ކ. މާލެ
|
1 ޖުލައި 2020 | ބުދަ 09:22
ހުޅުމާލޭގައި ހިންގަމުން އަންނަ ޖެމްސް ލިޓްސް ޕްރީ ސްކޫލުގައި ބޭއްވި ހަރަކާތެއްގެ ތެރެއިން އެ ސްކޫލުގެ ބައެއް ދަރިވަރުން
ހުޅުމާލޭގައި ހިންގަމުން އަންނަ ޖެމްސް ލިޓްސް ޕްރީ ސްކޫލުގައި ބޭއްވި ހަރަކާތެއްގެ ތެރެއިން އެ ސްކޫލުގެ ބައެއް ދަރިވަރުން
ޙުސައިން މަޚްތޫމް
ގުރުއާން ކްލާސް އަދި ޕްރީސްކޫލްތަކަށް އެހީ ދެނީ
ގުރުއާން ކްލާސްތަކާއި ޕްރީސްކޫލްތަކަށް މާލީ އެހީ ދެނީ
ޒަކާތު ފަންޑުން ޖުމްލަ ދިނުމަށް ހަމެޖެހިފައިވަނީ 1.5 މިލިއަން ރުފިޔާ
ގުރުއާން ކްލާސްތަކަށް 5 ލައްކަ އަދި ޕްރީ ސްކޫލްތަކަށް 1 މިލިއަން ރުފިޔާ ދިނުމަށް ވަނީ ނިންމާފައި
އެހީއަށް އެދި ހުށަހަޅާ ގުރުއާން އަދި ޕްރީ ސްކޫލްތަކުގައި ޝަރުތުތަކެއް ހުންނަންޖެހޭ

ކޮވިޑް-19އާ ގުޅިގެން ޤުރުއާން ކުލާސް ތަކާއި އަމިއްލަ ޕްރީސްކޫލްތަކާއި އަދި ކޮމިއުނިޓީ ޕްރީސްކޫލްތަކަށް ދިމާވެފައިވާ މާލީ ދަތިކަމަށް އެހީތެރިވުމުގެ ގޮތުން، ޒަކާތު ފަންޑުން 1.5 މިލިއަން ރުފިޔާގެ ފައިސާގެ އެހީއެއް ދިނުމަށް ނިންމައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ޒަކާތު ފަންޑުން ފައިސާގެ އެހީ ދިނުމަށް ހަމަޖައްސާފައިވާތީ، އެހީއަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން ކޮވިޑް-19 އާ ގުޅިގެން ޒަކާތު ފަންޑުގެ ދަށުން ލިބިފައިވާ އެހީ ދިނުމަށް ހަމަޖެހިފައިވާ ފަރާތްތަކާއި، އެފަރާތްތުގައި ހުންނަންޖެހޭ ޝަރުތުތައް އަދި، ފައިސާގެ އެހީ ދިނުމަށް ހަމަޖެހިފައިވާ މިންވަރު"ޕްރީސްކޫލްތަކާއި ޤުރުއާން ކިލާސްތަކަށް ފައިސާގެ އެހީ ދިނުމުގެ އުސޫލް"ގައި ހިމަނާފައިވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

މި އުސޫލުގައި ބުނެފައިވަނީ އެހީގެ ފައިސާ ދިނުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ޤުރުއާން ކުލާސްތަކާއި، އަމިއްލަ ޕްރީސްކޫލްތައް އަދި ކޮމިއުނިޓީ ޕްރީސުކޫލުތަކަށެވެ.

ޒަކާތު ފަންޑުން ދޭ ފައިސާގެ އެހީ ދިނުމަށް ހަމަޖެހިފައިވާ މިންވަރަކީ ޤުރުއާން ކުލާސްތަކަށް ޖުމްލަ 500,000 ރުފިޔާ (ފަސްލައްކަ ރުފިޔާ) އަދި ޕްރީސްކޫލްތަކަށް ޖުމްލަ 1،000،000 ރުފިޔާ (އެއްމިލިއަން ރުފިޔާ) އެވެ.

