ކުރައްވާފައި ވަނިކޮށެވެ.
ސީރިޔާގައި ދެވުނު ހަމަލާގެ ތުހުމަތު ގިނަ ބަޔަކު ކުރަމުންދަނީ ރަޝިއާގެ މައްޗަށެވެ.
މައިކަލް ވިދާޅުވެފައި ވަނީ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ދިން ކެމިކަލް ހަމަލާއަކީ ލާއިންސާނީ ބުއްދި ގަބޫލްނުކުރެވޭ ޣައިރުގާނޫނީ ހަމަލާއެއް ކަމަށެވެ.
އެ ހަމަލާއާ ގުޅިގެން ސީރިޔާގެ ސަރުކާރަށާއި ރަޝިޔާ ސަރުކާރަށް ތުހުމަތުގެ އިނގިލި ދިއްކުރެވި ރުޅިވެރި ބަސްތައް ރައްދުވަމުންދާއިރު އެމެރިކާއިން ވަނީ ހަމަލާދިނުމަށް ބޭނުންކުރި ކަމަށް ތުހުމަތު ކުރެވޭ ސީރިޔާގެ ވައިގެ ބޭސްއަށް އަމާޒުކޮށް މިސައިލް ހަމަލާތަކެއް ދީފައެވެ. އަނެއްކޮޅުން އެމެރިކާ އިން ދެން އެފަދަ ކަމެއް ކޮށްފި ނަމަ އޭގެ ހަރުކަށި ރައްދު ދޭނެ ކަމަށް ރަޝިޔާ އާއި އީރާނުން ވަނީ އެމެރިކާ އަށް އިންޒާރުދީފައެވެ.
ރަޝިއާއަށް އިޝާރާތް ކުރައްވައި މައިކަލް ލިއުއްވާފައިވަނީ "މިއީ އެގައުމުގެ ބެލުމުގެ ދަށުން އެންމެ ފަހުން ހިންގި ހަނގުރާމައިގެ ޖަރީމާ" ކަމަށެވެ.