ހުޅުމާލޭގައި ހިންގަމުން އަންނަ ލިޓްލް ޖެމްސް ޕްރީ ސްކޫލުގެ ކުލާހެއްގައި ދަރިވަރުން ކިޔަވަނީ

ފައިސާގެ އެހީދޭ ޕްރީސްކޫލްތަކުގައި ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ރަޖިސްޓްރީ ކޮށްފައިވާ ޕްރީސްކޫލަކަށްވުމާއި، މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ މޯލްޑިވްސް އެޑިއުކޭޝަން އިންފޮމޭޝަން ސިސްޓަމް (މީމިސް) އަށް ރަޖިސްޓްރީވެ އަދި ދަރިވަރުން އެ ސިސްޓަމްއަށް ރަޖިސްޓަރކޮށްފައިވާ ފަރާތަކަށް

ވުމުގެ އިތުރުން ޕެންޝަން އޮފީހުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތަކަށްވުން ހިމެނެއެވެ. މީގެ އިތުރުން 2019 ވަނަ އަހަރުގެ އަހަރީ ރިޕޯޓް މިނިސްޓްރީ އޮފް އެޑިއުކޭޝަނަށް ހުށަހަޅާފައިވާ ފަރާތަކަށް ވެސް ވާން ޖެހެއެވެ.

ގްރުއާން ކްލާސް ހިންގާ ތަންތަނުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގައި ރަޖިސްޓްރީ ކޮށްފައިވާ ކުލާހަކަށްވުމާއި، ވަނަ އަހަރުގެ އަހަރީ ރިޕޯޓް މިނިސްޓްރީ އޮފް އެޑިއުކޭޝަނަށް ހުށަހަޅާފައިވާ ފަރާތަކަށްވުމާއި، 18 އަހަރުން ދަށުގެ ކުދިންނަށް ކިޔަވައިދޭ ކުލާހަކަށްވުމެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ފައިސާގެ އެހީ ދިނުމަށްޓަކައި ހުޅުވާލި ފުރުސަތަށް، އެހީ ހޯދުމަށް ހުށަހަޅާ ޕްރީސްކޫލްތަކަކީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ މޯލްޑިވްސް އެޑިއުކޭޝަން އިންފޮމޭޝަން ސިސްޓަމް (މީމިސް) އަށް ރަޖިސްޓްރީވެ އަދި ދަރިވަރުން އެސިސްޓަމްއަށް ރަޖިސްޓަރކޮށްފައިވާ ފަރާތަކަށް ވާންޖެހޭ ކަމަށެވެ. އެގޮތުން ފައިސާ ދިނުމުގައި ފައިސާ ދޭންޖެހޭ ދަރިވަރުން ކަށަވަރު ކުރާނީ މީމިސް ސިސްޓަމްގެ ތެރެއިންނެވެ. އަދި މިހާތަނަށް މީމިސްގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތަކަށް ނުވާނަމަ އަންގާރަ ދުވަހުން ފެށިގެން 7 ދުވަހުގެ ތެރޭގައި މީމިސްގައި ރަޖިސްޓްރީވެ ދަރިވަރުން ސިސްޓަމް އަށް އަޅަންވާނެ ކަމަށެވެ.

އަދި އެހީ ހޯދުމަށް ހުށަހަޅާ ޤުރުޢާން ކިލާސްތައް އެހީ ހޯދުމަށް ހުށަހަޅާ ފޯރމް އާއިއެކު ރަށު ކައުންސިލް އިން އެ ޤުރުޢާން ކްލާސްއަށް ޙާޟިރުވާ ދަރިވަރުންގެ މަޢުލޫމާތު (ނަން، ގޭގެ އެޑްރެސް،ރަށް،ގްރޭޑް،އައިޑީ ކާޑް ނަމްބަރ) އެކުލެވޭ ލިސްޓެއް ،ތައްގަނޑު ޖަހާ ކައުންސިލްގެ ރައީސް ސޮއިކޮށް ފޮނުވަން ޖެހެއެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަން މެދުވެރިކޮށް ޒަކާތު ފަންޑުން މިދެވޭ އެހީ އަކީ ދަރިވަރުންގެ އުގެނުމާއި އުގަންނައިދިނުން ފަހިކުރުމަށް ޚަރަދު ކުރެވޭ ފައިސާއަކަށް ވާންވާނެ ކަމަށް ބުނެފައިވެއެވެ. މި ފައިސާގެ އެހީއަށް އެދި ހުށަހެޅޭނެ އެއްމެ ފަހު ތާރިހަކީ ޖުލައި މަހުގެ 15 ވަނަ ދުވަހުގެ މެންދުރު 12:00އެވެ.

- ކޮމެންޓް